30 ސެޕްޓެންބަރު 2025 - 21:12 0
އަހުމަދު އާއިދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް: ހާއްސަ އޮޑިޓު ރިޕޯޓާއެކު އެ ކުންފުނިން ބުނީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
30 ސެޕްޓެންބަރު 2025 - 21:12 0
މިދިޔަ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަނުގެ ތެރޭގައި ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ހާމަވެފައި ވަނިކޮށް، އެ ކުންފުނީގެ ކަންކަން ރަނގަޅު ކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފެނަކައިން ބުނެފި އެވެ.
މިރޭ ނެރުނު ނޫސް ބަޔާނެއްގައި ފެނަކައިން ބުނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރުމަށް ލަސްނުކޮށް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ކުންފުނީގެ ކަންކަން ކުރިއަށްދަނީ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމަށް އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިރޭ ބުންޏެވެ.
މީގެ އިތުރުން، އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި ހިންގުމުގެ އޮނިގަނޑު ހަރަދުނާ ކުރުމާއި، ހިއްސާދާރުންނާއި މަޝްވަރާ ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމާއި، ކަންކަން ރިޕޯޓުކުރުމަށް އަދި މައުލޫމާތު ހާމަކުރުމަށް އޮތް ނިޒާމު ވަރުގަދަ ކުރުން ހިމެނޭ ކަމަށް ފެނަކައިން ބުނެފައިވެ އެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަކުރާރު ނުވާނެ އަނެއް ކަމަކީ ހިޔާނާތުގެ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުން ކަމަށް ފެނަކައިން ބުނެފައިވެ އެވެ. އެކަން ކުރުމަށް، އެ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރާނެ ކަމަށް އެ ކުންފުނިން މިރޭ ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އާންމުކުރި އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މީގެތެރެއިން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިޔާ އަހުމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އޭނާއާ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި 31 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
މެނޭޖިން ޑިރެކްޓަރު ކަމުގައި ސައީދު ހުންނެވިއިރު، ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއް ސޮއިކުރި މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށް ލާން ސެޕްޓެމްބަރު 28، ގައި ވަނީ ކްރިމިނަލް ކޯޓުން ހުކުމޮށްފަ އެވެ.
Comment