Advertisement

މުއިއްޒުގެ ވާހަކަ ރައްޔިތުން ގަބޫލު ނުކުރަނީ ބަހާއި އަމަލު ދިމާނުވާތީ: އައްބާސް

8 އޮކްޓޯބަރު 2025 - 07:26 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް އަދި ރައީސް މުހައްމަދު މުއިއްޒު


މުއިއްޒުގެ ވާހަކަ ރައްޔިތުން ގަބޫލު ނުކުރަނީ ބަހާއި އަމަލު ދިމާނުވާތީ: އައްބާސް

8 އޮކްޓޯބަރު 2025 - 07:26 2

ރައީސް މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަ ރައްޔިތުން ގަބޫލު ނުކުރަނީ އެ މަނިކުފާނުގެ ބަހާއި އަމަލު ދިމާނުވާތީ ކަމަށް ވެލިދޫ ދައިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމަށް ދެ އަހަރުވާން ގާތްވެފައި ވާއިރު، ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ގިނަ ވައުދުތައް ނުފުއްދި، ތިން ވަނަ ފަހަރަށް ވައުދުތައް ތަކުރާރުކުރައްވަމުން ގެންދަވާ ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު އެތަކެއް ކަމެއް ކުރައްވަ ވައުދުވެވަޑައިގެންނެވި ކަމަށާއި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަތޮޅުތަކަށް ވަޑައިގެން ވެސް އެ ވައުދުތައް ތަކުރާރު ކުރެއްވި ކަމަށް އައްބާސް ވިދާޅުވި އެވެ.

"ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުން އަތޮޅު ތަކަށް ވަޑައިގެންވެސް ތިން ވަނަ ފަހަރަށް ތަކުރާރުކޮށް ވައުދުވެ ލައްވަނީ ވެސް ކުރީގެ ވައުދުތައް،" އޭނާ ވިދާޅުވި އެވެ.

"ވަޑައިގަންނަވާ ކޮންމެ ތަނެއްގެ ރައްޔިތުން ކުރިފުޅުމަތީގައި ހުންނަވާ މޫނަށް ރުލެއް އަރުވާ ނުލައްވާ ދައްކަވާ ވާހަކަތައް ރައްޔިތުންނަށް ގަބޫލު ނުކުރެވެނީ ވިދާޅުވާ ބަސްފުޅާ އަމަލާ ދިމާ ނުވާތީ."

މުއިއްޒު މިހާރު ރައްޔިތުން އިތުބާރު ނުކުރަނީ ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުގެ 5 ޕަސެންޓު ވެސް މިއަދާ ހަމަށް ފުއްދިފައި ނެތުމުން ކަމަށް އައްބާސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސޮއިކުރި އެތައް މަޝްރޫއު އަކާއި، ފެށި އެތައް މަޝްރޫއުއެއް ކުރިއަށް ނުގެންގޮސް ވަނީ ހުއްޓާލައިފަ އެވެ. އޭގެތެރޭގައި އައްޑޫ ބްރިޖާއި ގއ. ވިލިނގިލީ އެއާޕޯޓާއި، ގދ. ތިނަދޫ އެއާޕޯޓުގެ ބިޔަ މަޝްރޫއު ހިމެނެ އެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ވިއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ހުރީ ނުހައްގު ހުކުމެއްގައި ކަމަށާއި، އެ މަނިކުފާނު މިނިވަން ކުރައްވާނެ ކަމަށެވެ. އަދި އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރާނެ ކަމަށެވެ.

އެ ދެ ވައުދު ފުއްދިފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ޔާމީން މިނިވަނެއް ނުވެ އެވެ. ރާއްޖޭގައި އޮތް އިންޑިއާގެ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ދުއްވަން އޭރު ތިބި ޔުނިފޯމް އެޅި މީހުން ފޮނުވާލުމަކީ އިންޑިއާ އަސްކަރިއްޔާ ފޮނުވާލުން އެއީ ވައުދު ފުއްދުން ކަމަށް ސަރުކާރުން ނިންމި ނަމަވެސް، މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވަން އަދިވެސް ތިބީ އިންޑިއާއިން ފޮނުވި މީހުންނެވެ.

އެއީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހިންދުސްތާން އޭރޮނެޓިކްސް ލިމިޓެޑު މުވައްޒަފުން ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.

މި ފަސް އަހަރުތެރޭގައި ރާއްޖޭގެ އެންމެންނަށް ބޯހިޔާވަހިކަން ހޯދައި ދޭނެ ކަމުގެ ވައުދު ވެސް މުއިއްޒު ވެވަޑައިގެންފައިވެ އެވެ. ނަމަވެސް މި ސަރުކާރުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ނުފަށަ އެވެ.

ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ރަސްމާލެ ތަރައްގީކޮށް އެތަނުން 65،000 ހައުސިން ޔުނިޓު އެޅުމަށް ރާވާފައި އޮތަސް، ރަސްމާލެ ބިންކުން ވެސް ބާރު ސްޕީޑެއްގައި ކުރިޔަށް ނުދެ އެވެ. ރަސްމާލޭގެ އިތުރުން މިހާރު ހިއްކާފައި އޮތް ގުޅިފަޅާއި ގިރާވަރުގައި މީހުން އާބާދުކުރުމަށްޓަކައި މަގުތަކާއި، އެހެން ވަސީލަތްތައް ވެސް ގާއިމުކުރަން ނުފަށަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަށަން ވައުދުވެ، އެންމެ ގާބުރިއެއް ވެސް ބޭއްވިފައި ނުވާ މަޝްރޫއުތަކުގެ ތެރޭގައި މާލޭހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދުގައި ގާއިމުކުރާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު އަދި ވިލިމާލޭގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހިމެނެ އެވެ.

މާލޭ ސަރަހައްދު ތަރައްގީކުރަން އިސްކަންދޭ ފަދައިން ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އުތުރުގެ ހަތަރު އަތޮޅަށް އޮތް ޕްލޭނަކީ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ކޮންސެޕްޓެވެ.

ދެކުނުގެ ހަތަރު އަތޮޅު ވެސް ތަރައްގީކުރަން ރާވާފައިވަނީ ހާއްސަ ކޮންސެޕްޓަކަށެވެ. މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ހަތް އާބަން ސެންޓަރު ވެގެން ދާނީ ކަނޑައެޅޭ ހަތް ރަށަކަށެވެ. ނަމަވެސް މި މަޝްރޫއުތަކުގެ ކުލަ ތަސްވީރެއް އަދި ނުދައްކަ އެވެ.