ޕެރިސް (ސެޕްޓެމްބަރު 28) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން އޯޒެއާ 2-0 އިން ބަލިކޮށް ޕީއެސްޖީން އެއް ވަަނަ މަގާމަށް ޖެހިލައިފި އެވެ.
ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ، ތިން ވަަނައިގައި އޮތް މޮނާކޯ އަދި ހަަތަރެއްގައި އޮތް ލިޔޯން އަދި ފަސް ވަަނައިގައި އޮތް ސްޓްރާސްބޯ އިން ވަނީ ހަ މެޗުން 12 ޕޮއިންޓް ހޯދައިފަ އެވެ. އަދި، ހަ ވަނައިގައި އޮތް ލިލް އަށް ވަނީ ހަ މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޕީއެސްޖީން ރޭގެ މެޗުގައި ލީޑުނެގި ލަނޑު ޖެހީ މެޗުގެ 32 ވަނަ މިނިޓްގަ އެެވެ. މިއީ، ވިޓީނިއާ ތަަނަވަސްކޮށްދިން ފުރުސަތަކުން، އިލިއާ ޒަބާނިއޭ ޖެހި ގޯލެކެވެ. މިއީ ބޯންމައުތު ދޫކޮށް މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީ އަށް ބަދަލުވި، ޒަބާނިއޭ، އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ޔޫކްރޭނުގެ ޑިފެންޑަރު، ޒަބާނިއޭ މި ލަނޑު ޖެހީ ވޮލީ އަކުންނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން އަށް މިނިޓް ތެރޭ ޕީއެސްޖީން ދެ ވަނަ ލަނޑު ޖެހި އެވެ. އެ ގޮތުން، މެޗގެ 53 ވަނަ މިނިޓްގައި ސެނީ މަޔޫލޫ ނަގައިިދިން ހުރަހަކުން މި ލަނޑު ޖެހީ ލޫކަސް ބެރާލްޑޯ ބޮލުންނެވެ.
އޯޒެއާ އަށް ވެސް މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭނުން ނުކުރެވުނެވެ. އެ ގޮތުން، ކެވިން ޑަނޯއިސް ޖެހި ބޯޅަ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ސޭކޫ މާރާ ބޮލުން ޖެހި ބޯޅަ ސަލާމަތްކުރަން ޖެހުނީ ގޯލު ރޮނގުމަތިންނެވެ. ޕީއެސްޖީ އަށް އިތުރު ލަނޑެއް ޖަހައިދޭން ބްރެޑްލީ ބާކޮލާ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ،
Comment