Advertisement

މުޒާހަރާގައި އަހަރެން ބައިވެރިވާންޖެހޭ ސަބަބުތައް ވަރަށް ގިނަ: ނިޒާރު

2 އޮކްޓޯބަރު 2025 - 22:27 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ މޭޔަރު އަލީ ނިޒާރު


މުޒާހަރާގައި އަހަރެން ބައިވެރިވާންޖެހޭ ސަބަބުތައް ވަރަށް ގިނަ: ނިޒާރު

2 އޮކްޓޯބަރު 2025 - 22:27 2

މާދަމާ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ބޮޑު މުޒާހަރާގައި ބައިވެރިވާނެ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ނިޒާރު އަދަދު ނޫހަށް ވިދާޅުވީ މޭޔަރެއްގެ ހައިސިއްޔަތުން، ހުކުރު ދުވަހުގެ ރޭ ބާއްވާ މުޒާހަރާގައި ބައިވެރިވާންޖެހޭ ސަބަބުތައް ގިނަ ކަމަށެވެ.

އޭގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމާއި، ލާމަރުކަޒީ ނިޒާމު ނައްތާލުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓުވުން ހިމެނޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އަޅުގަނޑު މުޒާހަރާގައި ބައިވެރިވާން ޖެހޭ ސަބަބަކީ ކައުންސިލްތައް ހިންގުމަށް ހުރަސްއަޅައި ކައުންސިލްތައް ގަބޫލު ނުކުރައްވައި ކައުންސިލްތަކުގައި ހިންގުމަށް މި އޮތްހައި ދުވަހު ކުރެވުނު މަސައްކަތްތައް އެއްކޮށް ގާތްގަނޑަކަށް ހެން ބޭކާރު އެއްޗަކަށް މިދަނީ [ވަމުން]،" ނިޒާރު ވިދާޅުވި އެވެ.

ސިޔާސީ ބޭނުމަށް ދައުލަތުގެ ބާރުތައް ބޭނުންކޮށް، ސިޔާސީ މުވައްޒަފުން އިތުރުކޮށް، ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މުދަލުގެ އަގު އުފުލިފައި ވާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، މުއިއްޒު ހަމަ މަގަށް އެޅުވުމަށް މުޒާހަރާގައި ބައިވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަންކަން ހިނގާއިރު މިއީ އަޅުގަނޑުމެންގެ ވެސް ގައުމު އަޅުގަނޑުމެން އެންމެންގެ ހިއްސާ އޮތް ގައުމު، އަޅުގަނޑުމެން ދިރިއުޅެން ވެސް އޮތް ތަން. މިތަން ސަލާމަތްކުރުމަށްޓަކައި އެންމެން ނުކުންނަންޖެހޭ އެންމެ ނިކުންނަން ޖެހޭ،" ނިޒާރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އައްޑޫގެ ތަރައްގީ އެތައް އަހަރެއް ފަހަތަށް ސޮއްސާލަމުންދާ ކަމަށް ވެސް ނިޒާރު ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރުން އައްޑޫގައި އަލަށް ފެށި އެއްވެސް ކަމެއް ނެތް ކަމަށާއި މިހާރު ކަންތައްތަކެއް ކުރަން އުޅޭކަން ދައްކަނީ، ކައުންސިލް އިންތިހާބާއި އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވާ ހިޔާލު ހޯދުމުގެ ވޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ މޭޔަރުގެ އިތުރުން މާދަމާގެ މުޒާހަރާގައި ރަށު ކައުންސިލްތަކުގެ ބައެއް މެންބަރުން ވެސް ބައިވެރިވެ އެވެ. އަދި ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.