30 ސެޕްޓެންބަރު 2025 - 09:22 0
ލީވާން އަލީ ނާސިރު
ޓީމް އިން ވެސް ތިބީ ނޫސްވެރިންނާއެކީގައިކަން ހާމަކުރުން
30 ސެޕްޓެންބަރު 2025 - 09:22 0
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނޫސްވެރިންނާއެކު ތިބިކަން ހާމަކޮށްފި އެވެ.
ޓީމް އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ މިނިވަން މީޑިއާތައް ނެތިކޮށްލާ ބިލު ތަސްދީގުކޮށް އެ ގާނޫނަށް އަމަލުކުރަން އަވަސްވެގަނެފައިވާތީ އެކަމާ އެ އެސޯސިއޭޝަނުން ކަންބޮޑުވާ ކަމަށެވެ.
ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން އެ ގާނޫނު އުވާލުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި ޓީމްގެ މެންބަރުން ތިބީ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ގޮތުން ނޫސްވެރިންނާއެކުގައި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ޓީމް އިން ވަނީ އެކްސްގައި އެ އެސޯސިއޭޝަނުގެ މެންބަރުން ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި ބެނާއެއް ހިފައިގެން ތިބި ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.
"މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމާއި ރިސޯޓު ވޯކާސް ދެކޮޅު،" އެ މެންބަރުން ހިފައިގެން ތިބި ބެނާގައި ލިޔެފައިވެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ވިދާޅުވެ އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ވެސް ވަނީ ގޮވައިލައްވާފަ އެވެ.
އޭގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އަދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް އެ ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލައިފަ އެވެ.
ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ ގާނޫނު މުއިއްޒު ތަސްދީގުކުރެއްވީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި އޮގަސްޓު 27، ގައި ބިލު ބަލައިގަތުމާއެކު ވެސް ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ސަރުކާރުގެ ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ.
Comment