6 އޮކްޓޯބަރު 2025 - 20:36 0
ލީވާން އަލީ ނާސިރު
6 އޮކްޓޯބަރު 2025 - 20:36 0
ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރިއިރު، އެ ގާނޫނުގައި ބުނާ ގޮތަށް އެކުލަވާލަން ޖެހޭ އުސޫލުތައް މުއްދަތު ހަމަވިފަހުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ގެޒެޓުކޮށްފި އެވެ.
އެލްޖީއޭއިން ގެޒެޓުކުރީ ލޯކަލް ކައުންސިލްގެ އުމުރު ހަމަވުމުގެ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތުގައި، ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި، ކައުންސިލުގެ އިހްތިސާސުގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި ދިނުމާއި، ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައެޅިފައިނުވާ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލެވެ.
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓް 6، ގަ އެވެ. އަދި އޮގަސްޓް 14، ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.
އެ ގާނޫނުގައި އޮތް ގޮތުން ބަންދު ދުވަސްތައް ލައިގެން އިސްލާހުކުރަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އަދި އަލަށް އެކުލަވާލަން ޖެހޭ އައު ގަވާއިދުތަކާއި އިސްލާހުތައް އެކުލަވާލުމުގެ މުއްދަތު ވަނީ ސެޕްޓެމްބަރު 13، ގައި ހަމަވެފަ އެވެ. ބަންދު ދުވަސްތައް ލައިގެން އެ މުއްދަތު އޮކްޓޯބަރު 1، ގައި ވަނީ ހަމަވެފަ އެވެ.
އެލްޖީއޭއިން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާނުލައި ދިގުލައިގެންދާތީ ކައުންސިލްތަކަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނުނެގި، ގޯތި ދޫކުރުންފަދަ މުހިންމު އެތައް ކަމެއް އޮތީ މަޑުޖެހިފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލު މުއިއްޒު ތަސްދީގުކުރެއްވީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އިދިކޮޅު އެމްޑީޕީން ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށެވެ. ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އެއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ބަދަލެއް ކަމަށެވެ.
ކައުންސިލުތަކުގެ މި ކަންބޮޑުވުން އޮތް ނަމަވެސް، މި ހުރިހާ ކަންބޮޑުވުމަކަށް ބީރުކަންފަތެއްދެއްވައި މުއިއްޒު ވިދާޅުވީ އެ ބިލުގައިވާ ކަންކަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި މިއީ އެ ނިޒާމު އިތުރަށް ތަރައްގީކުރުމަށް ޓަކައި ގެންނައި ބަދަލުތަކެއް ކަމަށެވެ.
Comment