30 ސެޕްޓެންބަރު 2025 - 13:12 10
ސާއިފް ޝިޔާދު
30 ސެޕްޓެންބަރު 2025 - 13:12 10
އޮޑިޓު ގާނޫނުގައިވާ އަހުލާގީ މިންގަނޑުގެ ރަތް ރޮނގު އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ހުރަސްކޮށް، ވެރިކަންކުރާ ޕާޓީގެ ސިޔާސީ ޕްރޮޕެގެންޑާއާ އެއްގޮތަށް އޮޑިޓު ރިޕޯޓު ނެރެފި އެވެ. އެކަމުގައި ކުރެވޭ ސިޔާސީ ބަހުސަށް ވުރެ، އެއީ މާ ބޮޑު މައްސަލައެކެވެ.
އޮޑިޓަ ޖެނެރަލްއަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މުދަލާއި ފައިސާ އަށް ފާރަވެރިވެ، އެތަކެތި ބޭނުންކުރަނީ ރައްޔިތުން ލިޔެފައި ދިން ގޮތަށް، އެ ރައްޔިތުންގެ ފައިދާ އާއި މަންފާއަށްތޯ ބަލައި، އެއާ ހިލާފަށް ދާނަމަ ހުއްޓުވަން މަސައްކަތް ކުރުމުގެ ދުސްތޫރީ ބެލެނިވެރިޔާ، ނުވަތަ ދައުލަތުގެ ޗީފް އޮޑިޓަރެވެ.
ނަމަވެސް އެކަން ހަނދާން ނައްތާލައި، ވެރިކަންކުރާ ޕާޓީން އޮޕަރޭޓުކުރާ މީހެއް ކަމަށް ގަބޫލު ކުރެވޭ ދަރަޖައަށް ކަންކަން ދިޔުމަކީ، ނިޔާޒީ މަގާމުގައި ހުންނެވުމުގެ ގާނޫނީ ހައިސިއްޔަތު ގެއްލުމެވެ.
އޮޑިޓަ ޖެނެރަލްގެ ވަފާތެރިކަން އޮންނަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނަށެވެ. ބާރުތައް ބޭނުންކުރަން ޖެހޭނީ ވެސް އަމަލުކުރަން ޖެހޭނީ ވެސް ގާނޫނުގައިވާ ގޮތަށެވެ. އޮޑިޓު ގާނޫނުގައި ބުނާ ވާހަކަ ވަރަށް ސާފެވެ. އޮޑިޓަ ޖެނެރަލްގެ މަގާމުގެ ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް، އެއްވެސް ވަގުތެއްގައި ނުކުރެވޭނެ އެވެ.
ހަފުތާ ބަންދުގައި ނިޔާޒީ އެ ނެރެއްވީ މި ބަޔާންކުރި މިންގަނޑާ މުތުލަގަށް ހިލާފު ކުށެކެވެ. ހުކުރު ވިލޭރޭގެ މެންދަމު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓު ނެރުމާއެކު، އެ މެންދަމުން ފެށިގެން، ރޭވި އިންތިޒާމުވެ، ސަރުކާރުގެ ވެރިންނާއި ޕީއެންސީގެ އެކްޓިވިސްޓުން އަދި އެޑިޓޯރިއަލް ޕޮލިސީ ސަރުކާރު ކޮޅަށް އޮތް ބައެއް ނޫސްތަކުން ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓުގެ ވާހަކަތައް އިދިކޮޅު ޕާޓީއަށް ދޭ ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ގެނެސްދޭން ފެށި އެވެ.
އެ ކެމްޕޭނު ޖެއްސި މަގުސަދު އޮޑިޓަ ޖެނެރަލް ނިޔާޒީ އަށް އެނގިވަޑައިގެންފައި ނޯވެދާނެ އެވެ. ނަމަވެސް އާދީއްތަ ދުވަހު ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އަށް ހުކުމް އިއްވާ މައްސަލައެއް ތާވަލުގައި އޮތްކަން ސަރުކާރު ހިންގަން ތިބި ފަރާތަށް އެނގޭނެ އެވެ. އަދި "ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަން ވެސް ސަރުކާރަށް އެނގެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މާލިއްޔަތާއި ރައްޔިތުންގެ ހައްގުތައް ލޫޓުވައިފި ކަމަށް ބުނާ އަޑު ގަދަވާން ފެށުމުން، އެކަން މައިތިރި ކުރަން ސަރުކާރުން އެކި އުކުޅުތައް ބޭނުން އެބަކުރެ އެވެ. ފެނަކަ ރިޕޯޓަކީ އޭގެ އުކުޅެއް ކަމަށް ގަބޫލު ކުރަން ޖެހެނީ، އޮޑިޓަ ޖެނެރަލް އާންމު ތާވަލުން ބޭރުން، ނުބައި ވަގުތެއްގައި ރިޕޯޓު އާންމުކުރުމެވެ.
