5 އޮކްޓޯބަރު 2025 - 13:18 0
ލީވާން އަލީ ނާސިރު
އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: ބަންދު ދުވަސްތައް ލައިގެން އެލްޖީއޭއިން ގަވާއިދާއި އުސޫލުތައް އިސްލާހުކޮށް އެކުލަވާލަން ދީފައި އޮތް މުއްދަތު ވަނީ ހަމަވެފައި -- ފޮޓޯ: އެލްޖީއޭ
5 އޮކްޓޯބަރު 2025 - 13:18 0
ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރިއިރު، އެ ގާނޫނުގައި ބުނާ ގޮތަށް އިސްލާހުކުރަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އަދި އަލަށް އެކުލަވާލަން ޖެހޭ އައު ގަވާއިދުތަކާއި އިސްލާހުތައް މުއްދަތު ހަމަވިއިރު ވެސް އެކުލަވާލައި އާންމު ނުކުރެ އެވެ.
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓް 6، ގަ އެވެ. އަދި އޮގަސްޓް 14، ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.
އެ ގާނޫނުގައި އޮތް ގޮތުން ބަންދު ދުވަސްތައް ލައިގެން އިސްލާހުކުރަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އަދި އަލަށް އެކުލަވާލަން ޖެހޭ އައު ގަވާއިދުތަކާއި އިސްލާހުތައް އެކުލަވާލުމުގެ މުއްދަތު ވަނީ ސެޕްޓެމްބަރު 13، ގައި ހަމަވެފަ އެވެ. ބަންދު ދުވަސްތައް ލައިގެން އެ މުއްދަތު އޮކްޓޯބަރު 1، ގައި ވަނީ ހަމަވެފަ އެވެ.
އެކަމާ ގުޅޭގޮތުން ސެޕްޓެމްބަރު 28، ގައި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްއާ އަދަދު އިން ކުރިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ޖަވާބެއް ދެވޭނީ ލީގަލްއާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. އޭގެ ފަހުން އޭނާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެލްޖީއޭއިން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާނުލައި ދިގުލައިގެންދާތީ ކައުންސިލްތަކަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނުނެގި، ގޯތި ދޫކުރުންފަދަ މުހިންމު އެތައް ކަމެއް ވަނީ މަޑުޖެހިފަ އެވެ. އެކަމާ ގުޅިގެން ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލު މުއިއްޒު ތަސްދީގުކުރެއްވީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އިދިކޮޅު އެމްޑީޕީން ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށެވެ. ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އެއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ބަދަލެއް ކަމަށެވެ.
ކައުންސިލުތަކުގެ މި ކަންބޮޑުވުން އޮތް ނަމަވެސް، މި ހުރިހާ ކަންބޮޑުވުމަކަށް ބީރުކަންފަތެއްދެއްވައި މުއިއްޒު ވިދާޅުވީ އެ ބިލުގައިވާ ކަންކަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި މިއީ އެ ނިޒާމު އިތުރަށް ތަރައްގީކުރުމަށް ޓަކައި ގެންނައި ބަދަލުތަކެއް ކަމަށެވެ.
Comment