Advertisement

ސަލާހުގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމް އިން ބަލަން ފަށައިފި

7 އޮކްޓޯބަރު 2025 - 12:44 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހު: އޭނާގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމް އިން ދަނީ ބަލަމުން


ސަލާހުގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމް އިން ބަލަން ފަށައިފި

7 އޮކްޓޯބަރު 2025 - 12:44 1

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މާފުށި ކައުންސިލްގެ ރައީސް، ހަސަން ސަލާހުގެ އިނގިލި ބިންދާލި މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.

އެޗްއާރްސީއެމްގެ ޕީއާރް އޮފިސަރު އަދަދު އަށް ވިދާޅުވީ ސަލާހުއަށް އަނިޔާވީ މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސަލާހުގެ ލޯޔަރު މުސްތަފާ ހަމީދު އަދަދު އަށް ވިދާޅުވީ ސަލާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ބިންދާލީ ވައަތުގެ ބޮޑުވައި އިނގިލި ކަމަށާއި އޭނާގެ ކަނާއަތް ފަރާތު އަރިކަށީގައި ވެސް ޒަހަމެއް ހުރި ކަމަށެވެ.

"ސޮލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވައަތުގެ ބޮޑުވައި އިނގިލި ފުލުހުން ވަނީ ބިންދާލާފައި. އަދި ކަނާއަތް ފަރާތު އަރިކަށީގައި ޒަހަމެއް އެބަހުރި. މިކަންކަމަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ހިނގާފައިވާ ކަންކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސަލާހު ގެންދިޔައިރު ގަދަ ހެދުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެފައިވާ ކަމަށާއި އެކަމަކު ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނި ކަމަށެވެ.

ސޮލާހުއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނީ 24 ގަޑިއިރު ފައިތުވި ފަހުން ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުޒާހަރާގެ ތެރެއިން ޖުމްލަ އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، މުއްދަތު ޖެހި މީހުންގެ ތެރޭގައި ސޮލާހު ވެސް ހިމެނެ އެވެ.

މާފުށި ކައުންސިލުގެ ހަތަރު މެންބަރުން ސޮއިކުރައްވައި އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ސޮލާހު ހައްޔަރު ކުރުން ވަނީ ކުށްވެރިކޮށްފަ އެވެ. މިހިނދުން މިހިނދަށް ސޮލާހް ބަންދުން ދޫކޮށްލުމަށް ވެސް މާފުށި ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

މުޒާހަރާއަށް އެތައް ހާސް ބަޔަކު ޖަމާވެ، ހިނގާފައި މަޖީދީ މަގުން ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް އަޑުގަދަ ހަތިޔާރު (ސޮނިކް ވެޕަން) ބޭނުންކުރި އެވެ.