ފެނަކަ ރިޕޯޓުގެ އިތުރުން ސަރުކާރުގެ ރޭވުމާ އެއްގޮތަށް އެމްޑީޕީ ސަރުކާރާ ގުޅޭ އިތުރު ރިޕޯޓުތަކެއް ނެރުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނޭ އައިކު އަހުމަދު އީސާ ވިދާޅުވި އެވެ.
"އޮޑިޓާ ޖެނަރަލް މިހާރު އެދަނީ އެބޭފުޅާގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވަމުން. މިއީ ވެސް ކޮރަޕްޝަން،" އައިކު ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލްގެ ސުލޫކީ މިންގަނޑު ހިފަހައްޓައި، އަދި ހަމަހަމަ ކަމާއެކު ގާނޫނު ތަންފީޒު ކުރުމުގެ އަޒުމެއް، ހިތްވަރެއް ހުރި ނަމަ އިސްކަން ދޭންވީ، ދައުލަތަށް ގެއްލުންވާ ގޮތަށް މި ވަގުތު ހިންގަމުންދާ ކަންކަން ހުއްޓުވުމަށެވެ.
މި ދައުރު ނިމި އަދި އޭގެ ދެ އަހަރު ފަހުން، ރަސްމާލެ މަޝްރޫއު ހިއްކާފައި ވަނީ އަގު ބޮޑުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް ކަމާއި، ކައުންސިލް އިމާރާތްތައް 631 މިލިއަނަށް ހަވާލުކުރީ ބީލަމާ ނުލައި، ވަކި ބަޔަކަށް މަންފާ ހޯދައިދޭން ކަމަށް ބުނުމާއި އެ މަޝްރޫއުގެ އަގު އެތައް ސަތޭކަ ގުނައެއް ބޮޑު ކަމަށް ބުނުމާއި، އެމްއޭސީއެލްއިން ފިޓްނަސް ސެންޓަރުތައް ވެސް އަޅަނީ އަގުބޮޑުކޮށް ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދަން ދައުލަތުގެ ވިޔަފާރި ކުންފުނިތައް ބޭނުންކުރި ކަމަށް ބުނުމަކީ އޮޑިޓަ ޖެނެރަލްގެ ގާނޫނީ ޒިންމާ ފުރިހަމަ ވުމެއް ނޫނެވެ.
މާލޭ ސިޓީ ކައުންސިލަކީ ކޮރަޕްޝަންގެ ހާއްޔެއް ގޮތަށް ފެނިގެން ދިޔައިރު، އޮޑިޓަ ޖެނެރަލް އޭރު ވެސް އޭގެ ކުރިން ވެސް، އަދި މިހާރު ވެސް އެތަނުގެ ހިސާބުތައް ބަލައި، ރައްޔިތުންނަށް ކަންކަން ސާފުކޮށެއް ނުދެ އެވެ. ސިޓީ ކައުންސިލްގެ އޮޑިޓު ރިޕޯޓެއް އަދިވެސް ނުނެރެ އެވެ.
މިހާރު ހިނގަމުންދާ ބޮޑެތި ކަންކަން އޮޑިޓު ނުކޮށް، ވެރިކަން ހިންގާ ޕާޓީން އަންގާ ރިޕޯޓުތަކާއި މައްސަލަތަކަށް އިސްކަން ދީގެން އޮޑިޓުކުރާ ނަމަ ނިޔާޒީ މަގާމުގައި ހުންނެވުމުގެ ބޭނުމެއް، މަގުސަދެއް ނެތެވެ.
ނިޔާޒީ އަށް ވުރެ އޮޑިޓަ ޖެނެރަލްގެ އޮފީސް މާބޮޑެވެ. އެހެންވެ، ރަތް ރޮނގު ހުރަސް ކުރެވުމުން، މަގާމުގައި ދެމި ހުންނެވުމަކީ އަހުލާގީ ގޮތުން ވެސް ދަށު ދަރަޖައިގެ އަމަލެކެވެ. މުއައްސަސާގެ ގަދަރާއި ކަރާމާތް ހިފަހައްޓާށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަދި މާލިއްޔަތު ކޮމިޓީން ނިޔާޒީއާ ސުވާލުކުރަން ޖެހެ އެވެ. އެ ކޮމިޓީތަކުގެ ޒިންމާއަކީ ވަކި ބައެއްގެ ރިޕޯޓުތައް ހަދަން އަންގައި، އެ ރިޕޯޓުތައް އާންމުކުރަން ބާރު އެޅުމެއް ނޫނެވެ. މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވަންޖެހެ އެވެ. އެ މީހުން ސްކޫލުން އެއްކިބާ ވެއްޖެ ނަމަ، މަގަށް އަޅުވަންޖެހެ އެވެ. ވަކިވެސް ކުރަންޖެހެ އެވެ.
Comment