29 ސެޕްޓެންބަރު 2025 - 11:16 1
އަހުމަދު އާއިދު
އާގިލް މަރާލި ކަމުގެ ދައުވާ އުފުލި ހަމްދޫން ހަމްޒަތު، އަލީ މިޖުވާދު މާލިކު އަދި އިބްރާހިމް ވިޝާމް (ވ-ކ)
29 ސެޕްޓެންބަރު 2025 - 11:16 1
މީގެ ހަ އަހަރު ކުރިން، މާލެ އައި ލޯންޗަކުން އެއް ނަންބަރު ފާލަމަށް ފޭބުމާއެކު އިބްރާހިމް އާގިލް ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކުރި އަލީ މިޖުވާދު މާލިކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
ސ. ހިތަދޫ، ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކުގެ މައްޗައް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
މިޖުވާދު އަށް ކުރީ އާގިލް އަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު، ހަމަލާދިން ތަނަށް ސައިކަލެއްގައި ގެންދިޔުމާއި ހަމަލާދިނުމަށްފަހު އެ ސަރަހައްދުން ފިލުމަށް އޭނާ ދުއްވަން އިން ސައިކަލުގެ ފަހަތަށް އަރުވައިގެން ދިޔަ ކަމުގެ ތުހުމަތެވެ.
މި މައްސަލާގައި އިއްޔެ އިއްވި ހުކުމުގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެ ސަރަހައްދަށް މިޖުވާދު ދިޔަކަން އަދި ސައިކަލުގައި އެތަނުން ހަމްޒަތު ގެންދިޔައީ އޭނާކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. ދައުލަތުން ހުށަހެޅި ސިއްރު ހެކިން ވެސް ހާދިސާ ހިނގި ތަނުން މިޖުވާދު ފެނުނު ކަމަކަށް ނުބުނެ އެވެ.
ދައުލަތުން ދެން ހުށަހަޅާފައި ވަނީ ސެކިއުރިޓީ ކެމެރާ ފުޓޭޖެވެ. އެ ފުޓޭޖު ނުސާފު ކަމާއި ސައިކަލެއްގައި ދެ މީހަކު ދާކަން ފިޔަވާ އެހެން އެއްވެސް ކަމެއް އެ ވީޑިއޯއިން ސާބިތުނުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީގެ ހުކުމުގައި ފާހަގަކުރައްވާފައިވެ އެވެ.
އޮގަސްޓް 31، 2018 ގައި އާގިލްއަށް ހަމަލާދީ މަރާލި ކަމުގެ ދައުވާ އުފުލާފައިވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކްގެ މައްޗަށެވެ. އެކަމުގައި އެހީތެރިވިކަމުގެ ދައުވާ، ހއ. ދިއްދޫ ސްނޯބޯޑް އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެ އެވެ.
މީގެތެރެއިން، ވިޝާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މެއި 15، 2024 ގައި ވަނީ ހުކުމް ކޮށްފަ އެވެ. ހަމްޒަތުގެ މައްޗަށް އަދި ހުކުމެއް ނުއިއްވަ އެވެ.
އާގިލް މަރާލިއިރު އޭނާގެ އުމުރަކީ 19 އަހަރެވެ. އޭނާ ގަޔަށް ވަޅި ޖަހައި ހަމަލާ ދިނީ ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަންބަރު ފާލަމަށް ފޭބި ވަގުތުގަ އެވެ. އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ އޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް އޭނާ ގެނައިއިރު ވެސް އޮތީ މަރުވެފަ އެވެ.
Comment