Advertisement

ޕީއެސްޖީން ބާސެލޯނާ ބަލިކުރިއިރު، މޮނާކޯ އިން ސިޓީއާ ފަހު ވަގުތު އެއްވަރުކޮށްފި

2 އޮކްޓޯބަރު 2025 - 07:16 0


ޕީއެސްޖީން ބާސެލޯނާ ބަލިކުރިއިރު، މޮނާކޯ އިން ސިޓީއާ ފަހު ވަގުތު އެއްވަރުކޮށްފި

2 އޮކްޓޯބަރު 2025 - 07:16 0

ބާސެލޯނާ (އޮކްޓޫބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން 2-1 އިން ބާސެލޯނާ ބަލިކުރިއިރު، ފަހު ވަގުތު. މޮނާކޯ އިން ގޯލު ޖަހައި މެންޗެސްޓާ ސިޓީއާ 2-2 އިން އެއްވަރުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާއިން ރޭ ޕީއެސްޖީ ކައިރިން ލީޑުނެގި އެވެ. އެއީ، މެޗުގެ 19 ވަނަ މިނިޓްގައި، މާކަސް ރެޝްފޯޑް ދިން ބޯޅައަކުން ފެރާން ޓޮރޭޒް ޖެހި ގޯލަކުންނެވެ. އެކަމަކު، ބާސެލޯނާ އަށް ފުރަތަމަ ހާފު ވެސް ލީޑުގައި އޮވެ، ނިންމައިނުލެވުނެވެ. މެޗުގެ 38 ވަނަ މިނިޓްގައި، ޕީއެސްޖީގެ ސެނީ މަޔޫލޫ ވަނީ ގޯލު ޖަހައި، އެއްވަރުކޮށްފަ އެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖެހީ 90 ވަނަ މިނިޓްގައި ގޮންޒާލޯ ރާމޯސް އެވެ. އޭނާ މި ލަނޑު ޖެހީ އަޝްރަފް ހަކިމީ ދިން ބޯޅައަކުންނެވެ. މިއީ، ބާސެލޯނާ ދަނޑުގައި ފަހު ވަގުތު ގޯލު ޖަހައިގެން، ޔޫރަޕްގައި ޓީމެއް މޮޅުވި ފުރަތަމަ ފަހަރެެވެ.

މޮނާކޯ ދަނޑުގައި އާލިން ބްރައުޓް ހާލަންޑް ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އެ ގޯލު ޖެހިތާ ތިން މިނިޓް ފަހުން، މޮނާކޯ އިން އެއްވަރުކުރީ، ޖޯޑަން ޓެޒޭ ފޮނުވާލި ބާރު ހަމަލާ އަކުންނެވެ. ދެ ވަނަ ފަހަރަށް ވެސް ސިޓީން ލީޑުނެގީ ހާލަންޑް ޖެހި ގޯލަކުންނެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގައި އިނގިރޭސި މިޑްފީލްޑަރު، އެރިކް ޑަޔާ ވަނީ މޮނާކޯ އަށް އެއްވަރުކޮށްދީފަ އެވެ.

އާސެނަލުން ވަނީ ފުރަތަމަ ހާފުގައި ގަބްރިއެލް މާޓިނެލީ އަދި މެޗުގެ އިތުރު ވަގުތުގައި ބުކާޔޯ ސަކާ ޖެހި ގޯލުތަކުން 2-0 އިން އޮލިމްޕިއާކޯސް ބަލިކޮށްފަ އެވެ. ރޭ ނަޕޯލީން 2-1 އިން ސްޕޯޓިން ލިޒްބަން ބަލިކުރިއިރު، ޔުވެންޓަސް ވަނީ 2-2 އިން ވިޔަރެއާލާ އެއްވަރުވެފަ އެވެ. އަދި، ނިއުކާސަލް ޔުނައިޓެޑުން ވަނީ ޔޫނިއަން ސެއިންޓް ގިލޮއިސް އަތުން 4-0 އިން މޮޅުވެފަ އެވެ.