30 ސެޕްޓެންބަރު 2025 - 08:40 0
30 ސެޕްޓެންބަރު 2025 - 08:40 0
މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކަންކަން މުބާރާތް ކުރިއަށްދާ ވަރަކަށް އަންނާނީ ރަނގަޅުވަމުން ކަމަށް ވިކްޓަރީގެ އެސިސްޓަންޓް ކޯޗު، ކުރީގެ އެއް ނަމްބަރު ފޯވާޑް، އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނެފި އެވެ.
އެންމެ ފަހުން، ބޭއްވި ދެ ވަނަ ޑިވިޝަނުގެ ރަނަރަޕަށް ދިޔަ ވިކްޓަރީން ހަ ވަރަކަށް އަހަރަށް ފަހު، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާއިރު، ފުރަތަމަ މެޗުގައި ވަނީ، ބުރު ސްޕޯޓްސް ކްލަބް އަތުން 5-0 އިން ބަލިވެފަ އެެވެ. އެކަމަކު، ދެ ވަނަ މެޗުގައި، ކްލަބް ގްރީން ސްޓްރީޓްސް އަތުން ވިކްޓަރީ މޮޅުވީ 1-0 އިންނެެވެ.
ލީގުގައި ވިކްޓަރީން ކުޅޭ ތިން ވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ އެވެ. އެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ލައްޗޭ ބުނީ، މި ވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމަކީ އޮޑި ކަމަށާއި މި އަހަރު ކުރީކޮޅުގައި، ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބްގައި އޭނާ ހުރެ، އެފްއޭއެމް ލީގު ކަޕްގައި އޮޑިއާ ދެކޮޅަށް ކުޅެ، ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ.
"މިއީ ވިކްޓަރީ ސްޕޯޓްސް ކްލަބަށް އޮޑި ކައިރީގައި މެނޭޖްނުކުރެވޭ ވަރުގެ މެޗެއް ނޫން. އެހެންވީމަ، އޮޑި އަށް އެ ކުރާ ރެސްޕެކްޓްކޮށްފައި، ވިކްޓަރީގެ ޕާފޯމަންސްގައި ކުޅެ ނަތީޖާ ނެރެން ބޭނުން،" ލައްޗޭ ބުންޏެވެ.
"އޮޑީގައި އެބަތިބި، ރާއްޖޭގެ އެކްސްޕީރިއަންސް ލޯކަލް ޕްލޭޔަރުން އޭޖުން މަތިވިޔަސް، އެ މީހުން އެކުރި ޓްރެއިނިންތައް ވެސް އެހެން ޓީމުތަކަށް ވުރެން، ކޮންމެ ހެނެއް ވިޔަސް، ވިކްޓަރީ އަށް ވުރެން ގިނަ، އެހެންވީމަ، އެ ޓީމުގެ އެ ކޮލިިޓީ އެ ހައިބަތު އިންނާނެ. އެކަމަކު، ވިކްޓަރީ ޓީމު މިހާރު ފުރަތަމަ މެޗު ނިމި ދެ ވަނަ މެޗު ކާމިޔާބުކޮށް، ތިން ވަނަ މެޗަށް ދާއިރު މި ތިބީ ވަރަށް ޕޮޒިޓިވްކޮށް، އެހެންވީމަ، ޓްރެއިނިންތަކުގައި ވެސް އެކްސްޓްރާ ހާޑްވޯކްކޮށް ކުޅުންތެރިންނަށް މި ބުނެދެނީ، އެކްސްޓްރާ ހާޑް ކުރީމައޭ މެޗުގެ ނަތީޖާ ރަނގަޅު ހާލަތަކަށް އަންނާނީ، އެހެންވީމަ އެ ގޮތަށް ޓީމު ބައްޓަންވެގެން އެ ދަނީ،" ލައްޗޭ ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި، ވިކްޓަރީން ކުޅެން ޖެހުނީ، ޓީމު އެކުގައި 10 ވަރަކަށް ޕްރެކްޓިސް ކޮށްފަ އެވެ. ލައްޗޭ ބުނީ ފުރަތަމަ މެޗުގައި އޭގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އަދި، ދެ ވަނަ މެޗަށް އައިއިރު، ކަންކަން ރަނގަޅުކުރަން ލިބުނު މުއްދަތުގައި ކުރި މަސައްކަތުގެ ހެޔޮ ބަދަލު ޓީމުން ފެނި ނަތީޖާ ވެސް ނެރެވުނު ކަމަށް ލައްޗޭ ވަނީ ފާހަގަކޮށްފަ އެވެ.
