Advertisement

"އެއްވުން ހުއްޓުވުމަށް މުއިއްޒުގެ ސަރުކާރުން ދަނީ ގޭންގުތަކަށް ފައިސާ ދެމުން"

1 އޮކްޓޯބަރު 2025 - 12:31 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


"އެއްވުން ހުއްޓުވުމަށް މުއިއްޒުގެ ސަރުކާރުން ދަނީ ގޭންގުތަކަށް ފައިސާ ދެމުން"

1 އޮކްޓޯބަރު 2025 - 12:31 0

އޮކްޓޯބަރު 3، ގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ ބޮޑު އެއްވުން ހުއްޓުވުމަށް މާލޭގަައި ހަރަކާތްތެރިވާ ގޭންގުތަކަށް ރައީސް މުހައްމަދު މުއިއްޒު ފައިސާ ދެމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފި އެވެ.

ބޮޑު އެއްވުމުގައި ކުށްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މުޒާހަރާ ހުއްޓުވާނެކަމުގެ އިޝާރާތެއް ފުލުހުން ވަނީ ދީފަ އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޮޑު އެއްވުމުގައި ކުށްކުރާ ގުރޫޕުތައް ނެރެ މާލެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތުތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

""އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕުތައް މަގުމައްޗަށް ނެރެ މާލެ ތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ،" ފުލުހުން ބުނެފައިވެ އެވެ.

އެ ތުހުމަތުތައް ދޮގުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން ދީފަ އެވެ. އެއްވުމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށާއި އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން ހުއްދައަށް ވެސް އެދިފައިވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

"އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ގޭންގުތައް ނެރެގެން ޕީއެންސީއިން އެމްޑީޕީގެ އެއްވުމަށް ހުރަސް އަޅަން އުޅޭކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި، އެ ތުހުމަތު އެ ޕާޓީގެ ބޮލުގައި އެޅުވުމުން ހިތާމަ ކުރާ ކަމަށް އެމްޑީޕީން ބުނެ އެވެ.

ފުލުހުންގެ ބަޔާނުން އެ އިދާރާއަކީ ވެސް މުއިއްޒުގެ މުށުތެރޭގައި އޮތް އިދާރާއެއްކަން ސާފުވާ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި އެ ޕާޓީން އިހުތިޖާޖަށް ނުކުންނަނީ ގައުމުގެ ކަންކަން އެހެން ހިނގަމުންދާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.

ފުލުހުން އެމްޑީޕީއަށް މިފަދަ ބޮޑެތި ތުހުމަތަކެއް ކޮށްފައިވާއިރު، ރޭ ދަންވަރު ގިނަ އަދަދެއްގެ ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި މާލޭގެ މަގުތަކަށް ނުކުމެފަ އެވެ. ރަޔަޓު ގިޔަރުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ މުޒާހަރާ ފަށާ އާޓިފިޝަލް ބީޗު ކައިރީގަ އެވެ.

އެގޮތުން، ސަލްމާން މިސްކިތް ކައިރި އަދި ރާޅުގަނޑު ސަރަހައްދު އަދި މަޖީދީ މަގު ޖެލީ ރެސްޓޯރަންޓު ކައިރި ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ. އާންމުކޮށް އެއްވުންތަކާއި މުޒާހަރާތައް ހުއްޓުވަން އަދި ރޫޅާލަން ބޭނުންކުރާ ޝީލްޑު ފަދަ އާލާތްތަކާއެކު ސަފުތަކަށް އެތުރި، ފުލުހުން ތައްޔާރުވަމުން ދިޔަ މަންޒަރު އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެނެ އެވެ.