5 އޮކްޓޯބަރު 2025 - 11:37 2
މުހައްމަދު ޝަހްޒާން
އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
5 އޮކްޓޯބަރު 2025 - 11:37 2
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމުން އަޒުލު ކުރައްވައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ވެރިކަން ހަވާލު ކުރެއްވުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ގޮވައިލައްވައިފި އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމް ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައި ހުސެއިން ޕޯސްޓެއް ކުރެއްވީ ވަރަށް ބޮޑު ޕްރެޝަރެއް އޮވެގެން ކަމަށެވެ. އަދި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ހުސެއިންގެ އެއްވެސް ބައިވެރިވުމެއް އޮތް މުޒާހަރާއެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"އެހެންނަމަވެސް ނައިބުރައީސް ހުންނެވީ ތައްޔާރަށްކަން ވެރިކަމާ ހަވާލުވާން އަޅުގަނޑުމެންނަށް އެނގޭކަމާއި އަދި ހަމަ މި ފުރުސަތުގައި އަޅުގަނޑު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު މިހުރި ނުބައި އަނިޔާވެރި ގަމާރު ތަންދޮރު ނޭނގޭ މުޅި ދިވެހިރާއްޖޭގެ އިގުތިސާދާއި މުޅި ދިވެހިރާއްޖޭގެ ދައުލަތް ފުނޑުފުނޑުކޮށްލަމުން މިދާ ޑރ. މުއިއްޒު އަޒުލު ކުރައްވައި ނައިބުރައީސްއާ ވެރިކަން ވަގުތުން ހަވާލު ކުރުމަށް އަޅުގަނޑު ގޮވައިލަން،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ އެމްޑީޕީން ބޭއްވި މުޒާހަރާއަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގި ޓެރަރިޒަމް ހަރަކާތެއް ކަމަށް ވިދާޅުވެ އެކްސްގައި ހުސެއިން ޕޯސްޓެއް ކުރެއްވުމުންނެވެ.
ހުސެއިން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނަ ރައްޔިތުންތަކެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށެވެ.
"އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން ހުކުރު ދުވަހުގެރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެ މި ސަރުކާރާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހޭކަން ވަނީ ހާމަކޮށްފަ އެވެ. އެ މުޒާހަރާ މަޖީދީ މަގުން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.
އެ މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ވަނީ ޝީލްޑުތަކާއެކު ނުކުމެ މުޒާހަރާގެ ބައިވެރިންގެ ގަޔަށް އެތައް ފަހަރެއްގެ މަތިން ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އެވަރުން ވެސް މުޒާހަރާގެ ބައިވެރިން ފަހަތަށް ނުޖެއްސުމުން ފުލުހުން ވަނީ ބާރުގަދަ ތޫލި އަޑު އިއްވާ "ސޮނިކް ވެޕަން" ދެ ފަހަރެއްގެ މަތިން ގިނަ އިރުތަކެއްވަންދެން ބޭނުން ކޮށްފަ އެވެ.
ނަމަވެސް އެމްޑީޕީގެ މުޒާހަރާ ނިންމައިލީ ޑިމާންޑުތަކެއް އިއްވުމަށްފަހު މެންދަންވާން ގާތްވުމުންނެވެ.
Comment