7 އޮކްޓޯބަރު 2025 - 19:17 0
އެސްޓީއޯގެ ތަރި އިންމި: ބިދޭސީ ކުޅުންތެރިންގެ ސަބަބުން ރާއްޖޭގެ ފުޓްސަލް އަށް ފައިދާކުރާ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ
7 އޮކްޓޯބަރު 2025 - 19:17 0
ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕްގެ ޓީމުތަކުގައި ބިދޭސީ ކުޅުންތެރިން ގިނަވެ، އޭގެ ނަތީޖާއެއްގެ ގޮތުން ފުޓްސަލް ކުރިއަރާތަން ފެންނަ ކަމަށް އެސްޓީއޯ ރެކްރިއޭޝަން ކްލަބަށް ކުޅެމުން އަންނަ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ބުނެފި އެވެ.
ކްލަބް މޯލްޑިވްސް ކަޕަށް ބިދޭސީ ކުޅުންތެރިން އަންނަ ނިސްބަތް އެހެން އަހަރުތަކަށް ވުރެ މި ފަހަރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އެ ގޮތުން، ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭ 24 ޓީމުގެ ތެރެއިން ބައެއް ޓީމުތަކުގައި ބިދޭސީ ދެ ކުޅުންތެރިން ވެސް އެބަހިމެނެ އެވެ. އޭގެ ތެރޭގައި، ދުނިޔޭގެ ލެވަލްގެ އާދަޔާހިލާފު ތަރިން ކަމަށްވާ ކްލަބް އެޗްޑީސީ އަށް ކުޅޭ ޕޯޗުގީސް ލެެޖެންޑް، ރިކާޑީނިއޯ ފަދަ ކުޅުންތެރިން ވެސް ފާހަގަކޮށްލެވެ އެވެ.
"މި ދެން، ފުޓްސަލް ކުރިއެރުމަށް ބަލާއިރު ވަރަށް ބޮޑު އެއްޗެއް މި ލިބެނީ، ބޭރުގައި އެ ކުޅޭ ފުޓްސަލް އަސްލު މި އިންޓެގްރޭޓްވާ ވަރަކަށް ރާއްޖޭގެ ފުޓްސަލް ވެސް ކުރިއަށްދާނެ ކަމަށް މި ގަބޫލުކުރެވެނީ، އެތަން ހަމަ ފެނިގެން ވެސް އެބަދޭ ހަމަ މެޗުތަކުގައި،" އިންމި، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
އެސްޓީއޯ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ އިންމި މި ވަނީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ މެޗުގައި އެސްޓީއޯ އިން 1-0 އިން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަތުން 4-0 އިން މޮޅުވެފަ އެވެ.
އިންމި ބުނީ ދެ މެޗަށް ބަލާއިރު ވެސް ޖުމްލަކޮށް ކުުޅުން ރަނގަޅު ކަމަށެވެ.
"އަސްލު ފުރަތަމަ ވެސް މެޗު ރިޒަލްޓް އަނެއްހެން ބޭނުންވާ ގޮތަށް ނަޔަސް، އަނެއްހެން، ހިތްހަމަޖެހުން އެބައޮތް ޓީމުގެ ކުޅުމާ މެދު ބަލާފައި. ދެން، ދެ ވަނަ މެޗަށް ނުކުތީ ހަމަ ރަނގަޅު ސްކޯ އަކުން މެޗު ނަގަންވެގެން އެ ނިޔަތުގައި ޓީމު އެންމެން ޕްރެކްޓިސް ކޮށްލައިގެން ރެޑީވެލައިގެން ފުރަތަމަ މެޗުގައި އެ ދިޔަ ތަންތަން ބަލާފައި ފޫބައްދާލައިގެން މި މެޗު (ދެ ވަނަ މެޗު) ނަގާލަން ނުކުތީ،" އިންމި ބުންޏެވެ.
އެފްއޭއެމް އިން 2017 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓްސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހޯދީ އިންމިގެ ކެޕްޓަންކަމުގައި އެސްޓީއޯ އިންނެވެ.
އެސްޓީއޯ އަކީ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް، ޖުމްލަ ހަަތަރު ފަހަރު ހޯދާފައިވާ ޓީމެކެވެ. އެކަމަކު، އެންމެ ފަހުން އެސްޓީއޯ އިން ތަށި އުފުލާލީ، މީގެ 10 އަހަރު ކުރިން، 2015 ވަނަ އަހަރު އެވެ. އަހަރުން އަހަރަށް އެސްޓީއޯ އިން މި ފަހުން އަންނަނީ ޓީމު ވަރުގަދަކޮށް އަލުން ތަށި ހޯދަން މަސައްކަތް ކުރަމުންނެވެ.
"މި ފަހަރު ވެސް ފުދޭ ވަރަކަށް ވަރުގަދަ ސެޓަަޕަކާ އެއްކޮށް މި ނުކުންނަނީ، ހަމަ ރަނގަޅު ކޮލިޓީ ޕްލޭޔަރުން އެޑްކޮށްގެން ހަމަ މި ފަހަރު ތަށްޓަށް، ތިބުނާހެން އެސްޓީއޯ އަަބަދުވެސް މި ނުކުންނަނީ ތަށްޓަށް އަނެއްހެން ވަރަށް ދުވަސްވެއްޖެ، މި މަސައްކަތް އެސްޓީއޯ އިން ކުރަމުންދާތާ، މި ފަަހަރު އަނެއްކާ ވެސް ވަރުގަދަކޮށްލައިގެން ހަމަ ސީދާ ތަށި ނަގާލުމުގެ ނިޔަތުގައި މި އޮތީ ނުކުމެ،" އިންމި ބުންޏެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މިރޭ އެސްޓީއޯ އިން ކްލަބް ފެންއާ ދެކޮޅަށް ކުޅޭނެ އެވެ.
Comment