about 2 hours 0
އަހުމަދު އާއިދު
މޯލްޑިވިއަންގެ އެއާބަސް އޭ-330 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި ---- ފޮޓޯ: މޯލްޑިވިއަން
about 2 hours 0
މާލެއިން ފުރައިގެން ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރަމުންދިޔަ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުލައިޓެއް ސްރީލަންކާގެ ވެރިރަށް، ކޮލަމްބޯއަށް ޑައިވާޓުކޮށްފި އެވެ.
ވައިގެ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކާއި އެއާޕޯޓުތަކަށް އައިސްގޮސްވާ ބޯޓުތަކުގެ ތަފުސީލު ފެންނަ ސައިޓުތަކުން ދައްކާގޮތުން މޯލްޑިވިއަންގެ އެއާބަސް އޭ-320 މަރުކާގެ މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރީ މިއަދު ހެދުނު 8:00 ހާއިރު އެވެ.
މާލެއިން ބެންކޮކަށް ދަތުރުކުރާ އާންމު ރޫޓުން ދަތުރުކުރަމުން ގޮސް ބޯޓުގެ މިސްރާބު ބަދަލު ކޮށްފައިވަނީ ފުރިތާ ގަޑިއިރެއްހާއިރު ފަހުންނެވެ.
އެ ބޯޓު ފުރަތަމަ އިންޑިއާ އާއި ދިމާލަށް ދަތުރުކުރުމަށްފަހު އަނެއްކާ އަނބުރާލައި އައިސް މިހާރު ވަނީ ކޮލަމްބޯގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފަ އެވެ. ބޯޓު ކޮލަމްބޯއަށް ޖެއްސީ ރާއްޖެ ގަޑިން 10:50 ހާއިރު އެވެ.
މިކަމާއި ގުޅިގެން މި ނޫހުން މޯލްޑިވިއަންގެ އޮފިޝަލުންނާއި ސުވާލުކުރުމުން ބުނީ ފްލައިޓު ޑައިވާޓުކުރަން ނިންމީ ބޯޓަށް އެއްވެސް މައްސަލައެއް ދިމާވެގެން ނޫން ކަމަށެވެ.
އެފަދަ މައްސަލައެއް ދިމާވެ، ބޯޓުގެ ދަތުރުގައި އާދަޔާ ހިލާފު ކަމެއް ހުރި ކަމަކަށް ފްލައިޓު ޑޭޓާ އަކުން ވެސް ނުދައްކަ އެވެ.
މޯލްޑިވިއަންގެ އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި ލަންކާއަށް ޖައްސަން ނިންމީ ތައިލެންޑުގެ ވައިގެ ސަރަހައްދުގައި ހުރި ރެސްޓްރިކްޝަން ތަކެއްގެ ސަބަބުން ދަތުރު ދިގުވާނެ ކަމަށް ބެލެވޭތީ އިތުރަށް ތެޔޮ އެޅުމަށް ކަމަށެވެ. ބޭނުންވާ ވަރަށް ތެޔޮ އެޅުމަށްފަހު ބެންކޮކަށް ފުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
ތައިލެންޑުގެ ވައިގެ ސަރަހައްދުގެ ސަލަމާތީ ކަންކަން ވަރުގަދަކޮށް، ރެސްޓްރިކްޝަންތައް އިތުރުކޮށްފައިވަނީ އެ ގައުމާއި ކެމްބޯޑިއާ އާ ދެމެދު އޮންނަ ބޯޑަރާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން ދެ ގައުމުން ބަދަލުކުރަމުންދާ ހަމަލާތަކާއި ގުޅިގެންނެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ދެ ގައުމުން ހަމަލާތަކެއް ބަދަލުކުރި އެވެ. އެ ފަހަރު ފަސް ދުވަހަށް ބަދަލުކުރި ހަމަލާތަކުގައި 48 މީހުން މަރުވެ 300،000 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. އެ ހަމަލާތައް ހުއްޓާލީ އެމެރިކާ މެދުވެރިވެގެން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ރެސްޓްރިކްޝަން ތަކާއެކު ވެސް ބެންކޮކަށް އެކި އެއާލައިންތަކުން ހުއްޓުމެއްނެތި ދަނީ ދަތުރުކުރަމުންނެވެ. މި ވަގުތު ވެސް ބެންކޮކުގެ ހުރިހާ އެއާޕޯޓަކުން ދަނީ ބުރޫއެރުމެެއްނެތި ހިދުމަތް ދެމުންނެވެ.
Comment