2 އޮކްޓޯބަރު 2025 - 12:50 1
އަހުމަދު އާއިދު
ސްޓަމްސްގެ ކޮމިޝަނަރު ދިޔާނާ: ކަސްޓަމްސްގެ މުވައްޒަފުންނަށް ކުއްލި މަސް ރޭހެއް މާދަމާ ބާއްވަނީ ---- ފޮޓޯ: ރައީސް އޮފީސް
2 އޮކްޓޯބަރު 2025 - 12:50 1
އޮކްޓޯބަރު 3، ގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާ ބޯމަތިވެފައިވަނިކޮށް ކަސްޓަމްސްގެ މުވައްޒަފުންނަށް ކުއްލި މަސްދަތުރެއް ރާވައިފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަސްޓަމްސް އިން ވަނީ މަސް ބޭނުމުގެ މުބާރާތެއް ކުއްލިއަކަށް މާދަމާއަށް ރާވައިފަ އެވެ. މަހަށް ފުރަން ރާވާފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގަ އެވެ. މާދަމާ ރޭ އެމްޑީޕީގެ މުޒާހަރާ ކުރިއަށްދާއިރު ކަސްޓަމްސްގެ މުވައްޒަފުން ތިބޭނީ މަހަށް ގޮހެވެ.
ކަސްޓަމްސްގެ އިތުރުން ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުން އަންނަނީ މާދަމާ ރޭގެ މުޒާހަރާގައި މުވައްޒަފުން ބައިވެރިވެދާނެތީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އޭގެ ތެރޭގައި އެޗްޑީސީ ވެސް ހިމެނެ އެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ޖަގަހަ ޖަލްސާއަށް ދިޔުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރި ކަމަށާއި، ޖަލްސާއަށް ދިޔަ މުވައްޒަފުންގެ ހާޒިރީ ބެލިކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.
ރޭގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުން އަދި ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަދި މާލެ ސިޓީގެ ކައުންސިލަރުން ބައިވެރިވި އެވެ. އާޓިފިޝަލް ބީޗު ކައިރި ހުންނަ ޖަގަހައިގައި ބޭއްވި ޖަލްސާގެ ބައިވެރިން ބޮޑުތަކުރުފާނު މަގާއި އާޓިފިޝަލް ބީޗު ތެރޭ ވެސް ތިއްބެވެ.
މި ނޫހަށް މައުލޫމާތު ދިން އެސްއޯއީތަކުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި މި ޖަލްސާއަށް ދާން ކުންފުނިތަކުގެ ވެރިން މި ހަފުތާ ފެށުމާއެކު އަންގަން ފެށި އެވެ. އެކަން އަންގަން ގްރޫޕުތަކަށް މެސެޖުކޮށް، ވަކި މީޓިންތަކެއް ބޭއްވި ކަމަށް އެ މުވައްޒަފުން ބުންޏެވެ.
އެގޮތުން، އެމްޕީއެލް، ސްޓެލްކޯ، އެމްއޭސީއެލް، އެސްޓީއޯ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޭގެ ޖަލްސާއަށް ދާން އެންގި ކަމަށް އެ ކުންފުނިތަކުވެ މުވައްޒަފުން ބުންޏެވެ.
އެމްޑީޕީގެ މުޒާހަރާ ބޯމަތިވެފައިވަނިކޮށް ސިފައިން ވަނީ ކަނޑުދަތުރުކުރާ އުޅަނދުތައް ބަލައިފާސްކުރަން ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.
މީގެ އިތުރުން، އަންގާރަ ދުވަހުގެ ރޭ ދަންވަރު ގިނަ އަދަދެއްގެ ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި މާލޭގެ މަގުތަކަށް ނުކުމެފަ އެވެ. ރަޔަޓު ގިޔަރުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާ ފަށާ އާޓިފިޝަލް ބީޗު ކައިރީގަ އެވެ.
އެގޮތުން، ސަލްމާން މިސްކިތް ކައިރި އަދި ރާޅުގަނޑު ސަރަހައްދު އަދި މަޖީދީ މަގު ޖެލީ ރެސްޓޯރަންޓު ކައިރި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. އާންމުކޮށް އެއްވުންތަކާއި މުޒާހަރާތައް ހުއްޓުވަން އަދި ރޫޅާލަން ބޭނުންކުރާ ޝީލްޑު ފަދަ އާލާތްތަކާއެކު ސަފުތަކަށް އެތުރި، ފުލުހުން ތައްޔާރުވަމުން ދިޔަ މަންޒަރު އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެނެ އެވެ.
Comment