28 ސެޕްޓެންބަރު 2025 - 13:05 2
ސާއިފް ޝިޔާދު
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން. ނިމިގެންދިޔަ ސަރުކާރުގައި ވަޒީރުންގެ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި. ---- ފޮޓޯ: ރައީސް އޮފީސް
28 ސެޕްޓެންބަރު 2025 - 13:05 2
ރޭ ގެނެސްދިން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޕްރެޒެންޓަރު މުހިއްމު ސުވާލެއް ކުރި އެވެ. ފެނަކައިގެ ހިޔާނާތުގެ މައުލޫގައި ވާހަކަ ދެއްކެވުމަށް އެ ޕްރޮގްރާމުގެ މެހުމާނެއްގެ ގޮތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ޕްރެޒެންޓަރު ސުވާލު ކުރި އެވެ؛ ނަޒާހަތްތެރިކަމާއެކު ސިޔާސީ ދާއިރާއަށް ނުކުންނަން ތިބި ޒުވާނުންނަށް ދެއްވަން ބޭނުންވާ މެސެޖަކީ ކޮބައިތޯ؟
ޝުޖާއުގެ ޖަވާބު ފެށީ މި ޖުމުލައިންނެވެ؛ "އެކައުންޓިބިލިޓީ ވަރަށް މުހިންމު އިނގޭތޯ"
އަމިއްލަ ތަޖުރިބާއާއެކު އެ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ކޮންމެ ބޭފުޅަކު ވެސް ރައްޔިތުންނަށް ޖަވާބުދާރީވުން މުހިންމު ވާހަކަ އެވެ.
ސިޔާސީ މަގާމުތައް އޭނާ މާނަކުރެއްވީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަކަށް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ކެބިނެޓާއި ސިޔާސީ މުވައްޒަފުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި އެ ކުންފުނިތަކަށް ސިޔާސީ ގޮތުން އައްޔަން ކުރެވޭ އެންމެންނަކީ ވެސް ސިޔާސީ މުވައްޒަފުން ކަމަށް ޝުޖާއު ގަބޫލު ކުރައްވަ އެވެ.
ސިޔާސީ މީހުން ރައްޔިތުންނަށް ޖަވާބުދާރީވުމަށާއި ރައްޔިތުންގެ އިތުބާރު ހޯދަން އަދި އެ އިތުބާރު ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޝުޖާއު ފާހަގަ ކުރީ މާލީ ބަޔާންތައް ހާމަކުރުމެވެ. ހަމައެކަނި މާލީ ބަޔާން ހާމަކުރަންވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހާމަކުރުމުން އެ މެންބަރުންނަށް ލިބިފައިވާ ހަދިޔާ އާއި ވިޔަފާރި މަސްލަހަތުތަކާއި ބައެއް މެންބަރުން ކުއްލިއަކަށް މުއްސަނދިވެފައިވާ ގޮތާއި މާލެއިން ބިންތައް ގަނެފައިވާކަން އެނގިގެން ދިޔަ އެވެ.
ގާނޫނުތަކުގައި އޮތީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މާލީ ބަޔާން އޮޑިޓަ ޖެނެރަލަށް ހުށަހެޅުމަށެވެ. މިހާތަނަށް އޮޑިޓަ ޖެނެރަލް ގަބޫލު ކުރެއްވީ މާލީ ބަޔާންތައް ހުށަހެޅުމުން ނިމުނީ ކަމަށެވެ. އޮޑިޓަ ޖެނެރަލް އަށް ރިޕޯޓު ހުށަހަޅަނީ ކޮން މަގުސަދެއްގައި ކަމެއް މިހާތަނަށް އެ މަގާމު ފުރުއްވި އެއްވެސް ބޭފުޅަކަށް ފުންކޮށް ވިސްނިވަޑައިގެންފައި ނެތެވެ.
ރައީސުންނާއި ވަޒީރުން މާލީ ބަޔާން އޮޑިޓަ ޖެނަރަލް އާންމުކުރަން ޖެހެ އެވެ. އެއީ ނަޒާހަތްތެރި ދައުލަތެއް އުފެއްދުމުގެ ބޭނުމުގަ އެވެ. އެކަން ގާނޫނުގެ ތެރެއިން މިހާރު ކުރެވެން ނެތް ކަމަށް އޮޑިޓަ ޖެނެރަލް ގަބޫލު ކުރާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އެކަން އިސްލާހު ކުރަން އިސް ނަގަންޖެހެ އެވެ.
ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ކެބިނެޓުގެ ވަޒީރުންނާއި ރައީސް އޮފީހުގެ ސިޔާސީ އިސްވެރިންގެ މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ދިޔައީ އާންމު ކުރަމުންނެވެ.
ވަޒީރުންގެ މާލީ ބަޔާންތައް ހާމަކުރަންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއިރު، މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ވަޒީރުންގެ މާލީ ބަޔާންތައް ހާމަކުރުން ހުއްޓައިލުމެވެ.
"ކެބިނެޓުގައި ތިއްބަވާ ބޭފުޅުންގެ ވެސް މުދަލާއި ފައިސާ ހުރިހާ އެއްޗެއް ވެސް ފެންނާނެ ގޮތަށް ހާމަކުރެވޭ ދުވަހަކުން އިރާދަފުޅުކުރެއްވިއްޔާ މި ދާއިރާ އަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ. އަދި ރައްޔިތުން ކުރާ އިތުބާރާއި އިހުތިރާމާއި ގަދަރު ވެސް ބޮޑުވާނެ،" ޝުޖާއު ވިދާޅުވި އެވެ.
ސިޔާސީ ދާއިރާއަށް އިތުބާރު ހޯދުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ގާނޫނުތަކާއެކު ސިޔާސީ ދާއިރާއަކީ "މުއްސަނދިވާން ލިބޭ ފުރުސަތެއްގެ ގޮތުގައި ނޯންނާނެ" ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
ނަމަވެސް އެއީ ކޮން ބަދަލުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް މުހިންމު ބިލެއް އެބަ އޮތެވެ. އެއީ ނުހައްގު މުއްސަނދިކަމުގެ ކުށް ބަޔާންކުރާ ގާނޫނުލް އުގޫބާތުގެ 515 ވަނަ މާއްދާ ބަދަލުކުރުމެވެ. އެ އިސްލާހު ހުށަހަޅާފައި އޮންނަތާ އަހަރެއްހާ ދުވަސް ވަނީ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ އިސްލާހުގެ ބޭނުމަކީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމެވެ.
"[އެ ބަދަލުގެ] ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ." އޮކްޓޯބަރު 31، 2024 ގައި މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެ އެވެ.
އެ ބިލުގެ މަސައްކަތް މަޖިލީހުގައި ތާށިވެފައި އޮތްއިރު، އެންމެ ފަހުން، ހުކުރު ދުވަހުގެ ރޭ ތިމަރަފުށީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތަކުގެ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ވާހަކަތަކަކީ އިހުލާސްތެރިކަމާއެކު ދައްކަވާ ވާހަކަތަކެއް ނަމަ، ފުރަތަމަ މާލީ ބަޔާންތައް ހާމަކުރައްވާށެވެ. ޝުޖާއު ވެސް އެ ވިދާޅުވީ އެ ވާހަކަ އެވެ. ރައީސް މުއިއްޒުގެ އިތުރުން ބައެއް ވަޒީރުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް އެބަ ހުއްޓެވެ.
މުއިއްޒުގެ އަމިއްލަގެ، ދިމްޔާތުގައި މަސައްކަތްކުރާ މުވައްޒަފަކު ކުއްލިއަކަށް މާ ސިންގާ ޓީވީ ސްޓޭޝަނެއް ހެދުމާއި، ރައީސް މުއިއްޒު މެންބަރުންނަށް ފައިސާ ބަހާކަމުގެ ތުހުމަތަކީ ކުޑަ މައްސަލައެއް ނޫނެވެ.
މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކައުންސިލުން ބިންތައް ވިއްކައިގެންނާއި ޕާކިން ޒޯންތައް ވިއްކައިގެން މާލީ މަންފާ ހޯދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭއިރު، މާލޭ ސިޓީ ކައުންސިލް އަދިވެސް އޮޑިޓެއް ނުކުރެ އެވެ.
ފެނަކަ ކޯޕަރޭޝަން ގޮތަށް، ކެޔޮ ކޭ ވަރު އެނގޭނީ އެހެން ހުރި މައްސަލަތަކުގެ ވެސް ބިތު ފަންގި ނެގީމަ އެވެ.
Comment