"ކުރިއަށް އޮތް މެޗަށް ދާއިރު، އިތުރު ފޮރިން ޕްލޭޔަރުންތަކެއް ވެސް ޓީމާ ގުޅިއްޖެ، މުބާރާތުގެ ދުވަހެއް ދުވަހެއް ދާ ވަރަކަށް ޓީމުގެ ކޮލިޓީ، ސްޓޭންޑަޑް ދާނީ ހައިވަމުން، އެހެންވީމަ، ކުރިއަށް އޮތް އޮޑި މެޗަށް ވެސް ޓީމު އިނީ، ވަރަށް ރަނގަޅަށް ފުރިހަަމަވެފައި، އެ މެޗުން ތިން ޕޮއިންޓް ހޯދަން ހުރިހާ ކުޅުންތެރިން ވެސް އަޒުމު ކަނޑައަޅައިގެން ދާނީ،" ލައްޗޭ ބުންޏެވެ.
މި ހަފްތާގައި އޮޑި އާއި ވިކްޓަރީ ކުޅޭ މެޗަށް ފަހު، ލީގު މެދު ކަނޑާލާނީ، އޭޝިއަން ކަޕް ކޮލިފައިން އަށެވެ. ދެ ހަފްތާއެއްހާ ދުވަހަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން ފަށާނީ މި މަހު 19 ވަނަ ދުވަހު އެވެ.
ލައްޗޭ ބުނީ ބްރޭކަށް ދިއުމުގެ ކުރިން އޮޑި މެޗުން ނަތީޖާއެއް ނެރެން ބޭނުންވާ ކަމަށެވެ.
"ދެން، ބްރޭކަށްދާއިރު، އަހަރެމެން އަތުގައި ގިނައިން ތިބޭނީ ލޯކަލް ޕްލޭޔަރުން، ގިނަ ޕްލޭޔަރުންނާ އެކީގައި ހުރިހާ ޕްލޭޔަރުން ލައިގެން ޓްރެއިނިން ގެންދަން ވަރަށް ގިނަ ވަގުތު ލިބޭނެ. އެހެންވެއްޖިއްޔާ، އެ ވަގުތު ފޮރިން ޕްލޭޔަރުންނާ އެކު، ޓްރެއިނިން އަށް ފަހު، ބްރޭކް ނިންމާފައި ދެން ފެށޭއިރު، ރަނގަޅަށް ޓީމު އެއްކޮށް ޕާފޯމް ކުރޭވަރަށް ތައްޔާރުވާނެ،" ލައްޗޭ ބުންޏެވެ.
ވިކްޓަރީން ބިދޭސީ ގޯލްކީޕަރެއް ގެނައި ކަމުގައި ވިޔަސް، އެ ޓީމަށް ލީގުގެ ފުރަތަމަ ދެ މެޗުގައި ކުޅުނު 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމުގައި ހިމެނޭ ގޯލްކީޕަރު، އަބްދުﷲ ޔާމީން އަށް މެޗުތަކުގައި ފުރުސަތު ދެވޭތޯ މަސައްކަތްކުރާނެ ކަމަށް ލައްޗޭ ބުނެފައިވެ އެވެ. އަދި، ވިކްޓަރީގައި ހުރެ ޔާމީންގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް ލައްޗޭ ގަބޫލުކުރެ އެވެ.
Comment