6 އޮކްޓޯބަރު 2025 - 08:54 0
6 އޮކްޓޯބަރު 2025 - 08:54 0
ޕެރިސް (އޮކްޓޫބަރު 6) - ފްރެންޗް ލީގުގައި ރޭ ކީލިއަން އެމްބާޕޭގެ ކޮއްކޮ، އީތަން އެމްބާޕޭ ފަހު ވަގުުތު ޖެހި ގޯލުން، ލިލް އިން ޕީއެސްޖީއާ 1-1 އިން އެއްވަރުކޮށް އެ ޓީމު މޮޅުވިޔަނުދީ ހުއްޓުވައިފި އެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީން އެއް ވަނައިގައި ދަމަހައްޓަމުން އައި ލީޑު ވަނީ ޕޮއިންޓަކަށް ކުޑަވެފަ އެވެ. ޕީއެސްޖީ، އެއް ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ، ތިން ވަނައިގައި އޮތް ސްޓްރާސްބޯ އަދި ހަތަރެއްގައި އޮތް ލިޔޯނަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް މޮނާކޯ އާއި ހަ ވަނައިގައި އޮތް ލޯންސް އަށް ހަތް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، އަށް ވަަނައިގައި އޮތް ލިލް އަށް ވަނީ ހަތް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ.
ޕީއެސްޖީން ރޭގެ މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގައި ނޫނޯ މެންޑޭޒް ޖެހި ހިލޭ ޖެހުމުންނެވެ. ލިލް އިން އެއްވަރުކުރީ މެޗުގެ 85 ވަނަ މިނިޓްގައި އީތަން އެމްބާޕޭ ޖެހި ގޯލުންނެވެ.
ޕީއެސްޖީން އީތަން އެމްބާޕޭ، 18، ދޫކޮށްލީ މިދިޔަ އަހަރު، އޭނާގެ ބޭބެ، ކީލިއަން އެމްބާޕޭ އެ ކްލަބުން ދޫކޮށްލިއިރު އެވެ. އީތަން އެމްބާޕޭ ވަނީ ޕީއެސްޖީން އޭނާ އަށް އާ ކޮންޓްރެކްޓެއް ދިންނަމަ އެ ޓީމުގައި ހުންނަން ބޭނުންވި ކަމަށް ބުނެފަ އެވެ.
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު، އީތަން އެމްބާޕޭ އުފާފާޅުކުރިއިރު، ބޭނުންކުރީ އޭނާގެ ބޭބެ، ކީލިއަން އެމްބާޕޭގެ ޓްރޭޑްމާކް ސެލެބްރޭޝަން އެވެ. މިއީ، ލިލް އަށް ބަދަލުވެ، އީތަން އެމްބާޕޭ ޖެހި ދެ ވަނަ ގޯލެވެ.
Comment