5 އޮކްޓޯބަރު 2025 - 07:43 0
5 އޮކްޓޯބަރު 2025 - 07:43 0
ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން 1-0 އިން ކްލަބް ޓީޓީއެސް ބަލިކޮށް މި ފަހަރުގެ ސީޒަނުގައި ފުރަތަމަ މޮޅު ހޯދިއިރު، ޕޮލިސް ކްލަބްގެ މައްޗަށް 2-1 އިން ކުރިހޯދައި، އެމްޕީއެލް މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ރޭގެ މެޗުތަކާ އެކު، ކްލަބް މޯލްޑިވްސްގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފަ އެވެ. ފަސް ޓީމަކަށް ވަނީ ގަދަ 16 ޓީމު ވާދަކުރާ ބުުރުގެ ޖާގަ ޔަގީންވެފަ އެެވެ. އެއީ، ރޯޑް ރެކްރިއޭޝަން ކްލަބް، ޓީމު އެމްއޭސީއެލް، މޯލްޑިވިއަން، ކްލަބް އެޗްޑީސީ އަދި އެމްޕީއެލް އެވެ.
ގްރޫޕް އީގައި ރޭ އެމްޕީއެލް އިން ހޯދި މޮޅާ އެކު، ދެ މެޗުން އެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ 5-1 އިން ކްލަބް އޭވިއޭޝަން ސެކިއުރިޓީ (ކްލަބް އޭވްސެކް) ބަލިކުރި ދިރާގު އެވެ. އަދި، ތިން ވަނައިގައި އޮތް ޕޮލިސް ކްލަބަށް ވެސް ވަނީ ދިރާގާ އެއް ވަރަށް ތިން ޕޮއިންޓް ލިބިފަ އެވެ. ކްލަބް އޭވްސެކް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.
ރޭގެ މެޗުގައި ބީއެމްއެލަށް ދެ ލަނޑު ޖަހައިދިން އަރީން.---- ފޮޓޯ: އިމޭޖަސް،އެމްވީ
އެމްޕީއެލް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިިދިނީ، އިރާނުގެ ސަމަން ދަޝަންގެ އިތުރުން މުހައްމަދު ޒީދާން ޒުހުރީ އެވެ. އަދި، ޕޮލިހުގެ ލަނޑު ޖެހީ، އަބާން މުހައްމަދު އެވެ. ދިރާގުން ރޭގެ މެޗުގައި ލަނޑުތައް ޖެހީ، ޔޫހު ނަސީރު އާއި އިސްމާއިލް ލީޒާން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި މުހައްމަދު ރިފާއު (އަސްކާ) ގޯލެކެވެ. އޭވްސެކްގެ ހަމައެކަނި ލަނޑު ޖެހީ، އަބްދުﷲ ފައިޒާން އެވެ.
އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، ވެމްކޯ އިން މި ފަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތްތަކުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ވީ އެއްވަަރެވެ. އެއީ، ކިންގްސް ކަޕްގެ ތިން މެޗާއި މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި، ޔުނައިޓެޑް ބީއެމްއެލްއާ އެކުގަ އެވެ. ރޭ، ޓީޓީއެސް އަތުން ވެމްކޯ މޮޅުވީ ފުރަތަމަ ހާފުގައި އަލީ ރެޒާ ޝެއިހްލާރު ޖެހި ގޯލުންނެވެ. މި މެޗުގެ ފަހު ވަގުތު ޓީޓީއެސްގެ މުހައްމަދުރެޒާ ޖެހި ދުރު ޕެނަލްޓީ ވެމްކޯ ކީޕަރު، އަބްދުﷲ ޒިމާމް ވަނީ މަތަކޮށްފަ އެވެ.
ރޭ މި ގްރޫޕްގައި ގޭސް ރެކްރިއޭޝަން ކްލަބް އަތުން ބީއެމްއެލް މޮޅުވީ، 4-0 އިންނެވެ. ލަނޑުތައް ޖެހީ، އަރީން އަބްދުﷲ އިބްރާހިމް ދެ ގޯލާއި އަލީ އުޒައިރު މުހައްމަދު އަދި މުހައްމަދު އަހަދުﷲ އެވެ.
ބީއެމްއެލް އާއި ވެމްކޯއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާއިރު އެއް ވަނައިގައި ލަނޑުގެ ގޮތުން ކުރި ހޯދައިގެން ކުރީގައި އޮތީ ބީއެމްއެލް އެވެ. ދެ ވަނައިގައި އޮތް ކްލަބް ޓީޓީއެސް އާއި ތިން ވަނައިގައި އޮތް ވެމްކޯ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގޭސް ރެކްރިއޭޝަން ކްލަބް ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވެގެންނެވެ.
Comment