6 އޮކްޓޯބަރު 2025 - 10:08 2
ލީވާން އަލީ ނާސިރު
ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު (ވ): ޕީއެންސީއަށް ވެރިކަން ހޯދައިދިނުމަށް ގުރުބާންވި މީހުންގެ ހަނދާން ނެތި، އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ސިޔާސީ ބޮޑެތި މަގާމުތައް ދީފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް
6 އޮކްޓޯބަރު 2025 - 10:08 2
ފިޔޯރީ ކައުންސިލްގެ ރައީސް، ފައިޒަރު ރަޝީދުގެ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ފާޑުކިޔައިފި އެވެ.
މިނިވަން މެންބަރެއް ގޮތަށް ކައުންސިލަށް އިންތިހާބުވި ފައިޒަރު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީން ފުންކޮށް ނުވިސްނައިފިނަމަ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"ވެރިކަން ކުރާ ޕާޓީ ޕީއެންސީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވަރުގަދަވެގެން ދާތަން ނުފެނި މިދާ ސަބަބާ ދޭތެރޭ ފުންކޮށް ނުވިސްނައިފި ނަމަ 2026 ލޯކަލް ކައުންސިލް އިންތިހާބާއި، 2028 ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ ގުނަ ގޮންޖެހުންތަކާއި ކުރިމަލާން ޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ފައިޒަރު ވިދާޅުވީ ޕީއެންސީއަށް ވެރިކަން ހޯދައިދިނުމަށް ގުރުބާންވި މީހުންގެ ހަނދާން ނެތި، އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ސިޔާސީ ބޮޑެތި މަގާމުތައް ދީފައިވާ ކަމަށެވެ.
ވާދަވެރި ސިޔާސީ ޕާޓީ ނިޒާމަށް ނުފަރިތަ ބައެއް މީހުންނަށް ވެދުމަށް އެރުވި މަގާމުގެ ނާޖާއިޒު ބާރު ބޭނުންކޮށް އެ ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށް ޕީއެންސީގެ ގިނަ ބަޔަކު އެކަހެރި ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޕީއެންސީން އެމްޑީޕީ އެކްޓިވިސްޓުން ގާތް ކުރުމުގެ ހިތި ނަތީޖާ އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި ބޮޑު މުޒާހަރާއިން ފެނިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިޒަރު ވިދާޅުވީ ޕީއެންސީން އޮކްޓޯބަރު 1، ގައި ބޭއްވި ޖަލްސާއަށް މީހުން ގެންދިޔައީ ހާޒިރީ ބަލައި، ސުޕަވައިޒަރަށް ސެލްފީ ފޮނުވަން މަޖުބޫރުކޮށްގެން ކަމަށާއި އެގޮތަށް ދައްކާ މަންޒަރުން ޕީއެންސީއަށް އިންތިހާބެއްގައި ލިބޭނެ މޮޅެއް ނެތް ކަމަށެވެ.
ވަގުތު ފާއިތުވުމުގެ ކުރިން ކަންކަން ރަނގަޅު ކުރުމަށް ފަހަތު ފަޔަށް ބުރަނުވެ ހަގީގަތާ ކުރިމަތިލުމަކީ ބުއްދިވެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ޕީއެންސީ ޖަލްސާ އަށް މީހުން ގެންދަން ޖެހުން ގޮތަަށް ހަޒިރީ ބެލިގެން ސެލްފީ ނަގާފަ ސްޕަވައިޒާ އަށް ފޮނުވަން މަޖުބޫރު ކޮށްގެން ދައްކާ މަންޒަރަކުން ޕީއެންސީ އަށް އިންތިހާބެއްގަ ލިބޭނެ މޮޅެއް ކާމިޔާބެއް އޮތްކަމަށް ނުފެނޭ،" ފައިޒަރު ވިދާޅުވި އެވެ.
އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި ބޮޑު މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެ ސަރުކާރާމެދު ހިތްހަމަނުޖެހުން އޮތްކަން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ވަނީ އެ މުޒާހަރާގައި މަދު ބަޔަކު ބައިވެރިވި ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކޮށްފަ އެވެ.
Comment