4 އޮކްޓޯބަރު 2025 - 08:39 0
4 އޮކްޓޯބަރު 2025 - 08:39 0
ބާސެލޯނާ (އޮކްޓޫބަރު 4) - ބާސެލޯނާ އަށް ކުޅެމުން އަންނަ 18 އަހަރުގެ ވިންގް، ލަމީން ޔަމާލްގެ އުކުޅުވަޅަށް ލިބުނު އަނިޔާގެ ސަބަބުން ތިން ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް އެެ ކްލަބުން ބުނެފި އެވެ.
ސެޕްޓެމްބަރު މަހު އެންމެ ފުރަތަމަ އުކުޅުވަޅުގެ އަނިޔާގެ މައްސަލައިގެ ކަންކަން ކުރިމަތިވި ފަހުން، ޔަމާލް އަށް ވަނީ ހަތަރު މެޗު ގެއްލިފަ އެވެ. އޭނާ އަލުން ކުޅުމުގެ ތެރެއަށް އައީ، މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު، ރެއާލް ސޮސިއެޑާޑް އަތުން ބާސެލޯނާ މޮޅުވި މެޗުގައި ބެންޗުންނެވެ. އަދި، ފަހުން، ވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބަލިވި މެޗުގައި ކުޅެފަ އެވެ.
ބާސެލޯނާ އިން ބުނީ، ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޔަމާލްގެ އެ އަނިޔާގެ މައްސަލަ އަނެއްކާ ތަކުރާރުވެފައިވާ ކަމަށެވެ. އަދި، ހެދި ޓެސްޓްތަކަށް ފަހު، ޔަމާލް އަށް އެއްކޮށް ފިޓްވެގެން ކުޅުމަށް އެނބުރި އަންނަން ދޭއް ނޫނީ ތިން ހަފްތާ ނަގާނެ ކަމަށް ބާސެލޯނާ އިން ވަނީ ބުނެފަ އެވެ.
އަނިޔާއާ ހެދި ޔަމާލް އަށް ސްޕެއިނުން ކުރިއަށް އޮތް ހަފްތާގައި ކުޅޭ ވޯލްޑް ކަޕް ކޮލިފައިން ދެ މެޗު ގެއްލޭނެ އެވެ. ސްޕެއިނުން ކުޅެން އޮތީ ޖޯޖިއާ އާއި ބަލްގޭރިއާއާ ދެކޮޅަށެވެ.
ޔަމާލް އަނިޔާގައި ހުއްޓަައި، ސްޕެއިން ގައުމީ ޓީމުން އޭނާ ލައްވައި، ސެޕްޓެމްބަރު މަހުގެ މެޗުތަކުގައި، ކުޅުވާފައިވާ ކަމަށް ބުނެ، ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ މީގެ ކުރިން ފާޑުކިޔައިފަ އެވެ. އެ ގޮތުން، ޔަމާލް ވަނީ، ސެޕްޓެމްބަރު އިންޓަނޭޝަނަލް ބްރޭކުގައި ސްޕެއިނުން ވޯލްޑް ކަޕް ކޮލިފައިންގައި ބަލްގޭރިއާ އަތުން 3-0 އިން މޮޅުވި މެޗާއި ތުރުކީގެ މައްޗަށް 6-0 އިން ކުރިހޯދި މެޗުގައި ކުޅެފަ އެވެ. އެ ދެ މެޗުގައި ވެސް ޔަމާލް ކުޅުނީ އުކުޅުވަޅުގެ އަނިޔާގެ ކަންކަން ދިމާވެފައި ހުއްޓައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Comment