Advertisement

ވިކްޓަރީގެ ކޯޗަކަށް ސްލޮވާކިއާގެ ޖޯޖްލީ ހަމަޖައްސައިފި

1 އޮކްޓޯބަރު 2025 - 22:39 0


ވިކްޓަރީގެ ކޯޗަކަށް ސްލޮވާކިއާގެ ޖޯޖްލީ ހަމަޖައްސައިފި

1 އޮކްޓޯބަރު 2025 - 22:39 0

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ ހަމަޖައްސައިފި އެވެ.

ވިކްޓްރީން ޖޯޖްލީ، 48، ކޯޗަކަށް ހަމަޖެއްސިކަން އިއުލާނުކޮށްފައިވަނީ، މިރޭ އެ ކްލަބްގެ އާ ހިންގާ ބޯޑު އިއުލާނުކުރުމުގެ ގޮތުން ބޭއްވި އިވެންޓުގަ އެވެ.

ޖޯޖްލީ ވެގެންދާނީ މި ފަހަރުގެ ސީޒަނުގައި ރާއްޖޭގައި މަސައްކަތްކުރާ ތިން ވަނަ ބިދޭސީ ކޯޗަށެވެ. މި ވަގުތު، ބިދޭސީ ކޯޗުން ތިބީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް އާއި އޮޑި ސްޕޯޓްސް ކްލަބްގައި، ސްޕެއިނުގެ އަންދްރޭ ގާސިއާ އެވެ.

ފުޓްބޯޅައިގެ ތަފާސްހިސާބުތައް ރައްކާކުރާ ޓްރާންސްފާމާކެޓް އިން މައުލޫމާތު ލިބޭ ގޮތުގައި، ޖޯޖްލީ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ، ސްލޮވާކިއާގެ ފުރަތަމަ ޑިވިޝަނުގެ އެފްސީ ކޯސިކާގެ ކޯޗެއްގެ އިތުރުން ޑިރެކްޓާ އޮފް ޔޫތު ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ.


މީގެ 10 ވަރަކަށް އަހަރު ކުރިން ކޯޗިން ކެރިއަރު ފެށި ޖޯޖްލީ މުޅިންހެން މަސައްކަތްކޮށްފައި ހުރީ، ސްލޮވާކިއާ އާއި ސާބިއާގެ ޓީމުތަކުގަ އެވެ. ވިކްޓަރީ އަކީ އޭނާ އޭޝިއާގައި ކުރާ ކޯޗިންގެ ފުރަތަމަ ތަޖުރިބާ އެވެ.

ވިކްޓަރީ އަށް އެންމެ ފަހުން އިރުޝާދުދިން ބިދޭސީ ކޯޗަކީ، ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ އެވެ. އެއީ، އެ ޓީމުން ސަސްޕެންޝަނުން އައިސް 2022 ވަނަ އަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅުނުއިރު އެވެ. ވިކްޓަރީ އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި އޮތްއިރު، ބިދޭސީ ކޯޗަކަށް އެންމެ ފަހުން އެ ޓީމުގައި ހުރީ، 2018 ވަނަ އަހަރު ލާޒްލޯ ކިސް އެވެ.

މި ފަހަރުގެ ސީޒަނުގައި ވިކްޓްރީން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ދެ މެޗުގައި، ކުޅުނީ އެސިސްޓަންޓް ކޯޗު، އާދަމް އަބްދުއްލަތީފް (ލައްޗޭ)ގެ ކޯޗުކަމުގަ އެވެ. ފުރަތަމަ މެޗުން ބުރު ސްޕޯޓްސް ކްލަބް އަތުން 5-0 އިން ވިކްޓްރީ ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ ކްލަބް ގްރީން ސްޓްރީޓްސް އަތުން 1-0 އިން މޮޅުވެފަ އެވެ. ވިކްޓަރީން ކުޅޭ ތިން ވަަނަ މެޗުގައި މާދަމާރޭ އޮޑި ސްޕޯޓްސް ކްލަބާ ކުޅޭނެ އެވެ.