4 އޮކްޓޯބަރު 2025 - 16:57 0
ލީވާން އަލީ ނާސިރު
އެމްޑީޕީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އަދަދު
4 އޮކްޓޯބަރު 2025 - 16:57 0
އިދިކޮޅު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިސް ބައްދަލުވުމެއް މިރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު (އިބުރޭ) އަދަދު އަށް ވިދާޅުވީ ގައުމީ މަޖިލިސް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމީ ރޭގެ މުޒާހަރާގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ދެން ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ކަމަށެވެ.
މީޑިއާތަކަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދާ އެ ގައުމީ މަޖިލިސް ޖަލްސާގައި ރޭގެ މުޒާހަރާގައި މީހުން ހައްޔަރުކުރުމާއި ފުލުހުން އަމަލުތައް ބެހެއްޓި ގޮތާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުން ފެށި މުޒާހަރާގައި އެތައް ހާސް މީހުންނެއް ބައިވެރިވި އެވެ. އެ މުޒާހަރާ މަޖީދީ މަގުން ކުރިއަށް ގެންދަން މަސައްކަތް ކުރުމުން ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅާފަ އެވެ.
މުޒާހަރާގެ އެންމެ ކުރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ލީޑަޝިޕްގެ ގިނަ ބަޔަކު އަދި އަތޮޅުތަކުން މާލެއަށް އައި ގިނަ އަދަދެއްގެ މީހުންނާއެކު، އެތައް ހާސް ބަޔަކު މުޒާހަރާގައި ބައިވެރިވި އެވެ.
ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމަށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރުން ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" ވެސް ބޭނުންކޮށްފަ އެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލިއިރު، ހަ މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.
މި ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ ފައިސާ އަށް ހަދާ ނުހަދާއެއް ނޭނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނައިރު، އެކަންކަމާ ދެކޮޅަށް އަޑު އުފުލަން ނުކުތް އެތައް ހާސް ބަޔަކު މުއިއްޒުގެ އިސްތިއުފާ އަށް ގޮވި އެވެ.
ރޭގެ މުޒާހަރާ އަކީ މުއިއްޒުގެ ވެރިކަމާ ދެކޮޅަށް މި ދެ އަހަރުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.
Comment