1 އޮކްޓޯބަރު 2025 - 00:26 0
މާޒިޔާގެ ދާދު އާއި އައިސަމް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
1 އޮކްޓޯބަރު 2025 - 00:26 0
ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 3-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި، ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އެއް ވަަނައިގައި އޮތް މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވަނީ، ތިން މެޗުންނެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެވޭތޯ ބަލަމުންދިޔައިރު، މާޒިޔާ އާއި ބުރުން ވެސް ލިބޭ ފުރުސަތުތަކުގައި ގޯލާ އަމާޒުކޮށް ހަމަލާ ފޮނުވާލަމުންދިޔަ އެވެ.
މާޒިޔާގެ ކީޕަރު، ގައުމީ ޓީމުގެ ހުސެއިން ޝަރީފް (ހުސެން) އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައި މި މެޗުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މާޒިޔާ އަށް ލަނޑު ޖަހައިދޭން ހަސަން ނަޒީމް ގާސިމް (ޗޯޓު) ޖެހި ބޯޅައެއް ބުރުގެ ކީޕަރު، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖަހައިދިން ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ބުރަށް ގޯލު ޖަހައިދޭން ބްރެޒިލްގެ ފޯވާޑް، ހުޑްސަން ޑިއާޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ދަނޑިއަށެވެ.
މާޒިޔާ އިން ލީޑުނެގީ މެޗުގެ 33 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުންނެވެ. ނާއިޒު ހަސަން (ދާދު) ދިން ހިތްގައިމު ބޯޅައަކުން، ހަމްޕު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް، މާޒިޔާ އިން ލީޑުފުޅާކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ދާދު ޖެހި ގޯލުންނެވެ. މިއީ، އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ދާދު ޖެހި ގޯލެކެވެ.
މެޗުގައި، މާޒިޔާ އިން ޖެހި ތިން ވަނަ ލަނޑު ކާމިޔާބުކުރީ އިބްރާހިމް އައިސަމް އެވެ. މެޗުގެ 59 ވަނަ މިނިޓްގައި އައިސަމް ހިލޭޖެހުމަކުން ޖެހި ބޯޅަ ގޯލަށް ވަނީ، އޭރިއާ ތެރޭގައި ހުރި އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި ގޯލުގެ ދުރު ކަނަށެވެ.
މާޒިޔާ އަށް އިތުރު ގޯލެއް ޖަހައިދޭން މުހައްމަދު އިލާން އިމްރާން ޖެހި ބޯޅަ ދަނޑިކައިރިން ދިޔައިރު، ހައިޝަމް ހަސަން (ބިޑި) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
Comment