29 ސެޕްޓެންބަރު 2025 - 17:32 0
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު ހެނާންޑޭޒް ވާހަކަ ދައްކަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
29 ސެޕްޓެންބަރު 2025 - 17:32 0
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅުވެ، ވާދަވެރި މެޗުތަކެއް ފެނުމުގެ ފައިދާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ފެންނާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން، މެއި މަހު ބޭއްވި އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިން ހެނާންޑޭޒް ވަނީ ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުން ވެސް އެ ޓީމަށް ކާމިޔާބު ހޯދައިދީފަ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ދެ މެޗުން ވެސް މާޒިޔާ ވަނީ މޮޅުވެފަ އެވެ.
ލީގުގައި މާޒިޔާ އިން ކުޅޭ ތިން ވަނަ މެޗުގައި، މާދަމާރޭ ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. އެ މެޗުގެ ކުރިން، މާޒިޔާގެ ތައްޔާރީތަކާ ގުޅޭގޮތުން، ހެނާންޑޭޒް ބުނީ، ލީގުގެ ތާވަލަށް މި ވަގުތު ބަލާލި ކަމުގައި ވިޔަސް، ހަތަރެއް ނޫނީ ފަސް ޓީމެއް ލީގުގެ އެއް ވަނަ މަގާމަށް ވާދަކުރެވޭނެ ފެންވަރު އެބަހުރި ކަމަށެވެ.
އަދި، ދެން އޮތް ޓީމުތަކަށް ބަލާއިރު، ގިނައީ ލަހުން ޕްރީ ސީޒަން ފެށި ޓީމުތައް ކަމަށާއި އެ ޓީމުތަކަށް މި ވަގުތު 90 މިނިޓްގައި ރަނގަޅު ލެވަލެއްގައި ނުހިފެހެއްޓުނު ކަމުގައި ވިޔަސް، ކުރިއަށް އޮތްތަނުގައި އަންނާނީ ރަނގަޅުވަމުން ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
"ހަތަރެއް ނޫނީ ފަހެއް ނޫނީ ހަ ޓީމެއް އެބައުޅޭ އެންމެ މަތީ ލެވަލަށް ދާން ބޭނުން، އެހެންވީމަ، މި ވާދަވެރިކަން ފެންނާނީ ވަރަށް ރަނގަޅަށް. އެންމެ ފަހު ވަގުތާ ޖެހެންދެން ލީގު ހޯދަން މަސައްކަތް ކުރާނެ. މީގެ ފައިދާ ހަގީގަތުގައި ގައުމީ ޓީމުން ފެންނާނެ ކަމަށް އުންމީދު އެބައޮތް،" ހެނާންޑޭޒް ބުންޏެވެ.
މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން، މާޒިޔާ އިން ރަނގަޅު ކުޅުންތެރިންތަކެއް ދިޔަ ކަމަށާއި އެ ކުޅުންތެރިންނާ އެކު، ލީގުގައި ދެން އޮތް ޓީމުތައް ވަރުގަދަވެފައިވާ ކަމަށް ވެސް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
މާދަމާރޭގެ މެޗުގައި ބުރުއާ ދެކޮޅަށް މާޒިޔާ އިން ނުކުންނައިރު، ބުރު އަކީ ވަރުގަދަ ޓީމެއްކަން ނަތީޖާތަކުން ފެންނަން އެބައޮތް ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. އަދި، ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ތަފާތު ބޮޑުކޮށް މޮޅުވެ، ދެ ވަނަ މެޗުގައި ދެ ގޯލު ފަހަތުން އަރައި، އީގަލްސް އަތުން މޮޅުވާން ވެސް ބުރަށް ފުރުސަތު އޮތްކަން ހެނާންޑޭޒް ފާހަގަކުރި އެވެ.
"މި ހުރިހާ ކަަމަކަށް ބަލައި، އަހަރެމެން މި ދަނީ އިދިކޮޅު ޓީމު ރަނގަޅަށް އެނަލައިޒްކުރަމުން، އެ މީހުން ވަރަށް ރަނގަޅަށް އެބަކުޅޭ. އެ މީހުން ފަހު ވަގުތާ ޖެހެންދެން މޮޅުވާން މަސައްކަތް ކުރޭ. އަހަރެންގެ އިހުތިރާމް ބުރަށް އެބައޮތް. މާޒިޔާ އިން މި ތައްޔާރުވަނީ، އާ މެޗަކުން މޮޅުވާން،" ހެނާންޑޭޒް ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކަންކަމަށް ބްރޭކް ނަގާއިރު، މާޒިޔާ އިން 10 އަކަށް ވުރެ ގިނަ ކުޅުންތެރިން ދިއުމުން، ޓްރެއިނިން ކަންކަން ހަމަޖެއްސުމަށް ގޮންޖެހުން ދިމާވާ ކަން ފާހަގަކޮށް، ހެނާންޑޭޒް ބުނީ، އެ މުއްދަތު އޭނާ ނަގަނީ، ވަކިވަކި ކުޅުންތެރިން އިންޑިވިޖުއަލީ ރަނގަޅުކުރަން ކަމަށެވެ. އެ ގޮތުން، ޒުވާން ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ކަންކަން ރަނގަޅުކުރަން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކަންކަން ކުރާ ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެެވެ.
އަނިޔާގައި ހުއްޓައި، މާޒިޔާ އިން އެއްވެސް ކުޅުންތެރިއަކު ރިސްކުކޮށްގެން ނުކުޅުވާނެ ކަމަށާއި އެ ޓީމަށް އަނިޔާގެ މައްސަލަތައް ކުރިމަތިވާއިރު، ބަދަލުގައި ބޭނުންކުރަން ހުރީ ޒުވާން ކުޅުންތެރިން ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. އަދި، މި ވަގުތަށް ބަލާއިރު، މާޒިޔާގައި އޮތީ ކުޑަ ސްކޮޑެއް ކަމަށާއި ކަންކަން މެނޭޖްކޮށް، ބެލެންސެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
ލީގުގެ ދެ ވަނަ ހަފްތާގެ ކުޅުން ނިމިގެންދިޔައިރު، އޮޑި ސްޕޯޓްސް ކްލަބް އޮތީ އެއް ވަނައިގަ އެވެ. އެއީ، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ފައިދާ ގޯލަށް ބަލާއިރު، އޮޑި އަށް 10 ގޯލު އޮތްއިރު، ނިއު އަށް އޮތީ އަށް ގޯލެވެ. އަދި، މާޒިޔާގެ އޮތީ ހަތް ގޯލެވެ.
Comment