Advertisement

ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ، 2026 ގެ ބަޖެޓުގައި އެ ވާހަކަ ނުވެސް ނެތް: އޮޑިޓާ ޖެނެރަލް

9 ނޮވެންބަރު 2025 - 16:49 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި: އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ، 2026 ގެ ބަޖެޓުގައި އެ ވާހަކަ ނުވެސް ނެތް: އޮޑިޓާ ޖެނެރަލް

9 ނޮވެންބަރު 2025 - 16:49 3

އަހަރަކުން އަހަރަކަށް ދައުލަތުގެ ދަރަނި ބޮޑުވާ މައިގަނޑު ސަބަބަކީ ހަރަދު ކުޑަކުރުން ލަސްކުރުން ކަމަށާއި އެކަން މިހާރު އިބިލީހުގެ ކައިވެންޏަށް ވެފައިވާ ކަމަށް ވިދާޅުވެ އޮޑިޓާ ޖެެނެރަލް ހުސައިން ނިޔާޒީ ނުރުހުން ފާޅުކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީން މިއަދު އޮޑިޓާ ޖެނެރަލް ނިޔާޒީ އަދި އެ އޮފީހުގެ އިސްވެރިން ހާޒިރުކޮށް، އެ އޮފީހުގެ ހިޔާލާއި މަޝްވަރާ ދަނީ ހޯދަމުންނެވެ.

އެ ބައްދަލުވުމުގެ ތެރެއިން ދަރަނި ބޮޑުވާ ސަބަބުތަކާއި ގުޅޭގޮތުން އަދި ދަރަނި ބޮޑުވުމަށް ހައްލެއް ފެންނަން އޮތްތޯ ސުވާލުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ ހަރަދުކުޑަކުރަން ކޮންމެ އަހަރަކު ކީ ނަމަވެސް އެކަން ކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

"ހަރަދުކުޑަކުރުމުގެ ކަންކަން މިހާރު މިހުރީ އިބިލީހުގެ ކައިވެންޏާ ހިސާބަށް ވާގޮތަށް. ލަސްކުރަމުން ފަސްކުރަމުން ގޮސް މި އަހަރު ބަޖެޓު ފޮތުގަ ފިނޭންސް މިނިސްޓްރީން ނުވެސް ނެތް ޖައްސަވާފަ ވެސް. އެހެން އަހަރު އަހަރު ބަޖެޓު ފޮތުގަ ޖައްސަވާފަ އެކަން ނުކުރަނީ،" ނުރުހުން ފާޅުކުރައްވާ ނިޔާޒީ ވިދާޅުވި އެވެ.

ހަރަދުތައް ކުޑަކުރުން ފަސްކުރަމުންދާ ނަމަ ކުރިއަށް އޮތް އަހަރުތަކުގައި އެކަން ސަސްޓެއިން ނުކުރެވޭ ހިސާބަށް ދެވޭނެ ކަމަށް ދެކިލައްވާ ކަމަށް ވެސް ނިޔާޒީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރެކޮމެންޑު ވެސް ކުރަން. ތިބޭފުޅުން ބަޖެޓު ފާސްކުރައްވާއިރު، އަދި ފިނޭންސް މިނިސްޓްރީން އެކަންކަން ހިމަނުއްވާފަ ނެތަސް، ހަރަދުތައް ކުޑަކުރެވޭނެ އުސޫލުތަކެއް މަޖިލީހަށް ހުށަހަޅުއްވައިގެން އެޔާ އެއްކޮންނޭ ބަޖެޓު ފާސްކުރެވޭނީ. އެހެން ނޫނީ މިކަން އަތް ނުފޯރާ ފަށަށް ހިނގައިދާނެ،" ނިޔާޒީ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ.

މަޖިލީހަށް 2026 ގެ ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އަންނަ އަހަރު 40 އަކަށް ބިލިއަން ރިކަރަންޓު ހަރަދަށް ބަޖެޓުކުރިއިރު، މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އިންތިހާއަށް މަތިވެފައިވާ ކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުންނެވެ. ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922 ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެ އަދަދު ނޫސްވެރިންނާއި އިދިކޮޅު ސިޔާސީން ގަބޫލެއް ނުކުރެ އެވެ.