Advertisement

އިޒްރޭލަށް ފިޔަވަޅު ނާޅަން ފީފާ ރައީސް ދެއްކެވީ އުޒުރެއް

4 އޮކްޓޯބަރު 2025 - 11:06 0


އިޒްރޭލަށް ފިޔަވަޅު ނާޅަން ފީފާ ރައީސް ދެއްކެވީ އުޒުރެއް

4 އޮކްޓޯބަރު 2025 - 11:06 0

ޒިއުރިކް (އޮކްޓޫބަރު 4) - ފުޓްބޯޅައިގެ ހަރަކާތްތަކުގައި އިޒްރޭލް ބައިވެރިވުން ހުއްޓުވައި، އެ ގައުމާ މެދު ފިޔަވަޅު އަޅަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެކޮޅު ހައްދަވައިފި އެވެ.

އދ. ގެ އިންކުއައިރީ ކޮމިޝަނުން މިދިޔަ މަހު ވަނީ އިޒްރޭލުން ވަނީ ފަލަސްތީނަށް އަރައި އިންސާނީ ކަރާމާތް ނަގާލައި، ނަސްލެއް ނައްތާލުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ފަހުން، ގިނަ ގައުމުތަކަކުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނައިރު، އެކިއެކި ގައުމުތަކުން ވަނީ ފުޓްބޯޅަ ހަރަކާތްތަކުން އިޒްރޭލު ސަސްޕެންޑްކުރަން ގޮވާލައިފަ އެވެ.

ޒިއުރިކްގެ ފީފާ ހެޑްކުއާޓާސްގައި ބުރާސްފަތި ދުވަހު ކުރިއަށްދިޔަ، ފީފާ ކައުންސިލް ބައްދަލުވުން ފެށުމުގެ ގޮތުން، ދެއްކެވި ވާހަކައިގައި އިންފަންޓީނޯ ވިދާޅުވީ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އެކިއެކި ދަތިތައް ތަހައްމަލުކުރަމުން އަންނަ ފަރާތްތަކުގެ މަތިން ހަނދާން ކުރާ ކަމަށާއި ފުޓްބޯޅަ ދުނިޔެ އަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ، އެއްބައިވަންތަ ކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ބާރު އެޅުން ކަަމަށެވެ.

"ފީފާ އަށް ޖިއޯޕޮލިޓިކަލް މައްސަލަތައް ހައްލެއް ނުކޮށްދެވޭނެ. އެކަމަކު ފުޓްބޯޅަ ޕްރޮމޯޓް ކުރުމުގެ މަސައްކަތުގެ ތެރެއިން އިންސާނީ ހައްގުތަކުގެ ކަންކަން ކަށަވަރުކުރަން މަސައްކަތް ކުރެވިދާނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

މިއީ، އިޒްރޭލާއި ރަޝިއާއާ މެދު އެއް ހަމައަކުން އަމަލުކުރަން ފީފާ އިން ގެންގުޅޭ ދެފުށްދެގޮތް އުސޫލެއް ކަމަށް ބުނެ، ގިނަ ބަޔަކު ފާޑުކިޔަށް ފެށުމާ އެކު، އިންފަންޓީނޯ ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ކުރައްވައި، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް، ޖިބްލީލް ރަޖޫބްއާ ބައްދަލުކުރެއްވި ކަަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުން މި މަހު، ގަތަރަށް ދިން ހަމަލާއާ ގުޅިގެން، އަރަބި ގައުމުތަކުގެ އިތުރުން، ޔޫރަޕްގެ ގައުމުތަކާ އިޒްރޭލާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ. ގަތަރުގެ ސަރުކާރުގެ އިސް ފަރާތެއް ކަމަށްވާ، ނާސިރު އަލް ހަލީފީ އަކީ ޕީއެސްޖީގެ ރައީސްގެ އިތުރުން، ޔޫރަޕްގެ ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ވެސް ރައީސް އެވެ. އީސީއޭ އަކީ ޔުއެފާއާ ގުޅިގެން ޔޫރަޕްގެ ކްލަބް ފުޓްބޯޅަ އާއި ގައުމުތަކުގެ ފުޓްބޯޅައިގެ ކުރި މަގަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެ ގޮތުން، އީސީއޭގެ ވެސް ތާއީދާ އެކު، ޔުއެފާ އަށް ވަނީ، އިޒްރޭލު، ޔޫރަޕްގެ ފުޓްބޯޅަ ހަރަކާތްތަކުން ބޭރުކުރަން ވޯޓެއް ނަގަން ހުށަހަޅައިފަ އެވެ. އެކަމަކު އޭގެ އެއްވެސް ކަމެއް ކުރިއަށް ނުދެ އެވެ.

ސަސްޕެންޑްކޮށްފިނަމަ، އިޒްރޭލަށް ޔުއެފާ އިން ބާއްވާ އެއްވެސް ކްލަބް ފުޓްބޯޅަ މުބާރާތެއްގެ އިތުރުން، ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ވާދަނުުކުރެވޭނެ އެވެ. އިޒްރޭލު، މި ވަގުތު އޮތީ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕެއްގެ ތިން ވަނައިގަ އެވެ. އެއީ، އެ ގްރޫޕްގެ އެއް ވަނައިގައި އޮތް ނޯވޭ އަށް ވުރެން ހަ ޕޮއިންޓް ފަހަތުގަ އެވެ. އިޒްރޭލުގެ ކްލަބް، މެކަބީ ޓެލް އަވީވް އަންނަނީ، ޔުއެފާ ޔޫރޮޕާ ލީގުގައި ކުޅެމުންނެވެ.