Advertisement

ތިމާވެށީގެ ގަތުލުއާންމެއް ހިންގަމުންދާ ދިވެހި ސަރުކާރުން އދ. ގައި ބުނީ ކްލައިމެޓް ފައިނޭންސިން އިތުރަށް ބޭނުންވާ ކަމަށް

28 ސެޕްޓެންބަރު 2025 - 12:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ފޮރިން މިނިސްޓަރު ހަލީލު އާއެކު: އދ. ގައި ހަލީލު ވިދާޅުވީ ކްލައިމެޓް ފައިނޭންސިން އިތުރަށް ބޭނުންވާ ކަމަށް ---- ފޮޓޯ: ރައީސް އޮފީސް


ތިމާވެށީގެ ގަތުލުއާންމެއް ހިންގަމުންދާ ދިވެހި ސަރުކާރުން އދ. ގައި ބުނީ ކްލައިމެޓް ފައިނޭންސިން އިތުރަށް ބޭނުންވާ ކަމަށް

28 ސެޕްޓެންބަރު 2025 - 12:05 0

މިޔަރުގެ މަސްވެރިކަން އަލުން ފެށުމާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުންތައް ލިބޭނެހެން ތަރައްގީގެ މަޝްރޫއުތައް ރާވަމުން ގެންދާ ދިވެހި ސަރުކާރަށް މިހާރަށްވުރެ އިތުރަށް ކްލައިމެޓް ފައިނޭންސިންގެ ތެރެއިން ފައިސާ ބޭނުންވާ ކަމަށް އދ. ގައި ބުނެފި އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށްދާ އަހަރީ އާންމު ޖަލްސާގެ އާންމު ބަހުސްގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ތަގުރީރުކުރެއްވީ ރާއްޖެ ގަޑިން ރޭ ދަންވަރު އެވެ. އެ ތަގުރީރުގައި ހަލީލު ވަނީ ރާއްޖޭގެ ހާލަތު ސަރުކާރުން ސިފަކުރާ ގޮތް ދުނިޔެއަށް އިއްވާފަ އެވެ.

އެގޮތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށް ހަލީލު ރޭ ވިދާޅުވި އެވެ. މިކަން ހައްލުކުރުމަށް ބޮޑެތި ގައުމުތަކުން މުއާހަދާތަކަށް ބޯލަނބަން ޖެހޭ ކަމަށާއި ގެއްލުންތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ހިލޭ އެހީގެ އޮނިގަނޑު ބަދަލުކުރަން ޖެހާ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިންސާފުވެރި ވާނެ ގޮތަކަށް ވަރަށް އަވަހަށް ބަދަލުކުރަން ޖެހޭ. މި ބަދަލުތަކާއެކު ކުދި ގައުމުތަކަށް ލިބޭ ކްލައިމެޓް ފައިނޭންސިން އިތުރުވާން ޖެހޭ. މިފަދަ އެހީތަކަކީ ވިލުންތެރި ގައުމެއް ބިނާކުރަން އެކަށޭނަ އަދަދުތަކަކަށް ވާން ޖެހޭ،" ހަލީލު ވިދާޅުވި އެވެ.

މާލީ އެހީތެރިކަން އިތުރުކުރުމުގެ އިތުރުން މޫސުމީ ކާރިސާއިން ސަލާމަތްވުމަށް ރާއްޖެއިން ހުށަހެޅި ބަދަލުތަކުގެ ތެރޭގައި ބަޔޯޑައިވާސިޓީ ހިމާޔަތްކުރުން އިތުރުކުރުމާއި ކަނޑުތައް ހިމާޔަތްކޮށް ވިލުންތެރިކަން އިތުރުކުރުމާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުން ހިމެނެ އެވެ.

ސަރުކާރުން ދުނިޔޭގެ ކުރިމަތީ މިފަދައިން ވާހަކަދައްކާފައި މިވަނީ، ތިމާވެށްޓާއި ދެކޮޅަށް އެތައް ސިޔާސަތެއް އެކުލަވާލައި އެތައް މަޝްރޫއެއް ރޭވުމަށްފަހު އެވެ. ތިމާވެށްޓަށް ފާރަވެރިވުމުގެ ޒިންމާ މަތިކޮށްފައިވާ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންމެހައި ބާރުތައް އެންވަރަމެންޓު މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެ އިދާރާ އޮތޯރިޓީއަކަށް ބަދަލުކުރުމަށްފަހު އެވެ.

ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން އިއުލާނުކުރި މަޝްރޫއުތަކުގެ ތެރޭގައި އެތައް ސަތޭކަ އަހަރުވީ ބޮޑެތި ގަދީމީ މުރަކަތަކަކީ އާދަޔާ ހިލާފު މުރަކަތަކެއް ހުރި ބ. ގޮއިދޫ ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމާއި ހިމާޔަތްކޮށްފައިވާ ލ. ގާދޫގައި ޓްރާންސްޝިޕްމަންޓު ބަނދަރަކާއި ރިސޯޓެއް ހެދުން ހިމެނެ އެވެ.

މީގެ އިތުރުން، ދުނިޔެއަށް މަޝްހޫރު އެންމަޑި އާއި ފެހުރިހި އެންމެ ގިނައިން ފެންނަ އެއް ސަރަހައްދު ކަމަށްވާ ހަނިފަރު ބޭ އާއި ކިލޯމީޓަރެއް ދުރުގައި އޮންނަ ބ. ދޮންފަނު ހިއްކަން ކުރި މަސައްކަތް ވެސް މީގެ ތެރޭގައި ހިމެނެ އެވެ. ފާޑުކިޔުންތަކާއެކު އެ މަޝްރޫއު ފަހުން ކެންސަލް ކުރީ އެވެ.

އަދި، މީގެ 15 އަހަރު ކުރިން 2010 ވަނަ އަހަރު މަނާކޮށްފައިވާ ކަށިމިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.