Advertisement

ލިލީ އެފްއެންބީ ފިހާރަ އަނދައި 10 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެ

28 ސެޕްޓެންބަރު 2025 - 09:38 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިހާރަ އަނދައި ހުލިވެފައި: ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ލިލީ އެފްއެންބީ ފިހާރަ އަނދައި 10 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެ

28 ސެޕްޓެންބަރު 2025 - 09:38 1

ބާޒާރުމަތީގައި ހުންނަ "ލީލީ އެފްއެންބީ ސަޕްލަޔާޒް 1" ފިހާރަ އެނދުމުގެ ސަބަބުން 10 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެ ފިހާރަ ހިންގާ ކުންފުނިން ބުނެފި އެވެ.

މުހައްމަދު އިބްރާހިމް ދީދީ ގޯޅީގައި ދެ ބުރިއަށް ހަދާފައި ހުރި އެ ފިހާރައިގައި އަލިފާން ރޯވީ ރޭ މެންދަމު އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން ރިޕޯޓުކޮށްފައެއް ނުވެ އެވެ.

ލިލީ އެންޓަޕްރައިޒަސްގެ އިސްވެރިޔަކު އަދަދު ނޫހާ ވާހަކަ ދައްކަމުން މިއަދު ބުނީ، އަލިފާން ރޯވި ފިހާރައިގައި ދެ މިލިއަން ވުރެ ގިނަ ރުފިޔާގެ މުދާ ހުންނާނެ ކަމަށާއި އެ ހުރިހާ މުދަލެއް އަލިފާނުގެ ސަބަބުންނާއި ފެނުގެ ސަބަބުން ހަލާކުވެފައިވާ ކަމަށެވެ.

ފިހާރައިގެ ލަކުޑި ފަންގިފިލާ ވެސް އަނދާފައިވާ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ސަބަބުން މުޅި އިމާރާތް އަލުން ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހާދިސާއިން ލިބުނު ގެއްލުން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންނާ ހަވާލާ ދީ ލިލީ ސްޓޯރުގެ އޮފިޝަލް ބުނީ އަލިފާން ރޯވީ ކަރަންޓު ޝޯޓޭޖަކުން ކަމަށެވެ.

ސިފައިންގެ މަސައްކަތުން އަލިފާންގަނޑު ރޭ ނިއްވާލި ނަމަވެސް ފިހާރަ ހިމެނޭ ސަރަހައްދު ފުލުހުން އަދި އޮތީ ބަންދުކޮށްފަ އެވެ.