2 އޮކްޓޯބަރު 2025 - 14:23 1
ލީވާން އަލީ ނާސިރު
2 އޮކްޓޯބަރު 2025 - 14:23 1
އައްޑޫ ސިޓީ، ހަންކެޑެއިގައި ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް އެންޑް އެންވަރަމަންޓް މިނިސްޓްރު، ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ތޯރިގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ހުޅުވާލި ރަށްތަކުގެ ލިސްޓުން ހަންކެޑެ އުނިކޮށްފައިވާތީ އެތަން އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
"ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން މިދަނީ ކުރަމުން،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އަމާޒަކީ ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށައި، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި އެ ތަން އޮޕަރޭޝަނަށް ގެނައުން ކަމަށެވެ.
ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށް، ފައިސާ ވެސް ހޯދައިފައި އޮއްވައި ހަލާލް ޓޫރިޒަމް ކޮންސެޕްޓަށް އެ ރަށް ތަރައްގީ ކުރަން މި ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އެ ރަށަކީ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ރަށެއްގެ ގޮތުގައި ކަނޑައެޅީ އިއްޔެ އެވެ.
ސަރުކާރުން ގަރާރުން ވަނީ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ހަންކެޑެ ކުއްޔަށް ދިނުމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ޑިސެމްބަރު 2، 2021، ގައި ނެރުއްވި ގަރާރު އުވައިލައްވާފަ އެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލު ކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) އެވެ. ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި އޮތީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
ވެރިކަން ބަދަލުވުމަށްފަހު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ބޭއްވުމަށްފަހު ހަންކެޑެގައި ތަރައްގީ ކުރަން ރާވާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓުގައި ހޮޓާތައް މެނޭޖުކޮށް ހިންގަން ޑުބާއީގެ ދު ކުންފުންޏަކާ އޮކްޓޫބަރު 2، 2024، ގައި މި ސަރުކާރުން ހަވާލުކުރި އެވެ.
އޭގެފަހުން އެތަނުގެ އަމަލީ މަސައްކަތް އިފުތިތާހު ކުރުމަށް ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހު ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނައި, ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ސީއެންއީއީސީގެ މަންދޫބެކެވެ.
ނަމަވެސް އޭގެފަހުން ވެސް އެ ތަނުގެ ބިން ސާފު ކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނުވެ އެވެ.
Comment