1 އޮކްޓޯބަރު 2025 - 10:39 0
އަހުމަދު އާއިދު
ބަންކަރިންގެ ހިދުމަތަށް ގެނައި ވިޓޯލް އިން ސިންގަޕޫރުގައި ބޭނުންކުރަމުންދިޔަ "މެރިން ބެލާ" އަދި "މެރިން އޭންޖެލް" --- ފޮޓޯ: ވިޓޯލް
1 އޮކްޓޯބަރު 2025 - 10:39 0
ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅު ސަރަހައްދުގައި ފްލޯޓިން ބަންކަރިންގެ ހިދުމަތް ދޭން ގެނައި އެއް ބޯޓު މާލެ ކައިރި އަޅާފައި އޮތް އިރު އަނެއް ބޯޓު އަވަށްޓެރި ސްރީ ލަންކާގެ ބަނދަރެއްގައި އޮތްކަން އެނގިއްޖެ އެވެ.
ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެން ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށީ ސެޕްޓެމްބަރު 19، 2024 ގަ އެވެ. މި ހިދުމަތް ދިނުމަށް ރާއްޖެ ގެނައީ ވިޓޯލް އިން ސިންގަޕޫރުގައި ބަންކަރިންގެ ހިދުމަތް ދޭން ގެންގުޅުނު 3258 ޓަނުގެ މެރިން އޭންޖަލް އާއި 3939 ޓަނުގެ މެރިން ބެލާ އެވެ.
ކަނޑު އުޅަނދު ޓްރެކްކުރާ ވެސެލްފައިންޑާ އަދި މެރިން ޓްރެފިކް ފަދަ ސައިޓުތަކުން ދައްކާ ގޮތުގައި މީގެ ތެރެއިން މެރިން އޭންޖަލް މިވަގުތު އޮތީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބަނދަރުކޮށްފަ އެވެ. މެރިން ބެލާ އޮތީ މާލެ ސަރަހައްދުގަ އެވެ.
ވޭތުވެދިޔަ މަސް ދުވަހު މެރިން އޭންޖަލް ދަތުރު ކުރި ގޮތަށް ބަލާއިރު، ސެޕްޓެމްބަރު 1، ގައި އެ ބޯޓު އޮތީ ނ. އަތޮޅުގަ އެވެ. ނ. ހޮޅުދޫ ކައިރި އޮތުމަށްފަހު އެ ބޯޓު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ށ. އަތޮޅަށް ވެސް ދިޔަ އެވެ. އެއަށްފަހު އައީ މާލެ އަށެވެ.
ސެޕްޓެމްބަރު 11، ގައި މާލެ ސަރަހައްދަށް އައުމަށްފަހު އެ ބޯޓު ވަނީ ލަންކާއަށް ދަތުރު ފަށާފަ އެވެ. އޭގެ ފަހުން އެ ބޯޓު އެނބުރި ރާއްޖެއަށް އައިސްފައެއް ނުވެ އެވެ.
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ދޭން ގެނައި "މެރިން އޭންޖަލް" އަދި "މެރިން ބެލާ" އިން ވޭތުވެދިޔަ މަހު ދަތުރުކޮށްފައިވާ ރޫޓު ---- ފޮޓޯ: ވެސެލް ފައިންޑާ
މި މުއްދަތުގައި މެރިން ބެލާ މާލެ ސަރަހައްދު ދޫކޮށް ގޮސްފައެއް ނުވެ އެވެ. މި ބޯޓު "އެނބުރިފައި" ވަނީ ވިލިމާލެ އާއި ގުޅީފަޅު އަދި ފޭދޫ ފިނޮޅު ކައިރީގަ އެވެ.
ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް މަސް ދުވަސް ވީއިރު، މި ދެ ބޯޓު މާލެ ސަރަހައްދަށް އައި ހަބަރު މިދިޔަ އަހަރު މި ނޫހުން ވާނީ ގެނެސްދީފަ އެވެ. އޭރު އެސްޓީއޯ އިން ބުނީ މާލެ ސަރަހައްދު ނުވަތަ އެހެން ސަރަހައްދެއްގައި އޮތް ނަމަވެސް އެ ބޯޓުތަކުން ބަންކަރިންގެ ހިދުމަތް ދެމުންދާ ކަމަށެވެ. ފުރަތަމަ މަޝްރޫއު ރޭވި ގޮތަށް އިހަވަންދިއްޕޮޅުގައި އޮވެ ހިދުމަތް ދެމުން ނުދާ ސަބަބެއް ސާފެއް ނޫނެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ 8 ޑިގްރީ ޗެނަލުން މަހަކު 300 އަށް ވުރެ ގިނަ އުޅަނދު ހުރަސް ކުރާއިރު، ބަންކަރިންގެ ހިދުމަތުން ރާއްޖޭގެ އިގުތިސާދަށް އަހަރަކު 400 މިލިއަން ވަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ނަމަވެސް، އެހެން ވިދާޅުވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފަހުން ވަނީ ރާގު ބަދަލުކުރައްވާ، އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ނޫސްވެރިން ލިޔުނީ އޭނާ ދެއްކި ވާހަކަ ޓުވިސްޓު ކޮށްގެން ކަމަށް ވިދާޅުވެފަ އެވެ.
"[އަޅުގަނޑު ވިދާޅުވީ] އޭގެތެރެއިން އެއް ޕަސެންޓަކީ ވެސް 400 އެއްހާ މިލިއަން ޑޮލަރޭ. އެ ޓާގެޓަށޭ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑު އެއްވެސް ހާލެއްގައި، ކުރިން ވެސް އަދި މިއަދު ވެސް ނުދަންނަވަން، ހަމަ ބަންކަރިން ފަށާ ދުވަހު 400 މިލިއަން ޑޮލަރު ރާއްޖޭގެ ޖީޑީޕީ ތެރެއަށް ވަދެގެން ދާނެ ކަމަކަށް،" އެޕްރީލް 21، ގައި ސައީދު ވިދާޅުވި އެވެ.
މި ވާހަކަތަކަށްފަހު، ބަންކަރިންގެ ހިދުމަތުން ފުރަތަމަ ހަތް މަހުން ލިބުނީ ހަތް މިލިއަން ޑޮލަރު ކަމަށް މެއި މަހު ސައީދު ވިދާޅުވި އެވެ. މި ހަތް މިލިއަނުގެ ތެރެއިން 95 އިންސައްތަ އަކީ ބަންކަރިންގެ ތެރެއިން ރާއްޖެއަށް މުޅިން އަލަށް އެތެރެކުރި ލޯ ސަލްފާ ތެޔޮ ވިއްކައިންގެ ލިބުނު އާމްދަނީ ކަމަށް ސައީދު ރޭ ވިދާޅުވި އެވެ. އަދި، އެ ތެލަށް އޮތް ޑިމާންޑު މަތިވަމުންދާ ކަން ފާހަގަކުރެއްވި އެވެ.
Comment