5 އޮކްޓޯބަރު 2025 - 18:45 3
މުހައްމަދު ޝަހްޒާން
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ ބޮޗްވޭ -- ފޮޓޯ: އެކްސް
5 އޮކްޓޯބަރު 2025 - 18:45 3
މިފަހުން ރާއްޖޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި އެ މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ރިޕޯޓުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ ބޮޗްވޭ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޝާލީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމަޖެހުން ގެއްލޭފަދަ އަމަލުތަކުން ދުރުހެލިވެ ތިބެ ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވައިލައްވާ ކަމަށެވެ.
"އަޅުގަނޑު އެންމެހައި ފަރާތްތަކަށް ވެސް ގޮވައިލަނީ ހަމަޖެހުން ގެއްލޭފަދަ އަމަލުތަކުން ދުރުހެލިބެ ތިބެ ސިޔާސީ ތަފާތުވުންތައް ހައްލުކޮށް ދިވެހިރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިހުތިރާމާއެކު މަޝްވަރާ ކުރުމަށް،" ޝާލީ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ރާއްޖޭގެ ގަނޫނުތަކާ އެއްގޮތަށް ސުލްހަވެރި އިހުތިޖާޖުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުރިހަމައަށް ދޭނެ ކަމަށް ބުނެ ދިވެހި ސަރުކާރުން ބަޔާނެއް ނެރެފައި ވާތީ އެކަމަށް ވެސް އެކަމަނާ މަރުހަބާ ވިދާޅުވި އެވެ.
އެކްސްގައި ޝާލީ ކުރެއްވި ޕޯސްޓު ނިންމަވައިލައްވަމުން ލިޔުއްވާފައި ވަނީ ގާނޫނުގެ ރޫހަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެންމެހައި ފަރާތްތަކަށް ގޮވައިލަނީ ގާނޫނުގެ ރޫހަށް އިހުތިރާމް ކުރުމަށް. އެހެނީ އެކަމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ހިމެނޭ ޑިމޮކްރެޓިކް ހައްގުތައް ލިބިގަތުމަށް ކޮންމެހެން މުހިންމު ކަމެއް،" ޝާލީ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ދިވެހިރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދޭ ކަމަށް ބުނެ ސަރުކާރުން ބަޔާނެއް ނެރެފައިވީ ނަމަވެސް، މިފަހުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް އެކި ސިފަސިފައިގައި ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅައިފައިވެ އެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވަން އުޅުނު މުޒާހަރާއަށް ވެސް ފުލުހުން ވަނީ އެކި ގޮތްގޮތުން ހުރަސް އަޅައިފަ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނާއި އެ މަންޒަރުތައް ކަވަރު ކުރަށް ހަރަކާތްތެރިވި ނޫސްވެރިންގެ ގަޔަށް ތަކުރާރުކޮށް ޕެޕާ ސްޕްރޭ ޖަހައި ބާރުގަދަ އަޑު ފޮނުވާ ސޮނިކް ހަތިޔާރު ވެސް ފުލުހުން ބޭނުން ކުރި އެވެ.
Comment