3 އޮކްޓޯބަރު 2025 - 15:43 0
އަހުމަދު އާއިދު
ޝަންގްރިއްލާ
3 އޮކްޓޯބަރު 2025 - 15:43 0
ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި ގޮތަށް ނުހުޅުވާ އޮތް އައްޑު އަތޮޅު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓު މި އަހަރު ނިމުމުގެ ކުރިން ހުޅުވަން އެ ރިސޯޓު ހިންގާ ކުންފުނިން އެއްބަސްވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ބޮޑު އޮޅުވާލުމެއް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ތަރައްގީކޮށްފައިވާ 284 އެނދުނުގެ އެ ރިސޯޓު ހިންގަން އުފައްދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައި ދިވެހި ސަރުކާރުގެ 30 ޕަސެންޓު ހިއްސާ އޮވެ އެވެ.
ޝަންގްރިއްލާ ހުޅުވުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު ވިދާޅުވީ 2024 ނިމުމުގެ ކުރިން އެ ރިސޯޓު ހުޅުވާނެ ކަމަށެވެ.
އެ ވައުދާ އެއްގޮތަށް އެތަން ނުހުޅުވި، އަދި އައްޑޫ ސިޓީއަށް ވައުދުވި ގިނަ ކަންތައްތަކެއް ނުފެށި އޮތްވައި، ރިސޯޓު ހުޅުވާ ވާހަކަ ސަރުކާރުން މި ދެއްކީ މި މަހު ފަހުކޮޅު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އައްޑޫ މޭޔަރު ނިޒާރު އަދަދު ނޫހަށް ވިދާޅުވީ ޝަންގްރިއްލާގެ ގިނަ ކޮޓަރިތަކެއް އަދިވެސް ހުރީ މަސައްކަތް ނުނިމި ކަމަށެވެ.
މިހާރު އެ ރިސޯޓް އޮތް ހާލަތުގައި، ތިން ހަތަރު ގުރޫޕު 24 ގަޑިއިރު މަސައްކަތް ކުރިޔަސް އެންމެ މަދުވެގެން އަހަރެއްހާ ދުވަހުގެ މަސައްކަތުން ނޫނީ ރިސޯޓު ނުހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ބާރު އަޅައިގެން އެ ރިސޯޓުގެ 15 ވަރަކަށް ކޮޓަރި މަރާމާތު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެތަންތަން ނިންމައި، ނަމެއްގައި ރިސޯޓު ހުޅުވިޔަސް ފަތުރުވެރިންގެ ބުކިން ހެއްދުން ކުރިއަށް ނުގެންދާނެ އެނގިފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ރިސޯޓު ހުޅުވާ ވާހަކަ ޝަންގްރިއްލާއިން ވެސް ދެއްކީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ހަމަ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމެއް. ޝަންގްރިއްލާއިން އެ ވާހަކަ ދެއްކިޔަސް އެއީ އަޅުގަނޑަށް ގަބޫލު ކުރެވެނީ ސިޔާސީ ނުފޫޒުގައި އެ ބޭފުޅުން ޖެހި ދައްކާ ވާހަކަތަކެއް ކަމަށް. ޝަންގްރިއްލާ ހުޅުވޭނެއޭ ކިޔާފަ އެ ދައްކަނީ ބޭކާރު ވާހަކަތަކެއް. ގަބޫލުކުރާކަށް ނުވެސް ވާނެ،" ނިޒާރު ވިދާޅުވި އެވެ.
"އައްސޭރި ޓޫރިޒަމް" ނަމުގައި އައްޑޫ ސިޓީގައި 6،000 އެނދު ގާއިމް ކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ވިދާޅުވި އެވެ. ޝަންގްރިއްލާ ހުޅުވުމާއި އިތުރުކުރާ އެނދުތަކާ އެކު އައްޑޫގެ ޓޫރިޒަމަށް ބޮޑު ބަދަލެއް އަންނަ އިރު، އައްޑޫގެ އެއާޕޯޓު ތަރައްގީވާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.
މި ޕްރޮޖެކްޓްތަކުގެ އިތުރުން މުއިއްޒު ވައުދުވި އެހެން ޕްރޮޖެކްޓުތައް ވެސް ނުހިނގާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment