13 އޮކްޓޯބަރު 2025 - 08:44 2
ލީވާން އަލީ ނާސިރު
އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު
13 އޮކްޓޯބަރު 2025 - 08:44 2
އެއީ މިދިޔަ އަހަރުގެ ޖުލައި 15، ވަނަ ދުވަހެވެ. ޑްރަގް ކޯޓުގެ އަމުރެއް ތަންފީޒުކުރަން މާފަންނުގައި ހުރި ގެއަކަށް ފުލުހުން ވަނެވެ. އެގެއަށް ފުލުހުންވަނީ ޑްރަގް ކޯޓަށް ހާޒިރުކުރަން މުހައްމަދު އަޒްމީލް ޖަލީލު ހައްޔަރު ކުރުމަށެވެ. އޭނާ ހައްޔަރުކުރަން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި އެ ގޭގެ ފުރަތަމަ ފަންގިފިލާއިން ވެއްޓި އޭނާ ވަރަށް ބޮޑަށް ޒަހަމްވި އެވެ.
އެކަމަކު، އަވަސް ފަރުވާ ބޭނުންވާ އަޒްމީލް ހޮސްޕިޓަލަށް ގެންދިޔުމުގެ ބަދަލުގައި ފުރަތަމަ ވެސް ފުލުހުން އޭނާ ގެންދިޔައީ އަތޮޅުވެއްސަށެވެ. ހޮސްޕިޓަލަށް ގެންދިޔައީ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ސިކުނޑި ގުޑައި، ސިކުނޑިއަށް ލޭ އެޅި، މައިބަދައިން ދެ ތަނެއް ބިނދިފައިވާކަން އެނގުނެވެ. ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ހަމަ ގައިމު ވެސް ބަޔަކު އިހުމާލުވެއްޖެކަން ކަށަވަރެވެ.
އަޒްމީލްއަކީ ހަމަ އަހަރުމެން ކަހަލަ ދިވެހި ރައްޔިތެކެވެ. އޭނާއަށް ލިބެންޖެހޭ ބޭސްފަރުވާ ލަސްކުރި ފުލުހުން މިއަދު ވަނީ ސަލާމަތްވެފަ އެވެ. އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައި، ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި އެވެ. އެކަމަކު ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ.
ފުލުހުންގެ އަމަލުތަކަށް ޒިންމާދާރު ކުރުވަން އޮތް އެއް މުއައްސަސާއަކީ އެޗްއާރްސީއެމް އެވެ. އެކަމަކު އެ މުއައްސަސާއަށް އެކަން މިއަދު ކުރެވޭތަނެއް ނުފެނެ އެވެ. ރައްޔިތުންގެ އެތަކެއް ހައްގުތައް ގެއްލިގެންދާއިރު އެ ކޮމިޝަން މަސައްކަތް ކުރަނީ އެއިރަކު އޮންނަ ސަރުކާރެއް "ހިމާޔަތް" ކުރާށެވެ. ކަންކަން ރަނގަޅު ކުރަން ވެސް ބޭނުން ނުވަނީ އެވެ. ސިއްރުވެރި ކޮމިޝަނަކަށް އެ ކޮމިޝަން ވެފައިވާކަމީ ހަގީގަތެވެ.
ސިފައިން ކުރި އަނިޔާގައި ސެޕްޓެމްބަރު 19، ގައި މ. އޭޝިޔާ ހަސަން އީވާން ނަސީމު، 19 ނިޔާވި ހާދިސާއާ ގުޅިގެން ޖެހިގެން އައި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ތިން ގައިދީއެއް ގަޔަށް ސިފައިން ބަޑިޖަހައި މަރާލި ހާދިސާއަކީ އިންސާނީ ހައްގުތައް ރާއްޖޭގައި ކަށަވަރުކުރަން ޖެހޭކަން އެންމެންނަށް ވިސްނި، ލޯހުޅުވުނު އެއް ދުވަހެވެ.
