Advertisement

ގާނޫނުއަސާސީއަށް ދިރުން ގެނެވޭނީ ރައްޔިތުންނަށް، ކަންނެތް ކަމުގައި ތިބެއްޖެ ނަމަ ހައްގުތަކެއް ނުލިބޭނެ: ސުއޫދު

29 ސެޕްޓެންބަރު 2025 - 08:30 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ގާނޫނުއަސާސީއަށް ދިރުން ގެނެވޭނީ ރައްޔިތުންނަށް، ކަންނެތް ކަމުގައި ތިބެއްޖެ ނަމަ ހައްގުތަކެއް ނުލިބޭނެ: ސުއޫދު

29 ސެޕްޓެންބަރު 2025 - 08:30 1

ގާނޫނުއަސާސީ ހިމާޔަތްކޮށް އެއަށް ދިރުން ގެނެވޭނީ ރައްޔިތުން ހަރަކާތްތެރިވި ވަރަކުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ސުއޫދު ލިޔުއްވި "ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" އަދި "މުދަލު ޒަކާތް ހިސާބު ކުރުން" ފޮތް ނެރުމަށް އިއްޔެ ގައުމީ ކުތުބުހާނާގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ގާނޫނުއަސާސީއަކީ އަމިއްލަ އަށް ބަސް ބުނެ ވާހަކަ ދައްކާ، ހަރަކާތްތެރިވާ އެއްޗެއް ނޫން ކަމަށާއި އެހެންވެ، ގާނޫނުއަސާސީ ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު އޮތީ ކޮންމެ ރައްޔިތެއްގެ އަތްމަތީގައި ކަމަށެވެ.

"ރައްޔިތުން ހަރަކާތްތެރިވި ވަރަކުން ގާނޫނުއަސާސީ ހަރަކާތްތެރި ކުރުވޭނީ. ގާނޫނުއަސާސީއަށް ދިރުން ގެނެވޭނީ ރައްޔިތުންގެ މަސައްކަތުން. ރައްޔިތުން ފިޔަވަޅު ނާޅައި ކަންނެތް ކަމުގައި ތިބެއްޖެ ކަމަށް ވެއްޖިއްޔާ ގާނޫނުއަސާސީގައި ހުރި ހައްގުތަކަކީ ހަމަ ކަރުދާހުގައި ލިޔެފައި ހުރި އަކުރުތަކެއް. އެ އަކުރުތައް ދިރުން ގެނެސްދެވޭނީ ރައްޔިތުން ކުރި މަސައްކަތަކުން،" ސުއޫދު ވިދާޅުވި އެވެ.

"ރައްޔިތުން ހަށި ބުރަވެ، ކަންނެތް ވެއްޖިއްޔާ އެ އަސާސީ ހައްގުތަކެއް، ގާނޫނުއަސާސީގައި ލިޔެފައި ހުއްޓަކަސް އެ އެއްޗިއްސަކީ ދިރިގެން ކޮޅަށް ތެދުވެގެން ހިނގާފަ ގޮސް ކަންކަން ކޮށްދީ ހައްލުތަކެއް ގެނެސްދޭނެ އެއްޗެއް ނޫން."

ގާނޫނުއަސާސީގައި ލިޔެފައިވާ ކޮންމެ އަސާސީ ހައްގަކީ އެއް އެއްބާރު މިނެއްގައި ލިބެންޖެހޭ ހައްގުތަކެއް ކަމަށާއި ނަމަވެސް ބައެއް ހައްގުތައް އެއްވަރެއްގައި ނުލިބޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ގާނޫނުއަސާސީ އޮތީ ދައުލަތް ހިންގާ ފަރާތުން ގާނޫނުއަސާސީއާ ހިލާފުވެއްޖެ ނަމަ އެކަމެއް ކޯޓުތަކަށް ހުށަހަޅައިގެން ހުދޫދުގެ ތެރެއަށް ގެނެވޭ ގޮތަށް ކަމަށާއި އެކަމަށް މަސައްކަތް ކުރުމުގެ ބާރު ކޮންމެ ރައްޔިތަކަށް ލިބޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ހަމަ އެގޮތަށް، ގާނޫނު ހަދާ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ހަދައިފި ނަމަ، މަޖިލިސް ވެސް ހުދޫދުގެ ތެރެއަށް ވެއްދުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ފޮތުގައި ހިމެނޭ ދައުލަތުގެ ސިޔާދަތީ ބާރުގެ ބާބާ ގުޅޭ ގޮތުން ސުއޫދު ވިދާޅުވީ ސިޔާދަތީ ބާރަކީ ވަރަށް ނުރައްކާތެރި އެއްޗެއް ކަމަށާއި އެ ބާރު ނުހިފެހެއްޓިއްޖެނަމަ ނިކަން ފަސޭހައިން މީހެއްގެ އަތް މައްޗަށް ޖަމާވެ، ވިޔާނުދާ އެއްޗަކަށް ވެގެންދާ ކަމަށެވެ.

"ވަރަށް ބޮޑު ވިހައަކަށް ވެގެންދޭ،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ގާނޫނުއަސާސީގެ ކުރިން ސިޔާދަތީ ބާރު އޮތީ މުތުލަގު ގޮތެއްގައި ރަދުންގެ އަތް މަތީގަ އެވެ. ފުރަތަމަ ގާނޫނުއަސާސީ އަށް ފަހު އެ ބާރުތައް ވަކިކިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިހާރު އަމަލުކުރާ ގާނޫނުއަސާސީ ތަސްދީގު ކުރެވުމާ ހަމަމައަށް އެކަން އައީ އެކި ގޮތްގޮތަށް ބަދަލުވަމުން ކަމަށް ސުއޫދު ވިދާޅުވި އެވެ.

އެކެއްގެ އަތް މައްޗަށް ސިޔާދަތީ ބާރު އަތުވެއްޖިއްޔާ ވާނެ ގޮތާއި އެކަން މައިތިރި ކުރެވޭނެ ގޮތުގެ މައްޗަށް 2004 އިން ފެށިގެން 2008 ނިޔަލަށް ވިސްނައި، އާ ގާނޫނު އަސާސީ އެކުވަލާލެވުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެންމެ ވަރުގަދަ މެސެޖަކީ ތިން ބާރު އޮންނަން ޖެހޭނީ ވަކިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ދައުލަތުގެ ސިޔާދަތީ ބާރު އެކެއްގެ އަތްމަތީގައި އޮތީމަ ހުދުމުހުތާރު ވެރިކަމަށް ޖާގަ ލިބޭތީ އެކަން ހުއްޓުވުމަށްޓަކައި. އެހެންވީމަ 2008 ގެ ގާނޫނުއަސާސީން ކުރި މައިގަނޑު މަސައްތަކީ މި ސިޔާދަތީ ބާރު ކޮންޓްރޯލް ކުރެވޭނެ ގޮތެއް އީޖާދު ކުރެވޭނެ ގޮތެއް ބެލުން. އެ މަސައްކަތުގައި މިއަދާ ހަމައަށް މި އައީ،" ސުއޫދު ވިދާޅުވި އެވެ.