Advertisement

މާމިގިއްޔަށް މުއިއްޒުވީ އެންމެ ބޮޑު ވައުދު, މާމިގިލި ޕޯޓުގެ ވާހަކައެއް ނެތް

7 އޮކްޓޯބަރު 2025 - 10:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުހައްމަދު މުއިއްޒު: ކައުންސިލާ ބައްދަލުކުރައްވާ ވެސް ޕޯޓުގެ ހިދުމަތް ފެށޭނެ ތާރީހެއް ވިދާޅުވެފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް


މާމިގިއްޔަށް މުއިއްޒުވީ އެންމެ ބޮޑު ވައުދު, މާމިގިލި ޕޯޓުގެ ވާހަކައެއް ނެތް

7 އޮކްޓޯބަރު 2025 - 10:58 0

ރައީސް މުހައްމަދު މުއިއްޒު އދ. މާމިގިލި ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމުގައިވާ، އެ ރަށު އިންޓަނޭޝަނަލް ޕޯޓު އަލުން ހުޅުވުމުގެ ވާހަކަ ނަން ވެސް ނުގަންނަވައި، އެ ރަށުން ފުރާވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު މާމިގިއްޔަށް ވަޑައިގެން އެ ރަށު ރައްޔިތުން ގާތު ވިދާޅުވީ، އިންތިހާބު ވެއްޖެ ނަމަ، ސަރުކާރުން މާމިގިލީ އިންޓަނޭޝަނަލް ޕޯޓު އަލުން ހުޅުވައި، ފީސިބަލް ތަނަކަށް ހެދުމަށްފަހު ހިދުމަށް ދޭން ފަށާނެ ކަމަށެވެ.

"ޕޯޓެއް ކުރިއަށްދާނ،ީ ޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ހިމަނައިގެން. އެހެންވީމާ ޕޯޓު ހަގީގަތަކަށް ހަދައި ފީސިބަލް ތަނަކަށް ހެދުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނާއި ފެސިލިޓީއެއް މިރަށުގައި ގާއިމްކޮށްދޭނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

މާމިގިއްޔަށް އިއްޔެ މުއިއްޒު ވަޑައިގެން، އެ ރަށު ކައުންސިލާ ބައްދަލުކުރައްވާ ވެސް ޕޯޓުގެ ހިދުމަތް އަލުން ފެށުމަށް އޮތް ޕްލޭނެއް ވިދާޅެއް ނުވެ އެވެ. ޕޯޓުގެ ހިދުމަތް ފެށޭނެ ތާރީހެއް ވެސް ވިދާޅެއް ނުވެ އެވެ.

މައުލޫމާތު ހުރި އެކި މަސްދަރުތަކުން އަދަދު އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މާމިގިލީ އިންޓަނޭޝަނަލް ޕޯޓު ހުޅުވުމަށް މި ސަރުކާރުން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

މާމިގިލީ އިންޓަނޭޝަނަލް ޕޯޓު ތަރައްގީކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމައި އެ މަސައްކަތް އެމްޕީއެލްއާ ހަވާލުކުރީ 2017 ގަ އެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމައި ޕޯޓުގެ ހިދުމަތް ދޭން ފެށީ 2018 ވަނަ އަހަރު އެވެ. ޕޯޓުން ހިދުމަތް ދިނުން ހުއްޓުނީ މިދިޔަ ސަރުކާރުގަ އެވެ.

ޕޯޓުގެ އިތުރުން މި ސަރުކާރުން މާމިގިލީގައި ފަށަން ވައުދުވި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން، ޔުނިވާސިޓީ ކެމްޕަހެއް ގާއިމުކުރުން، އޭޓީއެމް ހިދުމަތް، އާ މިސްކިތެއް އިމާރާތްކުރުން، ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަދި ޒުވާނުންނަށް ސްޕޯޓްސް ފެސިލިޓީއެއް އެޅުމެވެ.

ނަމަވެސް އެ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ މަސައްކަތް ރޭ އެކި ފަރާތްތަކާ ހަވާލު ކުރި ނަމަވެސް، ސަރުކާރަށް ދެ އަހަރު ފުރުމާ ގާތްވަމުންދާއިރު އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައި ނުވާކަން ފާހަގަކުރެވެ އެވެ.

މަޝްރޫއުތަކުގެ މަސައްކަތް ނުފެށި ދިގުލައިގެންދާތީ އެކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން މި ނޫހާ ވަނީ ހިއްސާކޮށްފަ އެވެ.