އެ ހާދިސާތަކާއެކު އެޗްއާރްސީއެމެއްގެ މުުހިންމުކަން އިހުސާސްކުރެވި އެ ކޮމިޝަން އުފަންކުރުވީ 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިނިވަން މުއައްސަސާއެއް ގޮތަށެވެ. އެ ކޮމިޝަނަށް ގާނޫނީ ބާރު ދީ، އެޗްއާރްސީއެމްގެ ގާނޫނު އެންމެ ފުރަތަމަ ފާސްކުރީ 2005 ވަނަ އަހަރުގަ އެވެ. އެކަމަކު އޭރުގެ ގާނޫނު ޕެރިސް ޕްރިންސިޕަލްސްއާ ފުށުއަރާތީ 2006 ވަނަ އަހަރު އެ ގާނޫނު ބަދަލުކުރި އެވެ.
އެޗްއާރްސީއެމްއަކީ ދުސްތޫރި ބާރު ލިބިދީފައިވާ މުސްތަގިއްލު ކޮމިޝަނެއް ގޮތުގައި ހިންދެމިލީ 2008 ވަނަ އަހަރު ފާސްކުރި ގާނޫނު އަސާސީގެ ދަށުންނެވެ. އެ ކޮމިޝަނުގެ އަމާޒަކީ ރާއްޖޭގައި އިންސާނީ ކަރާމާތާއި ހަމަހަމަކަން ކުރިއަރުވައި ރައްކާތެރިކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމެވެ. މިއަދު އެ ކޮމިޝަނަށް 22 އަހަރު ފުރުމާ ގާތްވަމުންދާއިރު ކޮންމެ މީހަކުވެސް އުފައްދާނެ ސުވާލަކީ މާތް މަގްސަދެއްގައި އުފެއްދި އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރަމުންދޭތޯ އެވެ.
މިދިޔަ 22 އަހަރުގެ ތެރޭގައި އެޗްއާރްސީއެމްގެ ގާނޫނީ ބާރު ބޭނުންކޮށްގެން ދައުވާކޮށްދޭން ޕީޖީގައި އެދުނު އެއްވެސް މައްސަލައެއް ސާބިތުވެފައެއްނުވެ އެވެ. ގިނަ މައްސަލަތަކުގައި ޑިއުޓީ ޕްރޮސެކިއުޝަނަށްފަހު ޕީޖީން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ. އެހެންކަމުން ފާއިތުވެދިޔަ 22 އަހަރުގައި ލިބިފައި އޮތް ބާރުގެ ބޭނުން ހިފައިގެން ވެސް ނަތީޖާއެއް ނުނެރެވުމުގެ ފަހަތުގައި ކޮންމެވެސް ކަންތައްތަކެއް އޮންނާނެ އެވެ.
އެޗްއާރްސީއެމަކީ މިނިވަން މުއައްސަސާއަކަށްވި ނަމަވެސް، އެ ކޮމިޝަނުގެ މިނިވަންކަމާ މެދު އަބަދުވެސް އެކި މީހުން ސުވާލު އުފައްދަ އެވެ. އެއީ ކޮމިޝަނަށް މެންބަރުން އައްޔަންކުރާ ޕްރޮސެސް އޮންނަ ގޮތުންނެވެ. ކޮމިޝަނަށް ކުރިމަތިލާ މެންބަރުންގެ ތެރެއިން މަޖިލީހަށް ރުހުން ހޯދަން ފޮނުވަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ނަންތަކަށް ވާތީ އެވެ. ކޮމިޓީ މަރުހަލާގައި މަތިން މާކްސް ލިބުނަސް ފަހަކަށް އައިސް ތަޅުމުން ރުހުން ނުދޭ ފަހަރުވެސް އާދެ އެވެ.
