Advertisement

ކުޑަކުދިން ހިމެނޭ ޖިންސީ ކުށުގެ ތިން މައްސަލައެއް ޕީޖީން އެދިގެން ބާތިލުކޮށްފި

7 އޮކްޓޯބަރު 2025 - 10:59 0

އަމަން ހަލީމް

އަމަން ހަލީމް

ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަތައް ރަމްޒުކޮށްދޭ މަންޒަރެއް: ކުޑަކުދިން ހިމެނޭ ޖިންސީ ކުށްތަކުގައި އިންސާފު ނުލިބޭ ކަމުގެ ޝަކުވާ އަބަދު ވެސް އިވޭ -- ފޮޓޯ: އަދަދު


ކުޑަކުދިން ހިމެނޭ ޖިންސީ ކުށުގެ ތިން މައްސަލައެއް ޕީޖީން އެދިގެން ބާތިލުކޮށްފި

7 އޮކްޓޯބަރު 2025 - 10:59 0

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް މުރާޖައާކުރުމުގެ ތެރެއިން، ކުޑަކުދިން ހިމެނޭ ޖިންސީ ކުށުގެ ތިން މައްސަލައެއްގައި ހައި ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދަން އެ އޮފީހުން އެދިގެން އެ މައްސަލަތައް ބާތިލުކޮށްފި އެވެ.

މީގެ ތެރެއިން އިއްޔެ ބާތިލުކުރި އެއް މައްސަލައަކީ، އާއިލާގެ މީހަކު އޭނާގެ އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ މައްސަލަ އެވެ. މި މައްސަލައިގައި ތުހުމަތު ކުރީ ހާޝިމް އާދަމް ކިޔާ މީހަކަށެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމް ކުރީ އެ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. މިއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ، މައްސަލައިގެ އިތުރު ތަފުސީލެއް ނުލިބެ އެވެ.

ހާޝިމް އާދަމްގެ މައްސަލަ ބާތިލުކުރަން އެދި ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ވަނީ މި މައްސަލައިގެ ހާދިސާ ހިނގިތާ އަށް އަހަރު ވެފައިވާ ކަމަށެވެ. އަދި އިސްތިއުނާފުކުރިތާ ދެ އަހަރު ވީ އިރު ވެސް ހައި ކޯޓުގައި އަޑުއެހުންތައް ނުފަށާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ. ޕީޖީން ބުނީ، މި މައްސަލައިގައި ދަށު ކޯޓުގައި ހެކި ބަސް ލިބިފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށެވެ.

ހައި ކޯޓުން ބާތިލުކުރި އަނެއް މައްސަލައަކީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ މައްސަލައެކެވެ. މި މައްސަލައިގައި ތުހުމަތުކުރީ އަބްދުލް ގާދިރު ހުސެއިން ކިޔާ މީހަކަށެވެ.

މިއީ ވެސް ހާދިސާ ހިނގިތާ އަށް އަހަރު ވެފައިވާ، އަދި އިސްތިއުނާފު ކުރިއަށް ދާތާ ހަތަރު އަހަރު ވެފައިވާ މައްސަލައެކެެވެ.

މި މީހާގެ މައްސަލަ ބާތިލުކުރަން އެދި ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުނީ، ސްޓްރޯކެއް ޖެހި އޭނާ ވާގި ނެތިފައިވާ ކަމަށާއި މި ވަގުތު ވެސް އޭނާއަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ މަންމަ ވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޕީޖީ އޮފީހަށް އަންގާފަ އެވެ.

ދެން ބާތިލުކުރި މައްސަލައަކީ ވެސް އިތުބާރު ހުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ މައްސަލައެކެވެ. މި މައްސަލައިގައި ތުހުމަތުކުރީ އަހުމަދު މުފީދު ކިޔާ މީހަކަށެވެ.

މުފީދުއަށް ތުހުމަތުކުރެވޭ މައްސަލައިގެ ހާދިސާ ހިނގިތާ 10 އަހަރު ދުވަސް ވެފައިވާ އިރު، ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރިތާ ހަތަރު އަހަރު ވެއްޖެ އެވެ. މިއީ ދަނގެތީ މެޖިސްޓްރޭޓު ކޯޓުން އިބްތިދާއީ މަރުހަލާގައި ބޭރުކޮށްލާފައި އޮތް މައްސަލައެކެވެ.

މި މައްސަލަ ބާތިލުކޮށްދޭން އެދި ޕީޖީ އޮފީހުން ހައި ކޯޓަށް ފޮނުވި ސިޓީގައި ބުނީ، މި މައްސަލަ ސާބިތުކުރެވޭނީ އަލުން ދަށު ކޯޓުގައި މައްސަލަ ހިނގައި، އަނިޔާ ލިބުނު ކުއްޖާ އާއި އެ ކުއްޖާގެ މަންމަގެ ހެކިބަސް ލިބިގެން ކަމަށެވެ. ނަމަވެސް މަންމަ އާއި ކުއްޖާ ވެސް މިހާރު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ޕީޖީން ބުންޏެވެ.

ކުޑަކުދިން ހިމެނޭ ޖިންސީ ކުށުގެ މައްސަލަތައް ވެސް ރިވިއުކުރުމަށް ފަހު ދޫކުރަމުން އަންނައިރު، މިއީ ރާއްޖޭގައި ބޮޑެތި ކުށްތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ކުށެކެވެ. އަދި "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ ދަށުން މި ފަދަ މައްސަލަތަކުގައި ހައްޔަރުކުރުމުގެ މަރުހަލާއިން ފެށިގެން ޝަރީއަތް ކުރުމުގެ މަރުހަލާ އާއި ހުކުމް ތަންފީޒުކޮށް ނިމޭ ފަހުން ވެސް މި މައްސަލަތަކުގައި ގެންގުޅެނީ ހާއްސަ އުސޫލުތަކެކެވެ.

އޭގެ އިތުރުން، މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ނުވަތަ އެ ކުށް ސާބިތުވެ ހުކުމްކޮށްފައިވާ މީހުންނާ މެދު ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުކަށި ސްޓޭންޑާ ވެސް އިދިކީލި ކަމެކެވެ. މުއިއްޒު މިހެން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބަޔަކު ދޫކޮށްލުމާ ގުޅިގެން އާންމުން ނުރުހުން ފާޅުކުރަން ފެށުމުންނެވެ.

މި ފަހުން ޓެގު އަޅުވާފައި މީހުން ދޫކުރަން ފެށި އިރު ވެސް، ކުޑަކުދިން ހިމެނޭ ޖިންސީ ކުށުގެ މައްސަލަތަކުގައި ތިބި މީހުންނަށް ލުއި ނުދޭން ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރާއްޖޭގައި ގިނަ އެވެ. އަދި މި ފަދަ މައްސަލަތަކުގައި ޝިކާރައަކަށްވެ، އަނިޔާ ލިބޭ ކުދިންނަށް އިންސާފު ނުލިބޭ ކަމުގެ ޝަކުވާ ވެސް ބޮޑެވެ. މިހެން ރިޕޯޓު ކުރާ ގިނަ މައްސަލަތަކުގައި ހިމެނެނީ އާއިލާގެ މީހުންނާއި ޓީޗަރުން ފަދަ އިތުބާރު ހުރި މަގާމުތަކުގައި ތިބޭ މީހުންނެވެ.