Advertisement

ޓޯކިޔޯ މުބާރާތް ނެގުނަސް އަލްކަރާޒް ޝަންހާއީގައި ނުކުޅޭނެ

1 އޮކްޓޯބަރު 2025 - 11:16 0


ޓޯކިޔޯ މުބާރާތް ނެގުނަސް އަލްކަރާޒް ޝަންހާއީގައި ނުކުޅޭނެ

1 އޮކްޓޯބަރު 2025 - 11:16 0

ޖަޕާން، ޓޯކިޔޯ (އޮކްޓޫބަރު 1) - ޓޯކިޔޯގައި ކުރިއަށްދިޔަ ޖަޕާން އޯޕަންގެ ޗެމްޕިއަންކަން، ދުނިޔޭގެ ފިރިހެން އެއް ވަނަ ކުޅުންތެރިޔާ، ކާލޯސް އަލްކަރާޒް ހޯދި ކަމުގައި ވިޔަސް، ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ މުބާރާތުގައި ނުކުޅެން ނިންމައިފި އެވެ.

ޖަޕާން އޯޕަން ފައިނަލުގައި އަލްކަރާޒް ވަނީ އެމެރިކާގެ ޓޭލާ ފްރިޓްޒް އަތުން 6-4، 6-4 އިން ސެޓުތައް ގެންގޮސްގެން މޮޅުވެފަ އެވެ. އެކަމަކު، އިއްޔެ ޗައިނާގައި ފެށި، ޝަންހާއީ މާސްޓާސްގައި ނުކުޅޭނެކަން އަލްކަރާޒް ވަނީ އިއުލާނުކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ޖަޕާން އޯޕަންގެ ފުރަތަމަ ބުރުގައި އަލްކަރާޒް ކުޅުނު މެޗުގައި އޭނާގެ ވާތު ކުޑަހުޅަށް ވަނީ އަނިޔާވެފަ އެވެ. އެކަމަކު، އެ އަނިޔާ އަށް ފަރުވާ ހޯދައި، އަލްކަރާޒް ވަނީ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ.

އެހެން ނަަމަވެސް، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އަލްކަރާޒް ބުނެފައިވަނީ، މިއީ އޭނާގެ ރިކަވަރީ އަށް ފޯކަސްކޮށްގެން އަރާމް ކުރަން ޖެހޭ ވަގުތު ކަމަށް ފެންނާތީވެ، ޝަންހާއީ އިން ނުފެންނާނެ ކަމަށެވެ. އަދި، ފިިޒިކަލީ އެންމެ ރަނގަޅު ހާލަތެއްގައި ނެތްއިރު ވެސް ކުޅެމުން އަންނަތާ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް އަލްކަރާޒް ބުނީ، އޭނާގެ ނިންމުން މި އައީ ޓީމާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އިޓަލީގެ ޖަނިކް ސިނާ އަތުން، ވިމްބަލްޑަން ފައިނަލުގައި ބަލިވި ފަހުން، އަލްކަރާޒް ވަނީ އޭޓީޕީގެ ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ، ސިންސިނާޓީ އޯޕަން، ޔޫއެސް އޯޕަން އަދި ޖަޕާން އޯޕަން އެވެ. މީގެ ތެރެެއިން، ޔޫއެސް އޯޕަން އަކީ ގްރޭންޑް ސްލޭމް ހަތަރު މުބާރާތުގެ ތެރެއިން އެއް މުބާރާތެވެ.