އެޗްއާރްސީއެމަށް އައްޔަން ކުރާ ބައެއް މެންބަރުން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ތައުލީމު ހާސިލުކޮށްފައެއް ނުވެ އެވެ. ބައެއް ފަހަރު ފެންނަނީ ދައުލަތުގެ އެކި މަގާމުތަކުގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރުމަށްފަހު ކޮމިޝަނަށް އައްޔަންވާ މަންޒަރެވެ. ހައްގުތައް ކަށަވަރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ހިއުމަން ރައިޓްސް އެކްޓިވިސްޓުން އެތަނަކަށް އައްޔަނެއް ނުކުރެ އެވެ.
އެޗްއާރްސީއެމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެޗްއާރްސީއެމަށް އައްޔަން ކުރަން ޖެހޭނީ ޖޯޝާއި ފޯރި ހުންނަ ހިއުމަން ރައިޓްސް އެކްޓިވިސްޓުން ކަމަށެވެ.
"އިންސާނީ ހައްގުތަކަކީ އެކަމުގެ ޖޯޝާއި ފޯރި ހުރެގެން ކުރެވޭނެ ކަންކަން. ހިއުމަން ރައިޓްސް އެކްޓިވިސްޓުން އެތަނަށް ލާންޖެހޭނީ. އެ ޖޯޝާއި އިންސާނީ ހައްގުތަކުގެ ޖަޒުބާތު ހުންނަ މީހުން އެތަނަށް ލުމުން އެތަން ހިނގާނެ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވާ ފަދައިން ޖޯޝާއި ފޯރީގައި ހިދުމަތް ކުރާނެ މެންބަރުން އެޗްއާރްސީއެމްގައި މިވަގުތު ތިބި ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ލޭ ފިނިވެފައި ތިބި މެންބަރުންނެވެ. އެއީ މަގާމު ގެއްލިދާނެތީ މަޑުމަޑުން ތިބެނީ ކަމަށްވެސް ވެދާނެ އެވެ. މާބޮޑަށް އެ މުއައްސަސާއަށް އެހެން މީހުންގެ ނަޒަރު ހިންގާކަށް މެންބަރުން ބޭނުން ވެސް ނުވެދާނެ އެވެ.
ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ އެޗްއާރްސީއެމަށް ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލެމުންދާ އެއް ސަބަބަކީ އެ ކޮމިޝަނުން ކަންކަން ސިއްރު ކުރުމެވެ. އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ހިންގާ ތަހުގީގުތަކުގެ މައުލޫމާތުތައް ގިނަ ފަހަރު އާންމެއް ނުކުރެ އެވެ. ތަހުގީގެއް ހިންގާކަން އެނގެނީވެސް އެކަމާ ގުޅިގެން މީޑިއާތަކުން ސުވާލުކުރުމުންނެވެ. އޭގެ ކުރިން އިސްވެ އެޗްއާރްސީއެމުން އެއްޗެއް ނުބުނެ އެވެ.
އެޗްއާރްސީއެމް އިން ކޮންމެ މަހަކު ފުލުހުންނާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކާއި އެކި މަރުކަޒުތަކަށް ޒިޔާރަތްކުރެ އެވެ. އެ ތަންތަނަށް ކޮމިޝަނުން ޒިޔާރަތްކޮށް ހަދާ ރިޕޯޓްތައް މީގެ ކުރިން އާންމު ކުރެ އެވެ. ނަމަވެސް އެފަދަ ރިޕޯޓްތައް އާންމު ނުކުރާތާ މިހާރު އަހަރުތަކެއްވެއްޖެ އެވެ. އެއީ ސަރުކާރުގެ ޕްރެޝަރު ބޮޑުވެގެން އެކަން ކުރުން ހުއްޓާލީ ކަމަށް ވެސް ވެދާނެ އެވެ.
އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓު، ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އަދި އެންޓި ޓޯޗާ ރިޕޯޓުތައް ވެބްސައިޓުގައި އާންމު ކުރުމަށްފަހު މީޑިއާތަކަށް ގިނަ ފަހަރު ނާންގަ އެވެ. ރިޕޯޓުތަކުގައި ހުރި ކަންބޮޑުވުންތައް މީޑިއާތަކަށް ތިލަކޮށްދިނުމަކީ އެޗްއާރްސީއެމްގެ ޒިންމާއެކެވެ. އެއިރުން، ކަންކަން އިސްލާހުކުރަން ވެސް ފަސޭހަވާނެ އެވެ. އެކަން އެގޮތަށް ނުކުރެވޭނަމަ ރިޕޯޓުތައް ހެދުމުގެ ބޭނުމެއް ނެތެވެ.
މި އަހަރު މިހާތަނަށް އެޗްއާރްސީއެމް އިން ނެރުނީ އެންޓި ޓޯޗާ ރިޕޯޓާއި އަހަރީ ރިޕޯޓު އެކަންޏެވެ. ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ރިޕޯޓު ވީތަނެއް ވެސް ނޭނގެ އެވެ. މީޑިއާތަކަށް މައުލޫމާތު ދިނުމަށް އެޗްއާރްސީއެމްއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ދުވަހެއް ހަނދާނަށް ނާދެ އެވެ. އޭގެއިން ވެސް ދައްކުވައިދެނީ އެޗްއާރްސީއެމްއިން މީޑިއާތަކާ ބީރައްޓެހިކަމެވެ.
ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އެޗްއާރްސީއެމް އިން އަބަދުވެސް އިސްވެ ކުއްލިއަކަށް ބަޔާންތައް ނެރޭކަން ފާހަގަކުރެވެ އެވެ. އެގޮތުން ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން އެމްޑީޕީ މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެން އެޗްއާރްސީއެމްއިން ވަރަށް އަވަހަށް ބަޔާން ނެރުނެވެ.
އެކަމަކު އެޗްއާރްސީއެމް އިން ތަފާތުކުރާކަން އެނގެނީ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން އިސްނަގައިގެން ކުރިއަށްގެންދިޔަ އިހުތިޖާޖުތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ގޮތާ ގުޅޭ ގޮތުން އެއްވެސް ކަންބޮޑުވުމެއް ފާޅެއް ނުކުރެ އެވެ. ނޫސް ބަޔާނެއް ވެސް ނުނެރެ އެވެ. އަދި އޮކްޓޯބަރު 3، ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ވެސް އެއްޗެއް އިސްވެ ބުނެފައެއް ނުވެ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް، އަހުމަދު ނާއިފް އަދަދު އަށް ވިދާޅުވީ އެޗްއާރްސީއެމްއަކީ މިނިވަން މުއައްސަސާއަކަށްވާއިރު، އެތަނުން މަސައްކަތްތަކެއް ކުރާކަން އާންމުންނަށް އިހުސާސް ނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ އާންމުންނަށް އެޗްއާރްސީއެމް އިން މަސައްކަތް ކުރާކަން ނޭގެނީ އާންމުންނަށް ދޭން ޖެހޭ މައުލޫމާތުތައް މީޑިއާތައް މެދުވެރިކޮށް ނުދޭތީ ކަމަށެވެ.
"އެޗްއާރްސީއެމްއާ ބައްދަލުކުރިން މިދިޔަ މަހުވެސް. އެމީހުން މީޑިއާތަކަށް މައުލޫމާތު ދިނުމުގައި. މަސައްކަތުގެ ރޭޓުގައި ރިޒަވޭޝަންސް އެބަހުރި. މަސައްކަތް ކުރާކަން ބަޔަކަށް ފީލްއެއް ނުވޭ. މިނިވަން މުއައްސަސާތަކުން މަސައްކަތްކުރާއިރު އާންމުންނަށް އެކަން އެނގެންޖެހޭ މަސައްކަތް ކުރާކަން. އަހަރެންނަށް ފެންނަ ގޮތުގައި އެ މީހުން އެކްޓެއް ނުކުރޭ ހިއުމަން ރައިޓްސް ޑިފެންޑާސް ގޮތުގައި. އެޗްއާރްސީއެމް ވެގެން ނުވާނެ އަބުއި ކޮމިޝަނަކަށް،" ނާއިފް ވިދާޅުވި އެވެ.
