Advertisement

ދިއްދޫ އިންޖީނު ގޭގެ މަޝްރޫއުގެ ކޭޓަރިން ދިނީ ފެނަކައިގެ ސުޕަވައިޒަރަށް، އެގްރީމެންޓުގައި ސޮއިކުރީ ވެސް އޭނާ

30 ސެޕްޓެންބަރު 2025 - 13:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ދިއްދޫ އައު އިންޖީނުގެ މަޝްރޫޢުގެ ބިންގާ އެޅި ދުވަހު ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ވާހަކަދައްކަވަނީ ---- ފޮޓޯ: ފެނަކަ ކޯޕަރޭޝަން


ދިއްދޫ އިންޖީނު ގޭގެ މަޝްރޫއުގެ ކޭޓަރިން ދިނީ ފެނަކައިގެ ސުޕަވައިޒަރަށް، އެގްރީމެންޓުގައި ސޮއިކުރީ ވެސް އޭނާ

30 ސެޕްޓެންބަރު 2025 - 13:08 1

ފެނަކަ ކޯޕަރޭޝަނުން ދިއްދޫގައި އައު އިންޖީނުގެއެއް އެޅުމަށް ހިންގި މަޝްރޫއަށް ނެގި މުވައްޒަފުންނަށް ކޭޓަރިން ހަމަޖައްސަން ހަވާލުކުރީ އެ މަޝްރޫއުގެ ކަންކަން ބެލި ފެނަކައިގެ ސުޕަވައިޒަރެއްގެ އަމިއްލަ ވިޔަފާރިއަށް ކަން ބުރާސްފަތި ދުވަހުގެ އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި އޮޑިޓަކުން ދައްކައިފި އެވެ.

އޮޑިޓު ރިޕޯޓުގެ 30 އަދި 31 ވަނަ ސަފުހާގައި މިކަމުގެ ތަފުސީލުތައް ވަނީ ހިމަނާފަ އެވެ. ފެނަކައިން މި މަސައްކަތް ހަވާލުކޮށްފައިވަނީ މި މަޝްރޫއުގެ ކަންކަން ބެލެހެއްޓި އެ ކުންފުނީގެ ހއ. ދިއްދޫ ބްރާންޗުގެ ސުޕަވައިޒަރު އަބްދުﷲ މުޖުތަބާގެ އަމިއްލަ ވިޔަފާރިއަކަށެވެ.

ފެނަކައިން ވަނީ މުޖުތަބާ "ސެގޯ ލިލީ" ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިން ޖުމްލަ 5,614,467ރ. ގެ މުދަލާއި ހިދުމަތް ހޯދާފަ އެވެ. މީގެ ތެރެއިން 5,424,867ރ. އަކީ އިންޖީނުގެ އެޅުމަށް ނެގި ކޮންޓްރެކްޓު މުވައްޒަފުންނަށް ކޮއްތު ހަމަޖެއްސުމަށް ހެދި ކޭޓަރިން އެއްބަސްވުމުގެ ދަށުން ދިން ފައިސާ އެވެ.

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން އަދި ވިޔަފާރީގެ ފަރާތުން ވެސް ސޮއިކުރީ މުޖުތަބާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި، މި މަސައްކަތުގެ ދަށުން ކޮންމެ ދުވަހެއްގެ ވަކިވަކި ވަގުތުތަކުގައި ކެއުން ފޯރުކޮށްދިން މުވައްޒަފުންގެ ތަފުސީލު ހިމެނޭ ހުލާސާ ރިޕޯޓު ތައްޔާރުކުރީ ވެސް މުޖުތަބާ އެވެ.

މީގެ އިތުރުން އިންޖީނުގެ މަޝްރޫއުގެ ދަށުން ދޫކުރި ޕެޓީ ކޭޝްގެ ތެރެއިން 37،557ރ. ގެ މުދާ ހޯދީ ވެސް ސެގޯ ލިލީ އިންނެވެ. ޕެޓީ ކޭޝްގެ ކަންކަން ބެލެހެއްޓުމުގައި ފެނަކައިގެ ފަރާތުން މަސައްކަތް ކުރީ ވެސް މުޖުތަބާ އެވެ.

މިއީ ފެނަކައިގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށާއި ނުފޫޒު ފޯރުވޭ މަގާމެއްގައި ހުރެ އަމިއްލަ ވިޔަފާރިއަށް އެތައް މިލިއަނެއްގެ މަސައްކަތް ދިނުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

ވަކި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލަމުންދޭތޯ އެހުމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަކި ޖަވާބެއް ނުދެ އެވެ.

ފެނަކައިގެ ތެރެއިން ހިންގި ހިޔާނާތުގެ އެތައް އަމަލެއްގެ ތެރެއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަން މި އޮޑިޓުން ވަނީ ހާމަވެފަ އެވެ.

މީގެތެރެއިން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިޔާ އަހުމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އޭނާއާ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި 31 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

މެނޭޖިން ޑިރެކްޓަރު ކަމުގައި ސައީދު ހުންނެވިއިރު، ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއް ސޮއިކުރި މައްސަލައިގައި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށް ލާން ސެޕްޓެމްބަރު 28، ގައި ވަނީ ކްރިމިނަލް ކޯޓުން ހުކުމޮށްފަ އެވެ.