30 ސެޕްޓެންބަރު 2025 - 13:02 1
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު/އަދަދު
30 ސެޕްޓެންބަރު 2025 - 13:02 1
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވަމުން ގޮސް ޑޮލަރެއް ލިބޭ އަގު 20ރ. އިން މަތީގައި ހުންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ތަދުވެ، ކަޅު ބާޒާރުގައި ޑޮލަރު ލިބޭ އަގު 20ރ. އިން މައްޗަށް އެރީ ޖުލައި މަހުގެ ދެވަނަ ހަފުތާގެ ތެރޭގަ އެވެ. އޭގެ ފަހުން ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރަކަށް އުފުލި ޑޮލަރެއްގެ އަގު 20.20ރ. އަށް ވެސް އެރި އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ މިއަދު ޑޮލަރު ލިބެނީ ޑޮލަރެއް 20.10ރ. ރޭޓުން ކަމަށެވެ. ޑޮލަރު ގަންނަނީ 19.90ރ. އަށެވެ.
މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޑޮލަރުގެ އަގު އުފުލެން ފެށީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒު ކުރަން ފެށި ފަހުންނެވެ.
އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއަށް ފަހު ޑޮލަރުގެ އަގު ދަށް ނުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް ވެސް ދަނީ ބޮޑުވަމުންނެވެ.
ޑޮލަރުގެ އަގު ނުވެއްޓި 20ރ. އިން މަތީގައި ހުރިއިރު، އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުކޮށްދޭނެ ކަމަށް މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
"ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ،" މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
Comment