މިދިޔަ 22 އަހަރު ތެރޭގައި އެޗްއާރްސީމުން ހިންގި ތަހުގީގެއްގައި ދައުވާއެއް ކޮށްގެން މައްސަލައެއް ސާބިތުވެފައި ނުވުމަކީ ކޮމިޝަނުން ހިންގާ ތަހުގީގުތަކާ މެދު ވެސް ސުވާލު އުފެދޭ ކަމެކެވެ. އޭގެއިން އެންމެ ބޮޑު އެއް ސަބަބަކީ އެޗްއާރްސީއެމް އިން ހިންގާ ތަހުގީގުތައް ދޯދިޔާވުން ކަމަށް ވެދާނެ އެވެ. އެއީ ގިނަ ބަޔަކު ގަބޫލުވެސް ކުރާ ގޮތެވެ.
އެޗްއާރްސީއެމްއަށް ތަހުގީގު ކުރުމުގެ ބާރު ދީފައި އޮންނައިރު، އެންޓި ޓޯޗާ ގާނޫނުގެ ދަށުން ދައުވާ ނުކުރެވެނީ ޖިނާއީ މިންގަނޑުގައިވާ ގޮތަށް ހެކި ނެތިގެން ކަމަށް ބުނެފައި އެބަހުރި ކަމަށް އެޗްއާރްސީއެމްގެ ކުރީގެ މެންބަރަކު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންޓި ޓޯޗާ ގާނޫނުގެ މަފްހޫމް ގެއްލޭ ގޮތަށް ބައެއް ފަހަރު ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން ވެސް ޕީޖީން އެދިފައި އެބަހުރި ކަމަށެވެ. އެކަމަކު އެއީ އެ ގާނޫނުގެ ބާރު ވެސް ކެނޑޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކޭސްއެއްގައި ދައުވާކުރަން ފޮނުވީމަ ގިނަ ފަހަރަށް ކޭސްތަކުގައި ދައުވާ ނުކުރެވި މިދަނީ ޖިނާއީ މިންގަނޑުގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށް ބުނެ. ބައެއް ކޭސްތަކުގައި މަދުން ނަމަވެސް ބުނެފައި އެބަހުރި އަދަބު ބޮޑުވާތީވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ކުރުމަށް ކޭސް ޕޮލިހުން ބަލާ ގޮތަށް ފޮނުވުމަށް. އެކަމަކު އެންޓި ޓޯޗާ ގާނޫނުގެ މަފްހޫމަކީ އެ ގާނޫނުގެ ދަށުން މައްސަލަ ބެލުން،" އޭނާ ވިދާޅުވި އެވެ.
އެޗްއާރްސީއެމް އާއި ޕީޖީން ގުޅިގެން ބައެއް ތަހުގީގުތަކުގައި ދައުވާ ކުރުމަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ދައުވާ ކުރަނީ ފުލުހުންގެ މައްޗަށް ކަމަށްވާނަމަ، އެކަން އެބަ ހިނދެ އެވެ. އޭގެ ސަބަބުން ފުލުހުންގެ އަމަލުތަކަށް ޒިންމާދާރު ކުރެވޭނެ ގޮތެއް ވެސް ނެތެވެ. ފުލުހުންނަށް އެ މީހުންގެ މައްސަލަތައް ނުބަލާނެ ކަމުގެ ޔަގީންކަން ވެސް ބައެއް ފަހަރު އޮވެ އެވެ.
