Advertisement

ޕީޕީއެމް ސަރުކާރުގައި މޯލްޑިވްސް ގޭސްގެ އެމްޑީގެ މަގާމުގައި ހުރި މައުމޫން 12 އަހަަށް ޖަލަށް ލާން ހުކުމްކޮށްފި

29 ސެޕްޓެންބަރު 2025 - 18:44 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުالله މައުމޫން -- ފޮޓޯ: ސަން އޮންލައިން


ޕީޕީއެމް ސަރުކާރުގައި މޯލްޑިވްސް ގޭސްގެ އެމްޑީގެ މަގާމުގައި ހުރި މައުމޫން 12 އަހަަށް ޖަލަށް ލާން ހުކުމްކޮށްފި

29 ސެޕްޓެންބަރު 2025 - 18:44 3

ޕީޕީއެމް ސަރުކާރުގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުالله މައުމޫން އެ މަގާމުގައި ހުންނެވި ދުވަސްވަރު ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވެ ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.

މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި 2016 ވަނަ އަހަރު އޭނާ ހުންނެވިއިރު، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފި ކަމަށް ތުހުމަތުކޮށް ދައުލަތުން އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. މިއަދު ހުކުމް ކުރީ އޭގެތެރެއިން ދެ ދައުވާ ސާބިތުވާ ކަމަށެވެ. އަދަބެއްގެ ގޮތުން ކޯޓުން އިއްވީ 12 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.

ރިޝްވަތުގެ ކުށުގެ ދައުވާ މައުމޫންގެ މައްޗަށް އުފުލީ އޭޕްރިލް 24، 2024 ގަ އެވެ. އޭނާއަށް ރިޝްވަތުގެ ކުށުގެ ދައުވާ އުފުލީ މޯލްޑިވްސް ގޭސްއަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ތްރީޑީއެޗް އިންޓަނޭޝަނަލަށް ހަވާލުކުރުމަށް ފަހު އެ ކުންފުނިން އެކި ދުވަސް މަތިން އަބްދުﷲ މައުމޫނަށާއި އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް އަދި އާއިލާ މީހުނަށް ފައިސާ ޖަމާކޮށްފައިވާ ހަތް މުއާމަލާތެއްގެ މައްސަލައިގަ އެވެ.

ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ހަތް ފަހަރެއްގެ މަތިން 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރިލް 7، 2016 ގައި މައުމޫންގެ ބީއެމްއެލް އެކައުންޓަށް 29،941.50 އެމެރިކާ ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ދެވަނަ ދައުވާ ކުރީ ޖޫން 2016 ގައި މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކުރުމާއި ހަމަ އެ މުއްދަތުގައި އޭނާއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.

މައުމޫންގެ މައްޗަށް ތިންވަނަ ދައުވާ ކުރީ އޯގަސްޓު 4، 2016 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،949.50 ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

ހަތަރުވަނަ ދައުވާ އުފުލީ އޭޕްރިލް 9، 2017 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ އައި ޑިވެލޮޕާޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް 24،930 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.

އޭނާގެ މައްޗަށް ފަސްވަނަ ދައުވާ ކުރީ މެއި 31، 2017 ގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި މައުމޫންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 46،555 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.

ހަވަނަ ދައުވާއެއް އޭނާގެ މައްޗަށް އުފުލީ އޯގަސްޓު 23، 2017 ގައި މައުމޫންއާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މޯލްޑިވްސް އިސްލާމިކް ބޭންކު އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 49،955 ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ހަތްވަނަ ދައުވާ އުފުލީ އޮކްޓޫބަރު 8، 2017 ގައި މައުމޫންގެ އެއްބަފާ ބޭބެ، އަހުމަދު ހަމީދު، ހ. ހެންވޭރުފެހި، ކ. މާލެ ގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓަށް ތްރީޑީއެޗް އިންޓާނޭޝަނަލްއިން 34،950 ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.