Advertisement

އަންނަ އަހަރު 367 އޮޑިޓު، އެދުނީ 134 މިލިއަނުގެ ބަޖެޓަކަށް

7 އޮކްޓޯބަރު 2025 - 18:10 1

އަމަން ހަލީމް

އަމަން ހަލީމް

އޮޑިޓާ ޖެނެރަލް ނިޔާޒީ އާއި އޮޑިޓު އޮފީހުގެ ވެރިން މާލިއްޔަތު ކޮމިޓީގައި: އޮޑިޓުތައް ހަރުދަނާކުރަން އޮޑިޓު ކުރާ ގޮތްތަކަށް ބައެއް ބަދަލުތައް ގެންނަން އަންނަނީ މަސައްކަތް ކުރަމުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އަންނަ އަހަރު 367 އޮޑިޓު، އެދުނީ 134 މިލިއަނުގެ ބަޖެޓަކަށް

7 އޮކްޓޯބަރު 2025 - 18:10 1

އޮޑިޓާ ޖެނެރަލް އޮފީހުން އަންނަ އަހަރުގެ ތެރޭގައި 367 އޮޑިޓެއް ކުރަން ރާވާފައިވާ ކަމަށާއި މި އޮޑިޓުތައް ކުރުމަށާއި އާ މުސާރައިގެ އޮނިގަނޑަަށް ބަދަލުވާތީ މުސާރަތައް ދޭން އަންނަ އިތުރުވުމާއެކީ އަންނަ އަހަރު 134 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ހުށަހަޅައިފި އެވެ.

އޮޑިޓު އޮފީހުގެ ބަޖެޓު ހުށަހަޅަން މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި އެ އޮފީހުން ބުނީ މި 134 މިލިއަން ރުފިޔާގެ ތެރެއިން 89 މިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދު ކަމަށެވެ. ބާކީ ފައިސާއަކީ ކެޕިޓަލް ހަރަދަށް ތިން މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ ބަޖެޓަށް 42 މިލިއަން ރުފިޔާ އެވެ.

އޮޑިޓު އޮފީހަށް މިދިޔަ އަހަރު ދިނީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ އަހަރެކޭ އެއް ފަދައިން މި އަހަރު ވެސް ބަޖެޓު އިތުރުކުރަން އެދުނު މައިގަނޑު ސަބަބަކީ މުސާރަތައް ބޮޑުކުރުމަށާއި ފަސް ސީނިއާ އޮޑިޓަރުން ނެގުމަށެވެ. މި އޮޑިޓަރުން ނަގަން ޖެހެނީ އާ އޮނިގަނޑުގެ ދަށުން ބައެއް އެލަވަންސްތައް ނުދެވޭތީ، އެ އޮފީހުގެ ޔުނިޓުތަކުގެ ވެރިންގެ ގޮތުގައި އިސް އޮޑިޓަރުން ނުބޭތިއްބޭނެތީ ކަމަށް އޮޑިޓު އޮފީހުން މަޖިލީހުގައި ހުށަހެޅި ޕްރެޒެންޓޭޝަނުގައި ބުންޏެވެ.

އަންނަ އަހަރު އޮޑިޓު އޮފީހުން މަސައްކަތް ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލީ 2026-2028 އަށް ގެންގުޅޭ ސްޓްރެޓެޖިކް ޕްލޭނަށް ބިނާކޮށެވެ. އޮޑިޓު އޮފީހުން ބުނީ މި ޕްލޭނުގައި ވަނީ ތިން އަމާޒެއް ކަމަށާއި އެއީ ސްޓޭކްހޯލްޑް އެންގޭޖުމަންޓު އިތުރުކުރުމާއި ދައުލަތުގެ ހިންގުން ހަރުދަނާކުރަން އެހީތެރިވެދިނުމާއި އޮޑިޓުތަކުގައި ފެންވަރު ރަނގަޅު ޓެކްނޮލޮޖީ ބޭނުން ކުރުން ކަމަށެވެ.

އޮޑިޓު އޮފީހުން އަންނަ އަހަރު ހަދާ އޮޑިޓުތަކުގެ ތެރޭގައި މި އަހަރު ނުހެދިވާ 81 އޮޑިޓުގެ މަސައްކަތް ހިމެނެ އެވެ. އެ އޮފީހުން ބުނީ މި ގޮތަށް އޮޑިޓުތައް ނުނިމި ހުންނަނީ ވަސީލަތްތައް ހުރި ގޮތުން، އޮޑިޓު ކުރުމުގައި ބައެއް އޮޑިޓުތަކަށް އިސްކަން ދޭން މަޖުބޫރު ވާތީ ކަމަށެވެ. އަންނަ އަހަރަށް ރާވާފައިވާ އެހެން އޮޑިޓުތަކުގެ ތެރޭގައި ހިމެނެނީ:

  • ސްޕެޝަލް އޮޑިޓު ފޯކަސްގެ ނުވަ އޮޑިޓު
  • މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކުގެ 61 އޮޑިޓު
  • ލޯކަލް ކައުންސިލުތަކުގެ 94 އޮޑިޓު
  • ޑޯނާ ފަންޑަޑް ޕްރޮޖެކްޓުތަކުގެ 27 އޮޑިޓު
  • އެސްއޯއީތަކުގެ 42 އޮޑިޓު
  • ޕަބްލިކް ފަންޑުތަކުގެ ހަތަރު އޮޑިޓު
  • 16 އައިޓީ އޮޑިޓު
  • ތިން އެންވަޔަރަމެންޓަލް އޮޑިޓު
  • ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ 22 އޮޑިޓު
  • އެމްއެމްއޭގެ އޮޑިޓު

އޮޑިޓު އޮފީހުން ވަނީ އޮޑިޓުތައް ހަރަދުނާކޮށް، މުހިންމު އޮޑިޓުތަކަށް އިސްކަން ދިނުމުގެ ގޮތުން ހައި ރިސްކު ތަންތަނުގެ ގޮތުގައި ބޮޑެތި މިނިސްޓްރީތަކާއި ސިޓީ ކައުންސިލުތައް ގިންތިކޮށް އެ ތަންތަނުގެ ފައިނޭންޝަލް އޮޑިޓު ހަދާ ގޮތަށް ނިންމާފަ އެވެ. އެ އަށް ވުރެ ލޯ ރިސްކު ތަންތަނުގެ ގޮތުގައި ގިންތިކޮށްފައިވާ މިނިވަން މުއައްސަސާތަކާއި ރަށު ކައުންސިލުތަކުގެ ހަދަނީ ކޮމްޕްލަޔަންސް އޮޑިޓެވެ.

އަންނަ އަހަރަށް ރާވާފައިވާ ހާއްސަ އޮޑިޓުތަކުގެ ފޯކަސް ހުރީ ސަރުކާރުގެ އިގުތިސޯދީ އަދި މާލީ ސިޔާސަތުތަކުގެ އަސަރު ވަޒަންކުރުމަށާއި ޕްރޮކިޔުމަންޓުގެ ތެރެއިން ހިންގާ ވައްކަންތަކާ ގުޅިގެން ސަރުކާރުގެ އެހެން ކުންފުނިތައް އޮޑިޓުކުރުމާއި ބަދަލު ނަގައިދިނުމުގެ މައްސަލަތަކާ ގުޅިގެން ބަދަލުގެ ގޮތުގައި ދިނީ އެންމެ ރަނގަޅު އަދަދުތޯ ވަޒަންކުރަން ހަދާ އޮޑިޓުތަކަށެވެ.