އެޗްއާރްސީއެމަށް ކުރިން މެންބަރުން އައްޔަންކުރަނީ ހަމައެކަނި މަޖިލިސް މެދުވެރިކޮށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން ކުރިއަށް ގެންގޮސް، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވާ ގޮތަށް މިދިޔަ ދައުރުގައި ވަނީ ޕްރޮސެސް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން ރައީސް އޮފީހުން އެޗްއާރްސީއެމްގެ މެންބަރުކަމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުއްވާނެ ނަމެއް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް އެޗްއާރްސީއެމް ގޮސްފައިވާ ކަމަށް ބުނުމުގެ ޖާގަވެސް އެބައޮތެވެ. ކުރިމަތިލާ މެންބަރުންގެ ނަންތައް ވެސް މިހާރު އެނގޭކަށް ނޯވެ އެވެ. މަޖިލީހަށް އެންމެ ނަމެއް ވެސް ފޮނުވާ ފަހަރު އެބަ ދިމާވެ އެވެ. މިއީ އެޗްއާރްސީއެމަށް ގާބިލު މީހުން އައްޔަން ނުކުރެވުމަށް މިހާރު އޮތް އެންމެ ބޮޑު އެއް ހުރަހެވެ.
އެޗްއާރްސީއެމަށް މެންބަރުން އައްޔަން ކުރުމުގެ ޕްރޮސެސް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ގޮތަށް ބަދަލު ކުރަން ޖެހެ އެވެ. ހިއުމަން ރައިޓްސް ދާއިރާގައި ތަޖުރިބާ ހުރި ބޭފުޅުންނަށް ވެސް އިސްކަންދޭން ޖެހެ އެވެ. ކުރިމަތިލާ އެންމެންގެ ނަންތައް ވެސް ހާމަކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައި ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެ ޕްރޮސެސް ކުރިއަށް ގެންދަން ޖެހެ އެވެ.
ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އެޗްއާރްސީއެމް އިން މީޑިއާތަކާއި އޮންނަ ގުޅުން ބަދަހިކޮށް، ވީހާވެސް ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ މުއައްސަސާއަކަށް ވާން ޖެހެ އެވެ. އެއްވެސް މުހިންމު މައުލޫމާތެއް ހިފަހައްޓާނަމަ އެއީ ކޮމިޝަނަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެކެވެ.
ތަހުގީގު ކުރުމުގެ ބާރުގެ އިތުރުން ގިނަ ބާރުތަކެއް އެޗްއާރްސީއެމަށް ދީފައި އޮވެ އެވެ. އެ ބާރުތަކުގެ ބޭނުން އެންމެ ރަނގަޅަށް އެޗްއާރްސީއެމް އިން ހިފަން ޖެހެ އެވެ. ގާނޫނުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ކޮމިޝަނަށް ލިބިފައިވާ ބާރުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭނަމަ ގާނޫނުތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެ އެވެ.
އެޗްއާރްސީއެމްގައި ތަހުގީގުތައް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. އެ ވަސީލަތްތައް ނެތްނަމަ އެކަމުގެ ވާހަކަ ބާރަށް ދައްކަން ޖެހެ އެވެ. މަޑުމަޑުން ތިބެގެން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ އެވެ. ކަންކަން ހައްލުވާނީ އެވާހަކަތައް ދައްކައިގެންނެވެ.
---
އެޗްއާރްސީއެމްއަކީ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާނަމަ އަޑު ހަރުކޮށް އެވާހަކަ ދައްކަން ޖެހޭ މުއައްސަސާއެކެވެ. ޖޯޝާއި ފޯރީގައި ހައްގުތައް ކަށަވަރުކުރާ ކޮމިޝަނަކަށް އެޗްއާރްސީއެމް ވާން ޖެހެ އެވެ. ފޮރުވިގެން ތިބޭ މުއައްސަސާއަކަށްވުރެ ބޮޑަށް ދެފުށް ފެންނަ މުއައްސަސާއަކަށް އެޗްއާރްސީއެމް ވާން ޖެހެ އެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ތަނަކަށް ވާން ޖެހެ އެވެ.
Comment