Advertisement

ފައިސާ ދިނަސް ކޮންޓްރެކްޓަރުން މަސައްކަތް ނުކުރާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

7 އޮކްޓޯބަރު 2025 - 12:59 7

އަމަން ހަލީމް

އަމަން ހަލީމް

ރައީސް މުހައްމަދު މުއިއްޒު ފެންފުށީގައި ވާހަކަ ދައްކަވަނީ: ސަރުކާރުން ވިސްނަނީ އެއްބަސްވުން ބާތިލުކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ފައިސާ ދިނަސް ކޮންޓްރެކްޓަރުން މަސައްކަތް ނުކުރާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

7 އޮކްޓޯބަރު 2025 - 12:59 7

ކޮންޓްރެކްޓަރުން ކުރި މަސައްކަތްތަކަށް ސަރުކާރުން ފައިސާ ނުލިބޭ ކަމުގެ ޝަކުވާގެ އަޑުތައް ނުކެނޑެނީސް، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ދިނަސް އެ ކުންފުނިތަކުން މަސައްކަތް ނުކުރާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފެންފުށީ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަައިގައި، އެ ރަށުގެ ނަރުދަމާ ގާއިމުކުރުމުގެ ޕްރޮޖެކްޓު ހުއްޓިފައި އޮތް މައްސަލައަށް އިޝާރާތްކުރައްވަމުންނެވެ.

ފެންފުއްޓަކީ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރެވިފައި ނުވާ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. މި ރަށުގައި ނަރުދަމާ ނިޒާމު ގާއިމުކުރަން ޔާމީން ސަރުކާރާއި ސޯލިހު ސަރުކާރުގައި ވެސް ބަޔަކާ ހަވާލުކުރި އެވެ. އެކަމަކު މަަސައްކަތް ހަވާލުކުރިތާ އަށް އަހަރު ވޭތުވެ، ނުވަ ވަނަ އަހަރު ހިނގަމުންދާ އިރު، އަދިވެސް އެ މަސައްކަތް ނުނިމެ އެވެ.

ޔާމީން ސަރުކާރުގައި، އެއީ އޭޕްރިލް 26، 2017 ގައި، މި މަސައްކަތް 35 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކުރީ އިންޑިއާގެ ލަކީ އެކްސްޕޯޓްސް އެންޑް އެސޯސިއޭޓްސްއާ އެވެ. އެ ކުންފުންޏަށް ނިންމުނީ އެ ރަށުގެ ސާވޭގެ މަސައްކަތާއި، އީއައިއޭގެ މަސައްކަތާއި، ޑިޒައިން މަސައްކަތުގެ އިތުރުން އިދާރީ އޮފީހުގެ 90 ޕަސެންޓެވެ.

ލަކީ އެކްސްޕޯޓްސްއަށް މަސައްކަތް ނުނިމިގެން، ސޯލިހު ސަރުކާރުގައިި، މާޗު 25، 2021 ގައި، އެ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ކުރަން 19.3 މިލިއަން ރުފިޔާއަށް އަޒްރޯވާ ކިޔާ ދިވެހި ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

މުއިއްޒުގެ ވާހަކައިގައި އަޒްރޯވާގެ ނަން ނުގަނެ ވިދާޅުވީ، ފެންފުށީ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާ ހަވާލުކުރި އެއްވެސް ރަށެއްގެ މަސައްކަތް ނުހިނގާ ކަމަށެވެ. އަދި އެއީ ފައިސާގެ މައްސަލައެއް އޮވެގެންވާ ކަމެއް ނޫން ކަމަށާއި މިނިސްޓްރީން އުޅެގެން ވެސް އެ ކުންފުނި ލައްވައި މަސައްކަތް ކުރުވޭނެ ގޮތެއް ނުވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ރަށެއް ނުހިނގަނީ ރަނގަޅަށް. ހުއްޓިފައި. ސަރުކާރުން ޕޭމަންޓުގެ އިޝޫއެއް ވެސް ނެތް. ކޮށްފައި އޮތް މަސައްކަތަކަށް ވިއްޔާ ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީފައި. ދެން، އެއްވެސް ރަށެއްގައި މަސައްކަތް ނުހިނގުމަކީ، އަޅުގަނޑުމެން ސަރުކާރުގެ މިނިސްޓްރީގެ ހައިސިއްޔަތުންވެސް، ވަރަށް ބޮޑަށް އެކަމުގައި ބާރުއަޅައިގެން، ނުވެގެން އުޅޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރުން ވިސްނަނީ އެއްބަސްވުން އުވާލަން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މި މަސައްކަތް ނިމޭއިރު، ނަރުދަމާ ނިޒާމަށް ރައްޔިތުން ހުށަހެޅި ކަންކަމަށް ވެސް ރިއާޔަތްކުރެވި، އެ ބަދަލުތައް ފެނިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސާ ދީގެން ވެސް ކުންފުނިތަކުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވިއިރު، ކުރީ ސަރުކާރާއި މި ސަރުކާރުގައި ކޮންޓްރެކްޓަރުންނަށް ގަވާއިދުން ފައިސާ ނުދެވުމުގެ ސަބަބުން ކޮންސްޓްރަކްޝަން ސިނާއަތް ވަނީ ވަރަށް އަޑިއަޅާލާފަ އެވެ. ބައެއް ކުޑަ އަދި މެދު ފަންތީގެ ވިޔަފާރިތަކުން ވަނީ ވިޔަފާރި ވެސް ހުއްޓާލާފަ އެވެ.

މި ފަހުން މުއިއްޒު ވަނީ، މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ކޮންޓްރެކްޓަރުން ހިމެނޭހެން ސަރުކާރުން ފައިސާ ނުދީ ހުރިހާ ހުރިހާ ބިލުތަކަށް ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.