7 އޮކްޓޯބަރު 2025 - 12:45 0
އަރުޝަމް އަބްދުالله
7 އޮކްޓޯބަރު 2025 - 12:45 0
ތައިލެންޑަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ 22 މީހުން މަރުވެއްޖެ އެވެ.
މި ހާދިސާގެ އަސަރު ތައިލެންޑުގެ 16 ޕްރޮވިންސަކަށް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތައިލެންޑުގެ އުތުރުގެ ޕްރޮވިންސްތައް އަދި މެދު ޕްރޮވިންސްތަކުގެ އިތުރުން އިރު އުތުރުގެ ޕްރޮވިންސްތައް ހިމެނެ އެވެ. މި ހާދިސާގައި މިހާތަނަށް 22 މީހުން މަރުވެފައި ވާއިރު, މި ހާދިސާގެ ސަބަބުން 300,000 އަށް ވުރެ ގިނަ މީހުނަށް ގެއްލުން ވެފައިވާކަމަށް ތައިލެންޑުގެ ނޫސް ތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ތައިލެންޑަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެގައުމުގެ ކޯރުތައް ބަންޑުންވެ, މަގުތަކުގެ ބޭނުން ނުކުރެވޭ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. އަދި އޭގެ އިތުރުން ގެ ތަކަށް ފެން ވަދެ, ދަނޑު ބިންތަކަށް ވެސް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ލިބަފަ އެވެ.
މި ހާދިސާގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. އެ ގައުމުގެ ބޮޑުވަޒީރު ވަނީ ގެއްލުން ވެފައިވާ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އޮފިސަރުންނަށް އަންގާފަ އެވެ. ތައިލެންޑުގެ ސަރުކާރުން ވަނީ ގެއްލުންވި ފަރާތްތަކަށް ބަދަލު ދިނުމަށް 165 މިލިއަން ޑޮލަރު ހަމަޖައްސާފަ އެވެ.
ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން ގިނަ މީހުން މިވަގުތު ދިރިއުޅެމުން ގެންދަނީ ރައްކާތެރި ކޭމްޕް ތަކުގެ އިތުރުން އެ ގައުމުގެ ފައްޅި ތަކުގައި ކަމަށް އެހީދޭ އޮފިސަރުން ބުނެ އެވެ. ތައިލެންޑުގެ ބޮޑު ހިސާބެއްގައި ކަރަންޓު ކެނޑި ބައެއް ސަރަހައްދު ތަކުގައި ސާފު ބޯފެން ހޯދުމަށް ވަނީ ދަތިވެފަ އެވެ.
ތައިލެންޑުގައި ވިއްސާރަ މޫސުމުގައި ފެންބޮޑުވުމަކީ އާންމު ކަމެއް ކަމަށް އެ ގައުމުގެ ތިމާވެށީގެ ތަޖުރިބާކާރުން ބުނެ އެވެ. އެހެން ނަމަވެސް މިފަހަރު ކުރަމުންދާ ވިއްސާރަ އަކީ މިއީ އެހެން ފަހަރުތަކަށް ވުރެ ބޯކޮށް ކުރަމުންދާ ވިއްސާރައެއް ކަމަށް އެފަރާތްތަން ބުނެ އެވެ. އަދި މިއީ މިހާރު ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވާ ކަމެއްގެ ގޮތުގައި އެފަރާތްތަކުން ވަނީ ފާގަހަކޮށްފަ އެވެ.
Comment