5 އޮކްޓޯބަރު 2025 - 15:43 1
އަހުމަދު އާއިދު
ރައީސް މުއިއްޒުގެ ދެ ކަނބަލުން: ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އަދިވެސް ރިކަވާ ނުކުރެވޭ ---- ފޮޓޯ: ރައީސް އޮފީސް
5 އޮކްޓޯބަރު 2025 - 15:43 1
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހެކުކޮށް އެހެން ބައެއްގެ ވީޑިއޯތަކެއް އަޕްލޯޑުކުރުމުން ރިމޫވްކުރި ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އަދިވެސް ރިކަވާއެއް ނުކުރެވެ އެވެ.
ޔޫޓިއުބުން އެ ޗެނަލް ރިމޫވްކޮށްލީ ސެޕްޓެމްބަރު 23، ގަ އެވެ. އޭރު ރައީސް މުހައްމަދު މުއިއްޒު ހުންނެވީ އަތޮޅު ތެރެއަށް ކުރެއްވި ދަތުރެއްގައި މ. އަތޮޅުގަ އެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލާއި އަދަދު އިން މިއަދު ސުވާލުކުރުމުން ވިދާޅުވީ، ޔޫޓިއުބް ޗެނަލް ރިކަވާ ކުރެވޭ ގޮތް މިހާތަނަށް ވެފައި ނުވާ ކަމަށެވެ. އެކަން ލަސްވާ ސަބަބު ސާފުކޮށްދޭން އެހުމުން ޖަވާބެއް ނުދެއްވަ އެވެ.
ޗެނަލް ރިމޫވް ކުރި ދުވަހު އަދަދު ނޫހުން ސުވާލުކުރުމުން ހަލީލު ވިދާޅުވީ، މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާއި ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވްކުރި ސަބަބެއްގެ ގޮތުގައި ޔޫޓިއުބުން ފުރަތަމަ ޑިސްޕްލޭ ކުރީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވުމެވެ.
އިތުރަށް ބެލި ބެލުމުން، ޗެނަލް ހެކުކޮށް ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯތަކެއް އަޕްލޯޑުކުރިކަން އެނގުނެވެ.
ސަރުކާރުގެ އެންމެ މަތީ އޮފީހުގެ ރަސްމީ ޗެނަލެއް ހެކުކޮށް، ވުޖޫދުން ދުއްވާލާފައިވާއިރު މިކަމާ ގުޅޭގޮތުން އެ އޮފީހުން އަދި ސަރުކާރުގެ ޑިޖިޓަލް ސެކިއުރިޓީ އާއި ގުޅޭ އެއްވެސް އިދާރާއަކުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
Comment