Advertisement

ސޮލާހު ހައްޔަރު ކުރުން ކުށްވެރިކޮށް، އޭނާ މިނިވަން ކުރަން މާފުށީ ކައުންސިލުން ގޮވާލައިފި

6 އޮކްޓޯބަރު 2025 - 08:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ ސޮލާހު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލްގައި ބަހައްޓާފައި. -- ފޮޓޯ: އަދަދު


ސޮލާހު ހައްޔަރު ކުރުން ކުށްވެރިކޮށް، އޭނާ މިނިވަން ކުރަން މާފުށީ ކައުންސިލުން ގޮވާލައިފި

6 އޮކްޓޯބަރު 2025 - 08:03 0

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު މިނިވަންކުރުމަށް އެ ރަށު ކައުންސިލުން ގޮވާލައިފި އެވެ.

އެ ކައުންސިލްގެ ހަތަރު މެންބަރުން އިއްޔެ ސޮއިކުރައްވައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ތަރަހައިގެ ތެރެއިން، ސޮލާހު ހަރަކާތްތެރިވަމުން ދަނިކޮށް، ހައްޔަރުކުރުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަމަށެވެ.

ފުލުހުންގެ އެ އަމަލު އެ ކައުންސިލުން ކުށްވެރިކޮށްފައިވެ އެވެ.

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަކީ، އަސާސީ ކަށަވަރުކޮށްދީފައިވާ ހައްގަކަށްވެފައި އެ ހައްގަކީ ނިގުޅައިނުގަނެވޭނެ ހައްގަކަށް ވީހިނދު، ސޮލާހު ބަންދުން ދޫކޮށްލަންޖެހޭ ކަމަށާއި އޭނާ ބަންދުގައި ހޭދަވާ ކޮންމެ ދުވަހަކީ މާފުށީގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތަށް ނުހަނު ބޮޑު ގެއްލުމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެންކަމުން މިހިނދުން މިހިނދަށް މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ބަންދުން މިނިވަންކޮށް ދިނުމަށް ދިވެހި ފުލުހުންގެ ހަދުމަތަށް، މާފުށީ ކައުންސިލުން ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

މުޒާހަރާގެ ތެރެއިން ޖުމުލަ އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން 15 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު ޖެހުމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނު ހަ މީހަކަށެވެ.

ހައްޔަރުކޮށް، 15 ދުވަހުގެ ބަންދު ޖަހާފައިވާ މީހުން

  • މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ )
  • މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  • އަލީ ޖުމާން
  • އަޒްމީ އަލީ
  • ހަސަން ޝާކިރު

މި އެންމެން މިނިވަން ކުރަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ހިމެނެ އެވެ. އޭނާ ކޯޓަށް ހާޒިރުނުކޮށް ބަންދުން ދޫކޮށްލި އެވެ. އަދި މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ ޒުވާނަކު ބަންދުން ދޫކޮށްލީ، ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށްފަ އެވެ.

މުޒާހަރާއަށް އެތައް ހާސް ބަޔަކު ޖަމާވެ، ހިނގާފައި މަޖީދީ މަގުން ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް އަޑުގަދަ ހަތިޔާރު (ސޮނިކް ވެޕަން) ބޭނުންކުރި އެވެ.