6 އޮކްޓޯބަރު 2025 - 18:03 5
ލީވާން އަލީ ނާސިރު
މާފުށި ކައުންސިލްގެ ރައީސް ސަލާހް: އޭނާގެ އިނގިލި ބިންދާލާފައިވާ ކަމަށް ވަކީލު ބުނޭ -- ފޮޓޯ: އަދަދު
6 އޮކްޓޯބަރު 2025 - 18:03 5
އެމްޑީޕީން އޮކްޓޯބަރު 3، މާލޭގައި ކުރި ބޮޑު މުޒާހަރާއިން މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހު ހައްޔަރުކުރިފަހުން އިނގިލި ބިންދާލާފައިވާ ކަމަށް އޭނާގެ ލޯޔަރު މުސްތަފާ ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މުސްތަފާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސަލާހު ގެންދިޔަ ފަހުން ބިންދާލާފައިވަނީ ވައަތުގެ ބޮޑުވައި އިނގިލި ކަމަށާއި އޭނާގެ ކަނާއަތް ފަރާތު އަރިކަށީގައި ވެސް ޒަހަމެއް އެބަހުރި ކަމަށެވެ.
"ސަލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވައަތުގެ ބޮޑުވައި އިނގިލި ފުލުހުން ވަނީ ބިންދާލާފައި. އަދި ކަނާއަތް ފަރާތު އަރިކަށީގައި ޒަހަމެއް އެބަހުރި. މިކަންކަމަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ހިނގާފައިވާ ކަންކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސަލާހު ގެންދިޔައިރު ގަދަ ހެދުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެފައިވާ ކަމަށާއި އެކަމަކު ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ތަކުރާރުކޮށް ބުނި ކަމަށެވެ.
ސަލާހުއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނީ 24 ގަޑިއިރު ފައިތުވި ފަހުން ކަމަށް މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައި، ބަންދު އަމުރުވެސް ރިވިއު ކުރާނެ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ސަލާހުއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަމުންދާ ކަމެއް ސާފެއް ނޫނެވެ. އެކަމާ ގުޅޭގޮތުން އެޗްއާރްސީއެމްއާ ސުވާލުކުރުމުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މުޒާހަރާގެ ތެރެއިން ޖުމްލަ އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، މުއްދަތު ޖެހި މީހުންގެ ތެރޭގައި ސަލާހު ވެސް ހިމެނެ އެވެ.
މާފުށި ކައުންސިލުގެ ހަތަރު މެންބަރުން ސޮއިކުރައްވައި އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ސަލާހު ހައްޔަރު ކުރުން ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ތަރަހައިގެ ތެރެއިން ސަލާހު ހަރަކާތްތެރިވަމުންދަނިކޮށް ހައްޔަރު ކުރުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
މިހިނދުން މިހިނދަށް ސަލާހް ބަންދުން ދޫކޮށްލުމަށް ވެސް މާފުށި ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ހިމެނެ އެވެ. އޭނާ ކޯޓަށް ހާޒިރުނުކޮށް ބަންދުން ދޫކޮށްލި އެވެ. އަދި މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ ޒުވާނަކު ބަންދުން ދޫކޮށްލީ، ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށްފަ އެވެ.
މުޒާހަރާއަށް އެތައް ހާސް ބަޔަކު ޖަމާވެ، ހިނގާފައި މަޖީދީ މަގުން ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް އަޑުގަދަ ހަތިޔާރު (ސޮނިކް ވެޕަން) ބޭނުންކުރި އެވެ.
Comment