Advertisement

މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ ހިދުމަތް ސިޔާސީކޮށް ހަރާބުކޮށްފި: ފައްޔާޒު

6 އޮކްޓޯބަރު 2025 - 07:35 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިފައިންނާއި ފުލުހުން ވެހިކަލެއްގައި. -- ފޮޓޯ: އަދަދު


މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ ހިދުމަތް ސިޔާސީކޮށް ހަރާބުކޮށްފި: ފައްޔާޒު

6 އޮކްޓޯބަރު 2025 - 07:35 1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިވެހި ފުލުހުންނާއި ސިފައިންނަކީ ޕްރޮފެޝަނަލް، ޝަރަފުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު ކަމަށާއި ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ ދެ މުއައްސަސާ ސިޔާސީކޮށް، ހަރާބުކޮށްފި ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރުކަން އަދި ސޯލިހު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި، އޭގެ ކުރިން ޕީޕީއެމް ސަރުކާރުން ގެއްލުވާލި އިތުބާރު ފުލުހުންނާއި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"ފުލުހުންނާއި ސިފައިންނަކީ ޕްރޮފެޝަނަލް،ޝަރަފުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު. މި ކަންކަމަށް އެ ދެ މުއައްސަސާގެ ގިނަ ބަޔަކު ހެކިވާނެ،" އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ދެ މުއައްސަސާ ސިޔާސީކޮށް ހަރާބުކޮށްފި. ހުދުމުހުތާރުކަން ދައްކައި ސިފައިންނާއި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން ތިޔަ ކުރައްވަނީ އެ މުއައްސަސާއަށް މަލާމާތް."

ޕީޕީއެމް/ޕީއެންސީއަކީ ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ޣައިރު ގާނޫނީ އަމުރު ކުރުމާއި އެ އަމުރުތައް ތަންފީޒުކުރަން ވަޒީފާގެ ބިރު ދައްކާ ޕާޓީތަކެއް ކަމަށާއި ވެރިކަމަށް އަންނަ ކޮންމެ ދައުރަކު ސިފައިންގެ އާއި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް މަޖުބޫރުކުރާ ފިކުރެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ރައްޔިތުން، އެ ދެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަނީ ތިޔަ ޕާޓިން،" އޭނާ ވިދާޅުވި އެވެ.

މި ޓްވީޓު ފައްޔާޒު ކުރެއްވީ އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމަށްޓަކައި، ގާނޫނާ ހިލާފަށް "އަޑުގަދަ ހަތިޔާރު" ނުވަތަ ސޮނިކް ވެޕަން ބޭނުންކުރި މައްސަލައިގައި ފާޑުކިޔުން އިތުރުވެފައި ވަނިކޮށެވެ.

އެ ހަތިޔާރު ބޭނުން ކުރުން ލާއިންސާނީ އަދަބު މަނާކުރާ، އިންޓި ޓޯޗާ ގާނޫނާ ހިލާފު ކަމަށާއި އެއީ ލާއިންސާނީ އަދި ޣައިރު ގާނޫނީ އަދަބެއް ކަމަށް، މަޝްހޫރު ގާނޫނީ ވަކީލް ޑރ. އަހުމަދު އަލީ ސަވާދު ވެފައިވެ އެވެ.

ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ބޭނުންކުރާ އާލާތް 2013 ވަނަ އަހަރުން ފެށިގެން ފުލުހުން ހޯދާފައި ހުއްޓަސް، ރައްޔިތުންނާ ދެކޮޅަށް "ހަތިޔާރެއްގެ" ގޮތުގައި ބޭނުން މިކުރީ ރައީސް މުއިއްޒުގެ ސަރުކާރުގަ އެވެ. މީގެ ކުރިން އެ އާލާތް ބޭނުންކޮށްފައި ވަނީ މުޒާހަރާތަކުގައި ފުލުހުންގެ އެންގުންތައް އިއުލާނުކުރަން ދޭ އެލާޓެއްގެ ގޮތުގަ އެވެ.

ނަމަވެސް އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭގެ މުޒާހަރާގައި އެ ހަތިޔާރު މެދުކެނޑުމެއް ނެތި، އެތައް މިނެޓެއް ވަންދެން، އަޑުގެ ބާރުމިން މަތިކުރަމުން ބޭނުންކުރި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ، ބަޖެޓު ކޮށްފައި ނެތި ސިފައިންނަށް އަގުބޮޑުކޮށް ތުރުކީގެ ބައިކާރުގެ ޓީބީ2 މަރުކާގެ ތިން ޑްރޯން ގަތުމެވެ. އެ އަސްކަރީ ޑްރޯންތަކަށް ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.

މިހާ ބޮޑު ހަރަދެއް ކުރިއިރު، ބައެއް ޑްރޯންތަކަކީ ތުރުކީގެ ހިލޭ އެހީ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. ޑްރޯންތަކުގެ މައުލޫމާތާއި ހަރަދުގެ ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ބައެއް ޑްރޯންތައް ހިލޭ ލިބުނު އިރުވެސް 570 މިލިއަން ހަރަދުކޮށްގެން 3 ޑްރޯން ގެނައުމުގެ ހިޔާނާތް އެކުލެވޭކަމަށް ތުހުމަތުކޮށް އެ މައްސަލަ އޭސީސީއަށް ބަޔަކު ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދެ އެވެ.