28 ސެޕްޓެންބަރު 2025 - 11:17 0
ލީވާން އަލީ ނާސިރު
ލޯކަލް ގަވަމަންޓު އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް: މި ގާނޫނާ ހެދި ކައުންސިލުތަކުގެ ބައެއް މަސައްކަތްތައް ވަނީ ހުއްޓިފައި --- ފޮޓޯ: އެލްޖީއޭ
28 ސެޕްޓެންބަރު 2025 - 11:17 0
ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރިއިރު، އެ ގާނޫނުގައި ބުނާ ގޮތަށް އިސްލާހުކުރަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އަދި އަލަށް އެކުލަވާލަން ޖެހޭ އައު ގަވާއިދުތަކާއި އިސްލާހުތައް އެކުލަވާނުލާތީ ކައުންސިލުތަކަށް އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓް 6، ގަ އެވެ. އަދި އޮގަސްޓް 14، ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.
އެ ގާނޫނުގައި އޮތް ގޮތުން ބަންދު ދުވަސްތައް ލައިގެން މި މުއްދަތު ވަނީ މި މަހުގެ 13 ގައި ހަމަވެފަ އެވެ. ބަންދު ދުވަސްތައް ލައިގެން މި މުއްދަތު ހަމަވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހަށެވެ.
މިކަމާ ގުޅޭގޮތުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލްއާ އަދަދު އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ޖަވާބެއް ދެވޭނީ ލީގަލްއާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.
އެލްޖީއޭއިން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާނުލައި ދިގުލައިގެންދާތީ ކައުންސިލްތަކަށް ކޮންމެހެން ނަގަން ޖެހޭ މުވައްޒަފުން ނުނެގި، ގޯތި ދޫކުރުންފަދަ މުހިންމު އެތައް ކަމެއް ވަނީ މަޑުޖެހިފަ އެވެ. އެކަމާ ގުޅިގެން ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުންތައް ވެސް ފާޅުކުރަމުންނެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލު މުއިއްޒު ތަސްދީގުކުރެއްވީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އިދިކޮޅު އެމްޑީޕީން ބަޔާން ނެރެ އެ ބިލް ތަސްދީގު ނުކުރަން ގޮވާލާފައި ވަނިކޮށެވެ. ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އެއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލާނެ ބަދަލެއް ކަމަށެވެ.
"މި އިސްލާހުތަކަކީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާގުޅޭ އުސޫލުތަކާއި މުޅި ޖުމްލަ ގޮތެއްގައި ދިވެހި އެންމެހައި ރައްޔިތުންގެ ދިމިގްރާތީ އުންމީދުތަކަށް ފާޅުގައި ގޮންޖަހައި، ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން ހީލަތްތެރި ސިފައެއްގައި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް،" އެ ބަޔާންތަކުގައި ބުނެފައިވެ އެވެ.
ކައުންސިލުތަކުގެ މި ކަންބޮޑުވުން އޮތް ނަމަވެސް، މި ހުރިހާ ކަންބޮޑުވުމަކަށް ބީރުކަންފަތެއްދެއްވައި މުއިއްޒު ވިދާޅުވީ އެ ބިލުގައިވާ ކަންކަމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށާއި މިއީ އެ ނިޒާމު އިތުރަށް ތަރައްގީކުރުމަށް ޓަކައި ގެންނައި ބަދަލުތަކެއް ކަމަށެވެ.
ކައުންސިލްތަކުގެ ބާރު ކެނޑޭ ގޮތަށް ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން އެމްޑީޕީން ވަނީ ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. ކައުންސިލުތައް އުވާލުމަށް އަދި ވަކިވަކި ކައުންސިލަރުން ވަކި ކުރަން ކޯޓަށް ހުށަހެޅުމުގެ ބާރު އެލްޖީއޭއަށް ދިނުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ކައުންސިލުތައް އުވާލައި، ކައުންސިލަރުން ވަކި ކުރެވޭނެ އުސޫލެއް ތައާރަފު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ، ލާމަރުކަޒީ ނިޒާމުން ތަސައްވުރު ކޮށްފައިވާ އުސޫލުތައް މުގުރޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނަށް ގެންނަން ވިސްނާ ބަދަލުތަކެއްގެ ތެރެއިންނެވެ.
Comment